ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާނުކޮށް، 44 މިލިއަން ރުފިޔާ މިނިސްޓްރީގެ އެކައުންޓުތަކުގައި

ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާނުކޮށް، 44 މިލިއަން ރުފިޔާ މިނިސްޓްރީގެ އެކައުންޓުތަކުގައި

ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާނުކޮށް، ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ނަމުގައި ހުޅުވާފައިވާ އެކި އެކައުންޓުތަކުގައި 44 މިލިއަން ރުފިޔާ ހުރި ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނީ، އެ އަހަރުގެ ނިޔަލަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ތަފާތު ފަސް އެކައުންޓެއްގައި ޖުމްލަ 44 މިލިއަން ރުފިޔާ ހުރި ކަމަށާއި، އޭގެ ތެރެއިން ހަތަރު އެކައުންޓެއް މެދުވެރިކޮށް އާންމުކޮށް ލޯނުދޫކުރުން ވެސް ހުއްޓާލާފައިވާ ކަމަށެވެ.

އާންމުކޮށް ލޯނު ދޫކުރުން ހުއްޓާލާފައިވާ ހަތަރު އެކައުންޓުގައި ވެސް ޖުމްލަ 33 މިލިއަން ރުފިޔާ ހުރި ކަމަށާއި، އެ ފައިސާ ޕަބްލިކް ބޭންކް އެކައުންޓަށް ޓްރާންސްފާ ކޮށްފައި ނުވާ ކަމަށް އޮޑިޓު ރިޕޯޓުގައި ވެއެވެ. ހަމައެއާއެކު، އެ އެކައުންޓުތަކަށް ބަލައިގަންނަ ދައިސާ ޕަބްލިކް ބޭންކިން ސިސްޓަމަށް ޕޯސްޓްކޮށްފައި ނުވާ ކަން ވެސް ފާހަގަކޮށްފައިވެ އެވެ.

އޮޑިޓު ރިޕޯޓުގައި ބުނީ، މީގެ ކުރީ ތިން އަހަރުގެ އޮޑިޓް ރިޕޯޓުން ވެސް އެކަން ފާހަގަވެ، އިސްލާހުކުރަން ލަފާދިން ކަމަށާއި، މިނިސްޓްރީން ލަފައާ އެއްގޮތަށް އަމަލުކޮށްފައި ނުވާ ކަމަށެވެ.

ދައުލަތުގެ މާލިއްޔަތު ގާނޫނުގައި އޮންނަ ގޮތުގައި ދައުލަތުގެ އެންމެހާ ފައިސާ ބަހައްޓަންވާނީ ޕަބްލިކް ބޭންކް އެކައުންޓުގަ އެވެ. އަދި ޕަބްލިކް ފަންޑަކުން އެޑްވާންސްގެ ގޮތުގައި ދޫކުރާ ފައިސާ ފިޔަވައި އޮފީހަކުން ހޯދާ އަދި ބަލައިގަންނަ ހުރިހާ ފައިސާއެއް ޖަމާކުރަންވާނީ ޕަބްލިކް ބޭންކް އެކައުންޓަށެވެ. ނަމަވެސް އެ އެކައުންޓު ނޫން އެހެން އެކައުންޓެއްގައި ފައިސާ ބަހައްޓަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރަން މާލިއްޔަތު ގަވައިދުން ތަން ދެއެވެ.

ގަވައިދުގެ ދަށުން އިތުރު އެކައުންޓްތައް ހުޅުވާ ފައިސާ ބެހެއްޓުނު ނަމަވެސް، އެގޮތަށް ޖަމާކުރާ ފައިސާ ވެސް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޕަބްލިކް ބޭންކް އެކައުންޓަށް ޓްރާންސްފާ ކުރުމަށް ދައުލަތުގެ މާލީ ނިޒާމު ރޭވިފައިވާ ގޮތަށް ބަލާއިރު މުހިންމު ކަމެއް ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓުތަކުގެ ތެރޭގައި ވޯލްޑް ބޭންކުގެ ލޯނު ސްކީމަށް ހުޅުވި އެކައުންޓާއި، އެޑިޔުކޭޝަނަލް އެސިސްޓެންސް ލޯނު ސްކީމަށް ހުޅުވި އެކައުންޓާއި، ބޭންކް އޮފް ސިލޯނުގައި ހުޅުވާފައިވާ ނެޝަނަލް ސްޓޫޑެންޓް ލޯނު ސްކީމް އަދި މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް އެހީވެދޭ ގައުމީ ފަންޑް ސްކީމުގެ އެކައުންޓު ހިމެނެ އެވެ.

ވޯލްޑް ބޭންކް ލޯނު ސްކީމް އެކައުންޓް

މި އެކައުންޓަކީ ވޯލްޑް ބޭންކުގެ އެހީގައި ކިޔަވާފައިވާ ދަރިވަރުންނަށް ކޮށްފައިވާ ހަރަދުގެ ތެރެއިން ދައުލަތަށް އަނބުރާ ދައްކާ ފައިސާ ޖަމާކުރުމަށް ހުޅުވާފައިވާ އެކައުންޓެކެވެ. އެ އެކައުންޓުގައި 2021 ވަނަ އަހަރުގެ ނިޔަލަށް ހަތް މިލިއަން ރުފިޔާ ހުރިއިރު، އެ ފައިސާއަކީ ވޯލްޑް ބޭންކަށް އަނބުރާ ރައްދުކުރަން ޖެހޭ އަދި އެއްވެސް ހަރަދެއް ކުރަންޖެހޭ ފައިސާއެއް ވެސް ނޫނެވެ.

އެހެންކަމުން އެ ފައިސާ ޕަބްލިކް ބޭންކް އެކައުންޓު ނޫން އެކައުންޓެއްގައި ބެހެއްޓުމަކީ ދައުލަތަށް އެންމެ ފައިދާހުރި ގޮތް ނޫން ކަމަށް އޮޑިޓް ރިޕޯޓުގައި ވެއެވެ.

އެޑިއުކޭޝަނަލް އެސިސްޓެންސް ލޯނު ސްކީމް އަދި ބީއޯސީގެ ނެޝަނަލް ސްޓޫޑެންޓް ލޯނު ސްކީމް

މި ދެ ސްކީމަކީ ވެސް މިހާރު ލޯނު ދޫކުރުން ހުއްޓާލާފައިވާ ދެ ސްކީމެވެ. އެޑިއުކޭޝަނަލް އެސިސްޓެންސް ލޯނު ސްކީމަށް ހުޅުވާފައިވާ އެކައުންޓަށް ކިޔަވާ ނިމުމު ދަރިވަރުން ސަރުކާރަށް އަނބުރާ ދައްކަންޖެހޭ ފައިސާ ޖަމާ ކުރެ އެވެ. އެ އެކައުންޓުގައި 16 މިލިއަން ހުރިއިރު، ނެޝަނަލް ސްޓޫޑަންޓް ލޯނު ސްކީމުގެ ދަށުން ބޭންކް އޮފް ސިލޯނުގައި ހުޅުވާފައިވާ އެކައުންޓުގައި ވެސް ފަސް މިލިއަން ރުފިޔާ ހުރި ކަމަށް އޮޑިޓް ރިޕޯޓުގައި ވެއެވެ.

އޮޑިޓް ރިޕޯޓުގައި ބުނީ މި ދެ އެކައުންޓު މެދުވެރިކޮށް ލޯނު ދޫކުރުން ހުއްޓާލާފައިވާއިރު، އެކައުންޓުގައި ފައިސާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާނުކޮށް ހުރުމަކީ ދައުލަތަށް އެންމެ ފައިދާހުރި ގޮތް ނޫން ކަމަށެވެ.

ގައުމީ ފަންޑް ސްކީމް އެކައުންޓު

ފިނޭންސް މިނިސްޓްރީގެ ހުއްދައާއެކު، މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް އެހީވެދޭ ގައުމީ ފަންޑް ސްކީމުގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުގައި 2021 ވަނަ އަހަރުގެ ނިޔަލަށް ހުރީ ތިން މިލިއަން ރުފިޔާ އެވެ. މިއީ 2019 ވަނަ އަހަރުން ފެށިގެން ދަރިވަރުން ފައިސާ ޖަމާކުރަމުން އަންނަ އެކައުންޓެކެވެ.

އެ އެކައުންޓުގައި ހުރި ފައިސާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައި ނުވާއިރު، އެކައުންޓު ހުޅުވަން ހުއްދަ ދިން އިރު، އެކައުންޓުގެ ހިސާބުތައް ބަލަހައްޓާ، މަހުންމަހަށް ރިކޮންސައިލް ކޮށް، އެކައުންޓަށް ޖަމާވާ ފައިސާ ދުވަހުން ދުވަހަށް ޕަބްލިކް ބޭންކް އެކައުންޓަށް ޓްރާންސްފާ ކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންގާފަ އެވެ.

އޮޑިޓް ރިޕޯޓުގައި ބުނީ، ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާނުކޮށް ދައުލަތިގެ ފައިސާ އެކި އެކައުންޓުތަކުގައި ބަހައްޓާނަމަ ދައުލަތުގެ ކޭޝް ފްލޯ މެނޭޖުކުރަން ދަތިތައް ކުރިމަތިވާނެ ކަމަށްވެ. އަދި ދައުލަތުން ފައިސާ ހަރަދުކުރަންޖެހޭ ކަންކަމަށް ހަރަދު ނުކުރެވި، އެކަމުގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށް ދަތިވާނެ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox