އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ "ހޯޕް ކޮންފަރެންސް" 1150 މަންދޫބުންނާ އެކު މިއަދު ފަށައިފި އެވެ.
އިދިކޮޅު ޕީޕީއެމްގެ ހޯޕް ކޮންފަރެންސް މިއަދު މެންދުރު ފަށާފައިވާއިރު، މި ކޮންފަރެންސް ހޮނިހިރު ދުވަހާ ހަމައަށް ދެމިގެންދާނެ އެވެ.
ހޯޕް ކޮންފަރެންސްގެ ސެޝަންތައް މިއަދުން ފެށިގެން ދަރުބާރުގޭގައި ކުރިއަށްދާއިރު، މި ކޮންފަރެންސްގެ ތެރެއިން "ބުންވަރު"ގެ ނަމުގައި ހާއްސަ ހިނގާލުމެއް މާދަމާ ހަވީރު ބާއްވަން ހަމަޖެހިފައިވާ ކަމަށް ޕީޕީއެމުން ބުނެފައި ވެއެވެ.
ހޯޕް ކޮންފަރެންސްގެ ފުރަތަމަ ދުވަހު ބާއްވާ ސެޝަންތަކުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި ހިނގި ތަރައްގީގެ މަޝްރޫއުތަކާ ބެހޭ މަޝްވަރާތައް ކުރުމާއި، ރާއްޖޭގެ މިހާރުގެ އިޖްތިމާއީ އަދި އިގްތިސޯދީ ހާލަތާ ބެހޭ މަޝްވަރާތަކުގެ އިތުރުން މި ސަރުކާރުން އަމަލުތަކާ ބެހޭ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފަ އެވެ.
އަދި، މާދަމާގެ ސެޝަންތަކުގައި ރައީސް ޔާމީނަށް ކުރާ ދައުވާއާއި، ޒުވާނުން، އަންހެނުން އަދި މަސްވެރިންގެ ކުރިމަގާ ބެހޭ މަޝްވަރާތައް ކުރާނެ ކަމަށް ޕީޕީއެމުން ބުނެ އެވެ. ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޮންފަރެންސްގައި މީސް މީޑިއާގެ ދައުރާއި، ރިޔާސީ އިންތިހާބަށް ތައްޔާރުވުން ހިމެނެ އެވެ.

ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށްޓަކައި މި ކޮންފަރެންސްގައި ޕީޕީއެމުން ކެމްޕޭން ޓީމުތައް އެކުލަވާލާ، އިންތިހާބާ ބެހޭ ކަންކަން ޕާޓީން ކުރިއަށް ގެންދާނެ ގޮތާބެހޭ ތަފްސީލީ މަޝްވަރާތަކެއް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ޕީޕީއެމްގެ ރިޔާސީ ޓިކެޓު އެ ޕާޓީގެ ފުރަތަމަ ސަރުކާރުގައި ވެސް ރައީސްކަން ކުރެއްވި އެ ޕާޓީގެ ލީޑަރު އަބްދުﷲ ޔާމީނާ ވަނީ ހަވާލުކޮށްފަ އެވެ. ނަމަވެސް، މަނީ ލޯންޑަރިން އާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ އެމަނިކުފާނު ގެންދަވަނީ މާފުށީ ޖަލުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
އެ ހުކުމް ދެމި އޮތްހާ ދުވަހަކު ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތެއް ނެތެވެ. އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހުކުމް ހައި ކޯޓުގައި މިހާތަނަށް އިސްތިއުނާފްކޮށްފައި ނުވެ އެވެ.














