ސަރުކާރުގެ ހިލޭ ޑިގްރީ ސްކީމުގެ ދަށުން ކިޔަވަމުންދާ ދަރިވަރުންގެ ރެކޯޑް އެކަށީގެންވާ ގޮތަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބަލަހައްޓަފައި ނުވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ހިލޭ ޑިގްރީ ސްކީމުގެ ދަށުން ކިޔަވާ ދަރިވަރުންނަށް ފައިސާ ދޫކޮށްފައިވާ ގޮތުގެ ތަފްސީލުތައް އަދާހަމަކޮށް މިނިސްޓްރީން ބަލަހައްޓާފައި ނުވުން ހިމެނެ އެވެ. އެ މައުލޫމާތު ބަލަހައްޓާފައި ނުވުމުގެ ސަބަބުން ކޮންމެ ކުއްޖަކަށް ދޫކުރަންޖެހެނީ ކިހާ ފައިސާއެއްކަން އަދި އިތުރަށް ފައިސާއެއް ދެވިފައިވާކަން ކަށަވަރު ކުރެވިފައެއް ނުވެ އެވެ.
ހަމައެއާއެކު އެ ރިކޯޑުތައް އެކަށީގެންވާ ގޮތެއްގައި ބަލަހައްޓާފައި ނުވުމުން، އުސޫލާ އެއްގޮތަށް ފަންޑިން ހުއްޓާލަން ޖެހިފައިވާ ކުދިންނަކީ ކޮބާކަމެއް ވެސް ނޭނގެ އެވެ. އަދި އެފަދަ ދަރިވަރުންނާމެދު އުސޫލުގެ ދަށުން ފިޔަވަޅު އަޅައި، ދަރިވަރުން އަތުން އަނބުރާ ފައިސާ ހޯދަން ޖެހޭކަން ނުވަތަ ނޫންކަން އޮޑިޓުގެ ތެރެއިން ބެލިފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ވެއެވެ.
އޮޑިޓް ރިޕޯޓުގައި އިތުރަށް ބުނީ، ފަންޑިން ހުއްޓާލަން ޖެހޭ ދަރިވަރުންގެ ރިކޯޑްތައް ހޯދުމަށް އެކި ފަހަރު މަތިން އެދުމުން ވެސް އެ ރިކޯޑުތައް ހުންނާނެ ކަމަށް ބުނުމަށްފަހު އެ މައުލޫމާތު އޮޑިޓަރުންނާ ހިއްސާކޮށްފައި ނުވާ ކަމަށެވެ.
2021 ވަނަ އަހަރުގެ ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން ފުރަތަމަ ޑިގްރީއަށް ކިޔަވާ ދަރިވަރުންނަށް ސަރުކާރުން ވަނީ 141 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ.

މީގެ އިތުރުން އެ އޮޑިޓް ރިޕޯޓުގައި ވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބީއެމްއެލްގައި ބަލަހައްޓަމުން ގެންދާ ނެޝަނަލް ސްޓޫޑެންޓް ލޯނު ސްކީލް އެކައުންޓަށް ފައިސާ ޖަމާކުރަންޖެހޭ ދަރިވަރުންގެ ފުރިހަމަ ދަފްތަރެެއް 2021 ވަނަ އަހަރު ބަލަހައްޓާފައި ނުވާކަން ވެސް ފާހަގަކޮށްފަ އެވެ.
ރިކޯޑް ނުބެލެހެއްޓުމުގެ ތުހުމަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް އޮޑިޓް އޮފީހުން ކޮށްފައިވާއިރު، ދައުލަތުގެ އޮފީސްތަކުގެ ހިސާބުތަކުގެ ރިކޯޑުތަކާއި، އިދާރީ ބޭނުންތަކަށާއި، އޮޑިޓްކުރަން ފަސޭހަވާނެ ގޮތަށް ތަރުތީބުން ރައްކާތެރިކަމާއެކު، ރައްކާތެރި ތަނެއްގައި ބެހެއްޓުމަކީ ދައުލަތުގެ މާލިއްޔަތު ގަވައިދުން ދައުލަތުގެ އޮފީސްތަކުގެ މައްޗަށް ލާޒިމުކުރާ ކަމެކެވެ.













