ކީރިތި ގުރުއާން އަންދާލުމުގެ ހުއްދަ ސްވިޑަންގެ ސަރުކާރުން ދިން މައްސަލަ އެންމެ ހަރުކަށިކޮށް ކުށްވެރިކޮށް، އެކަމާ ދެކޮޅަށް ދިވެހީންގެ އަޑު އުފުލައިދިނުމަށް ޕީޕީއެމް އިން ދިވެހި ސަރުކާރަށް ގޮވާލައިފި އެވެ.
އެމައްސަލައިގައި ޕީޕީއެމުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މާތްﷲގެ ކަލާމްފުޅު، ކީރިތި ގުރުއާން އަންދާލުމުގެ ހުއްދަ ސްވިޑަންގެ ސަރުކާރުން ދިފައިވާތީ، އެކަން ކޯލިޝަންގެ ފަރާތުން އެންމެ ހަރުކަށިކޮށް ކުށްވެރި ކުރާ ކަމަށެވެ.
"މުސްލިމުންނާ ދެކޮޅަށް ހިންގޭ މިފަދަ ލާދީނީ އަދި ލާއިންސާނީ ހަރަކާތްތަކަކީ އެއްގޮތަކަށް ވެސް މިކޯލިޝަނުން ބަލައިގަންނާނޭ ކަމެއް ނޫން. މިކަމުގެ ސަބަބުން މުސްލިމުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދި އެހެން ދީންތަކުގެ މީހުންގެ މެދުގައިވެސް ނަފްރަތާއި ރުޅިވެރިކަން އުފެދި ބޮޑު ހަމަނުޖެހުމަކަށް ދިއުމުގެ ފުރުސަތު ތަނަވަސްވެގެން ހިނގައިދާނޭ ކަމަށް ގަބޫލުކުރެވޭ،" ޕީޕީއެމުގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެހެންކަމުން ސްވިޑަން ސަރުކާރުން ކީރިތި ގުރުއާން އަންދާލުމަށް ދީފައިވާ ހުއްދަ ބާތިލުކޮށް ނަފްރަތާއި ރުޅިވެރިކަމަށް ޖާގަ ލިބޭ މިފަދަ އަމަލުތަކުން ދުރުވުމަށް ޕީޕީއެމުން ވަނީ ގޮވާލާފަ އެވެ.
އޭގެ އިތުރުން، ސްވިޑްން ސަރުކާރުން ކީރިތި ގުރުއާން އަންދާލުމުގެ ހުއްދަ ދިން މައްސަލައިގައި ދިވެހި ސަރުކާރުގެ ބަސް ދުނިޔެއަށް އިއްވައި މިކަމާ ދެކޮޅަށް ދިވެހީންގެ އަޑު އުފުލައިދިނުމަށް ވެސް ޕީޕީއެމުން ވަނީ ގޮވާލާފަ އެވެ.














