ލޯކަލް ޓޫރިޒަމް ފުޅާވެ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ދިމާވެފައިވާ ކ. މާފުށީ ބަނދަރުގެ ޖާގަ ބޮޑުކޮށް ތަރައްގީ ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ.
އެގޮތުން، 600 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި މި މަޝްރޫއުގެ ދަށުން 28،000 އަކަ މީޓަރުގެ ފަޅު ފުންކޮށް، 63،000 އަކަ މީޓަރުގެ ސަރަހައްދެއްގެ އައު ހާބަރު ބޭސިން ފުންކުރާނެ އެވެ. އަދި، 31 މީޓަރުގެ ބޭރު ތޮށި ލައި، 680 މީޓަރުގެ ހިލަ ޖެހުމަށް ވަނީ ހަމަޖެހިފަ އެވެ.
އީއައިއޭ ހެދުމަށްފަހު އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ މި މަޝްރޫއަށް ޖުމްލަ 76.48 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.
ރާއްޖޭގައި އެންމެ ގިނަ ގެސްޓްހައުސް ހުރި އެއް ރަށް ކަމަށްވާ މާފުއްޓަކީ ޓުއަރިސްޓުން އަދި ދިވެހިންވެސް އެންމެ ގިނައިން ދަތުކުރާ އެއް މަންޒިލެވެ. ނަމަވެސް އެރަށުގެ ބަނދަރުގެ ހާލަތު ދަށްވުމާއި ޖާގަ ކުޑަވުމުގެ ޝަކުވާ އެ ރަށުގެ ރައްޔިތުންނާއި އިދާރާތަކުން ވަނީ ތަކުރާރުކޮށް ކޮށްފަކަން ފާހަގަކޮށްލެވެ އެވެ.














