އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގުތަކަށް މައުލޫމާތު ހޯދުމުގައި އިމިގްރޭޝަންގެ ޑޭޓާބޭސްތަކަށް ކަނޑައެޅޭ ވަކި ލިމިޓެއްގެ ތެރެއިން އެކްސެސް ދެވޭނެ އެއްބަސްވުމެއްގައި ދެ އިދާރާއިން ސޮއިކޮށްފި އެވެ.
އިމިގްރޭޝަންގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ސޮއިކުރެއްވި ކޮމިޝަނުންގެ ރައީސް އާދަމް ޝާމިލް އެވެ. އަދި މޯލްޑިވްސް އިމިގެރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު އަހްމަދު ހުސައިން އެވެ.
މި އެއްބަސްވުމުގެ ދަށުން، އޭސީސީން ކުރަމުން ގެންދާ ތަހުގީގުތަކާ ގުޅިގެން ކޮމިޝަނަށް އެއްބާރުލުން ދިނުމާއި، ކޮރަޕްޝަން ވިޔަނުދިމަށްޓަކައި ދެ މުއައްސަސާ ގުޅިގެން ކުރެވޭނެ މަސައްކަތްތައް ދެނެގަނެވި އެ މަގްސަދު ހާސިލުކުރެވޭނޭ ގޮތެއްގެ މަތިން ކުރާނޭ މަސައްކަތްތައް ކަނޑައެޅިގެންދާނެ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭސީސީގެ މެންބަރު ޝިޔާމާ މުހައްމަދު ވިދާޅުވީ ދެ މުއައްސަސާގެ މެދުގައި ފުޅާ ދާއިރާއެއްގައި ކުރެވުނު މަޝްވަރާތަކަށްފަހު ސޮއިކުރި މި ފަހުމުނާމާގެ ދަށުން އެންމެ މުހިންމު ކަމެއްގެގޮތުގައި ފާހަގަކުރެވެނީ އޭސީސީގެ ތަހުގީގުތަކަށް މައުލޫމާތު ހޯދުމުގައި އިމިގްރޭޝަންގެ ޑޭޓާބޭސްތަކަށް ކަނޑައެޅޭ ވަކި ލިމިޓެއްގެ ތެރެއިން ނަމަވެސް އޭސީސީއަށް އެކްސެސް ދެވިގެންދިއުން ކަމަށެވެ.
މީގޭ އިތުރުން ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު އަހްމަދު ހުސައިން ވިދާޅުވީ، އިމިގްރޭޝަން ފަދަ މުހިއްމު ހިދުމަތެއް ފޯރުކޮށްގެން ތިބޭ މުއްސަސާއެއްގެ ކޮންމެ މުވައްޒަފަކީ ވެސް ނަޒާހަތްތެރިކަން އިސްކުރާ އަދި ދެތުވެރިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތްކުރަންޖެހޭ މީހަކަށް ވާންޖެހޭނެ ކަމަށެވެ.

މި ސޮއިކުރި އެއްބަސްވުމާއެކު ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ ތަމްރީނުތަކުގެ ސަބަބުން، ކޮރަޕްޝަންގެ އަމަލުތަކަށް އިތުރަށް ހޭލުންތެރިވެ މުވައްޒަފުންނަށް ވެސް އެދެވޭ ތަޖުރިބާއާ ތަމްރީނު ލިބިގެންދާނެ ކަމަށެވެ.












