އައްޑޫ ސިޓީ ފޭދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުން ހުއްޓާލާފައިވާ ކަމަށް ބުނެ ދައުރުވަމުންދަނީ ދޮގު ހަބަރުތަކެއް ކަމަށާއި މާދަމާ ފޯމު ބަލައިގަންނަން ފަށާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
ފޭދޫން ދޫކުރުމަށް ހަމަޖެހިފައިވާ ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލިކަން ކައުންސިލުން އިއުލާނު ކުރީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުގެ ދަންވަރުގެ ވަގުތެއްގަ އެވެ. އެކަމާއި ގުޅިގެން ސިޓީ ކައުންސިލަށް ބޮޑެތި ފާޑުކިޔުންތަކެއް ވެސް އަމާޒުވި އެވެ.
ފޭދޫން ދޫކުރަން އިއުލާނުކުރީ 1،500 އަކަފޫޓުގެ 300 ގޯއްޗެވެ. އޭގެތެރެއިން 270 ގޯތި ދޫކުރަނީ ފޭދޫ ރައްޔިތުންނަށެވެ. އަދި، 30 ގޯތި ދޫކުރަނީ ފޭދޫ ފިޔަވައި އައްޑޫގެ އެހެން އަވަށްތަކުގެ ރައްޔިތުންނަށެވެ.
އެ ގޯތިތަކަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ފެބްރުއަރީ 16، އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ. ފޯމުތައް ބަލައިގަންނަން ދުވަހަކަށް ވެފައި ވަނިކޮށް ގޯތި ދިނުން ހުއްޓާލާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.
"އަދަދު" އަށް މައުލޫމާތު ދެއްވަމުން ފޭދޫ މަގުއްދޫ ދާއިރާގެ ކައުންސިލަރު އައިމިނަތު ސަލްމާ ވިދާޅުވީ އެ އިއުލާން ކެންސަލްކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ވެސް އަދި ފޭދޫ އޮފީހުން ވެސް ބުނެފައި ނުވާ ކަމަށެވެ.

އަދި، ކުރިން ކޮށްފައިވާ އިއުލާނާ އެއްގޮތަށް މާދަމާއިން ފެށިގެން ފޯމުތައް ބަލައިގަންނަން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ފޯމުގައި އިދާރީ ކުށްތަކެއް ހުރުމުގެ ސަބަބުން އިސްލާހުކޮށް އަލުން ވަނީ އަޕްލޯޑުކޮށްފަ އެވެ.
ފޭދޫގެ އިތުރުން އައްޑޫ ސިޓީ ކައުންސިލުން ވަނީ ހިތަދޫ، ހުޅުދޫ އަދި މީދޫ އިން ގޯތި ދޫކުރުމަށް އިއުލާންކޮށްފައެވެ. މި ގޮތުން ފޭދޫއިން ދިރިއުޅުމަށްޓަކައި 1500 އަކަފޫޓުގެ 300 ބަންޑާރަ ގޯތި އާއި ހުޅުދޫ 2000 އަކަފޫޓުގެ 100 ގޯތި އަދި މީދޫ އިންވެސް 2000 އަކަފޫޓުގެ 100 ގޯތި ދޫކުރުމަށް ކައުންސިލުން ވަނީ އިއުލާންކޮށްފައެވެ.
ސިޓީ ކައުންސިލަށާއި ސަރުކާރަށް މިކަމާ ގުޅިގެން ފާޑުކިޔުން އަމާޒުވީ ނިމިގެންދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލުމުންނެވެ. އެ ޕްރައިމަރީގައި އައްޑޫ ސިޓީގެ މެޖޯރިޓީ 52 ޕަސެންޓާ އެކު ހޯއްދެވީ ރައީސް އިބްރާާހިމް މުހައްމަދު ސޯލިހެވެ.
އެމަނިކުފާނާ ވާދަކުރެއްވި މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ކޭމްޕޭން ޓީމުން ވަނީ ސަރުކާރުން މަޝްރޫއުތައް އިއުލާނުކޮށް ވޯޓަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެފަ އެވެ. އަދި، އެފަދަ ޝަކުވާތަކެއް ވަނީ ހުށަހަޅާފަ އެވެ.












