އައްޑޫ ސިޓީގެ ފޭދޫ ކައުންސިލް މެންބަރު އަހުމަދު ފައިސަލް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ދޫކޮށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއިކޮށްފި އެވެ.
ފައިސަލް އިދިކޮޅު ކޯލިޝަން ދޫކޮށް ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަށް މިއަދު ސޮއިކުރިކަން މިއަދު އެ ޕާޓީއިން ވަނީ އިއުލާންކޮށްފަ އެވެ.
ސޮއިކުރެއްވުމުގެ ކުރިން ފައިސަލް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އަދި އެ ޕާޓީގެ ޕީޖީ ގްރޫޕުގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްއާ ބައްދަލުކުރައްވާފަ އެވެ.
ފައިސަލް އެމްޑީޕީއަށް ގުޅުމާ އެކު މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވެސް ވަނީ މަރުހަބާ ދަންނަވާފަ އެވެ.
އައްޑޫ ސިޓީއަކީ މިވަގުތު އެމްޑީޕީގެ އެންމެ ގިނަ މެންބަރުން ތިބި ސިޓީ އެވެ. އެގޮތުން އެމްޑީޕީގައި މިވަގުތު ތިބި 57،000 މެންބަރުންގެ 12 އިންސައްތަ އަކީ އައްޑޫ ސިޓީއަށް ނިސްބަތްވާ މެންބަރުންނެވެ.














