އިދިކޮޅު ކޯލިޝަނުގެ ލީޑާޝިޕްގެ ބޭފުޅުން، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ އިސްވެރިންނާއި ބައްދަލުކޮށް އެ ބޭފުޅުންގެ ކަންބޮޑުވުންތަކާއި ގުޅިގެން މިއަދު މަޝްވަރާކޮށްފި އެވެ.
ޕީޕީއެމުން ބުނީ، އެޕާޓީން ކަންބޮޑުވުން ފާޅުކުރި ކަންތައްތަކުގެ ތެރޭގައި ޕީއެސްއެމްގެ ޗެނަލްތަކުން އިދިކޮޅަށް ފުރުސަތު ނުލިބޭކަމާއި، ހަމަހަމަކަމާއެކު ހަބަރުތަކަށް ފުރުސަތު ނުލިބޭ މައްސަލަ ފާހަގަކޮށްފައިވާ ކަމަށެވެ.
އަދި، ދައުލަތުގެ މީޑިއާއަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން ހިންގާ ތަނަކަށްވެފައި ރައްޔިތުންނަށް ދެފަރާތް ފެންނަ ގޮތަށް ހަބަރުތައް ގެނެސްނުދެވޭކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް ވެސް ޕީޕީއެމުން ބުނެފައިވެ އެވެ.
"ވަކި ޕާޓީއެއް ޕްރޮމޯޓް ކުރުމާއި ޕާޓީގެ ހައިސިއްޔަތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކުރާކަންކަން ވެސް ޕީއެސްއެމްއިން ޕްރޮމޯޓް ކުރާތީ އެކަމުގެ ކަންބޮޑުވުން ހިއްސާ ކުރެވުނު. އަދި ރައީސްގެ ކެޕްމެއިން ހަރަކާތް ކުރިއަށް ގެންދިއުމަށް އެހީތެރިވާކަމާއި އެގޮތުން ދައުލަތުގެ މީޑިއާގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކުރާ ކަމާއި އެމްޑީޕީގެ ޕްރައިމަރީ ތެރޭގައިވެސް ރައީސްގެ ހަރަކާތް ޕީއެސްއެމްގެ ޗެނަލްތަކުން ގެނެސްދޭކަން ފާހަގަކުރެވުނު." ޕީޕީއެމުން ބުނެފައިވެ އެވެ.
ޕީއެސްއެމްގެ ގާނޫނުގައިވާ ކަންކަން ތަންފީޒު ކުރުމުގައި ޕީއެސްއެމްގެ ބޯޑާއި މެނޭޖްމަންޓް އިހުމާލުވެފައިވާ ކަމަށްވެސް އިދިކޮޅުން ފާހަގަކުރި އެވެ.

އަދި، އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓެއް ހުރި އިރު އެއްވެސް ގޮތަކަށް އިދިކޮޅުގެ ވާހަކަތައް ހަބަރުގައި ވެސް ގެނެސް ނުދޭ ކަމަށާ ސަރުކާރުގެ ސިޔާސަތުތަކާއި ނިންމުންތަކާއި ގުޅިގެން އިދިކޮޅުގެ ބަހެއް ނުހޯދާތީ ވެސް ކަންބޮޑުވުންވެސް ފާޅުކުރި އެވެ.
އޭގެ އިތުރުން ޕީއެސްމްގައި ތިބި ފަންނީ އަދި ގިނަ ދުވަސްވީ މުވައްޒަފުން ވަރަށް ބޮޑަށް ނިކަމެތި ކޮށްލެވި ހިދުމަތްތެރި އެތައް މުވައްޒަފުންނެއް މެނޭޖްމެންޓާއި މެދު ހިތްހަމަނުޖެހިގެން ކެނޑިގެން ގޮސްފައިވާ ކަމަށް ބުނެ މިހާރު ތިބި މުވައްޒަފުންގެ ނުތަނަވަސްކަން ފިލުވައި ދިނުމަށް ވެސް އިދިކޮޅުން އެދުނެވެ.
އޭގެ އިތުރުން ޕީޕީއެމުން ވަނީ ޕީއެސްއަމްއަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާ ފުރިހަމައަށް އަދާކުރުމަށް އިލްތިމާސްކޮށްފަ އެވެ.













