ވިސްނުމާއި ފިކުރާއި ހިކުމަތާ ކެތްތެރިކަން ނުލައި ދެމެހެއްޓެނިވި ތަރައްގީއެއް ނުލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ހދ. ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ފެށުމަށް އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ ވަރަށް ރަނގަޅަށް ދިރާސާކޮށް ޕްރޮޖެކްޓެއް ފަހުން ނުހުއްޓޭނެ ގޮތަށް ވިސްނަވައިގެން ކަމަށެވެ.
"މިހާރު މުޅިރާއްޖެއަށް މިގެންނަ ތަރައްގީގެ ބަދަލު އަޅުގަނޑުމެން ފުރަތަމަ ފަށަނީ ގަލަމު ތުނޑުން. ރަނގަޅަށް ދިރާސާ ކުރެވި، ހިސާބު ކިތާބުން ނަތީޖާ ހޯދުން. އެނަތީޖާގެ މައްޗަށް ފުރިހަމަ ޕްލޭނެއް ހެދުން. އެގޮތަށް އެކަން ނުކުރެވިއްޖެ ނަމަ، މިޒަމާނުގާ އެއީ ނުވާކަމެއް ފަދަ ކަމެއް. އެގޮތަށް އެކަން ނުކޮށްފި ނަމަ އެއީ ހަމަ ކަނޑުގައި އެޅި ރޮނގެއް. އެއާ އިދިކޮޅަށް ކަންކުރީމާ ދެންވަނީ މާ ދެރަގޮތެއް. ވިސްނުމާ ފިކުރާ ހިކުމަތާ ކެތްތެރިކަމާ ނުލާ ، ދެމެހެއްޓެނިވި ތަރައްގީއެއް ނުލިބޭނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް
އަގު: 136 މިލިއަން ޑޮލަރު
ކެޕޭސިޓީ: އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ

ރަންވޭ: 2،46 ކިލޯމީޓަރު
ރައީސް ވިދާޅުވީ ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ސަރުކާރުން ފެށީ އެފަދަ ހަރުދަނާ ވިސްނުމެއްގެ ތެރެއިން ކަމަށެވެ.
"ހަނިމާދޫ ބައިނަލް އަގްވާމީ އެއާޕޯޓު ގެ މަސައްކަތް މިއަދު މިފެށީ އަޅުގަނޑުމެންގެ ގޮތަށް. ހުއްޓިއޮވެ، ފަހަތަށް ގޮސް، ގެއްލި ހުސްނުވާ ގޮތަށް. މި ފެށި ގޮތަށް ފެށީމާ މާތްﷲ ގެ އިރާދަޔާއެކު ދެން މިކަމެއް ނުހުއްޓޭނެ. ފަހަތަކަށްވެސް ނުދާނެ،" ރައީސް ވިދާޅުވި އެވެ.
ޖެނުއަރީ 28، ގައި ބާއްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާ ވާދަ ކުރައްވާ، ރައީސް ސޯލިހު ވިދާޅުވީ ގައުމެއްގެ ކަންކަން ހަމަ މަގަށް ހިންގޭނީ "ވަރަށް ގިނަ އަމިއްލަ އިހްސާސް" އެއް ފަރާތްކޮށްގެން ކަމަށެވެ.
ރައްޔިތެއް، ގައުމެއްގެ ކަންކަން ހަމަމަގުން ހިންގޭނީ، ވަކި ހަމަތަކަކުން. ވަރަށްގިނަ އަމިއްލަ އިހްސާސާ، ދޭދޭ ޖަޒްބާތު އެއްފަރާތް ކޮށްގެން. ކެހި ކަނޑުލުގެ ހިތި ފިލުވޭނެ ކެތްތެރިކަމާ ވިސްނުން ނެތި، ކަނޑޫ ކަހައިފި ނަމަ، އެހިތި އެންމެންގެ އަރުގާ ލާނެ. ކުރިއަށްދާން ޖެހޭ ސީދާ މަގުން ކައްސާލާ، މަގުމަތިވާނެ. ވިސްނުމެއް ރޭވުމެއް ނެތިއްޖެ ނަމަ ރޭވެއަލި ވިލޭއިރު އެންމެން އެކީ އެއްފަހަރާ ބިކަވާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ތަރައްގީ އަންނަނީ ވަކި ހާއްސަ ކަންކަމެއް ވަކި ގޮތަކަށް ކޮށްގެން ކަމަށެވެ. ބޮޑުތިލަދުންމަތީގެ ތަސައްވަރު ސަރުކާރުން ބިނާ ކުރަނީ އެފަދައަށް ހަރުދަނާކޮށް ވިސްނައިގެން ކަމަށް ރައީސް ވިދާޅުވި އެވެ.
"ކުރިންވެސް އަޅުގަނޑު ދެންނެވިން. ސަރުކާރުގެ ހުރިހާ ސިޔާސަތުތަކާ، އަމާޒު ގޮސްނިމޭ، ވަކި ހާއްސަ ދިމާއެއް އޮންނަ ވާހަކަ. މާނަވީ ޖަޒީރާ ރާއްޖޭގެ އަމާން ބަނދަރު ހިފުމަށްޓަކާ، ދާންޖެހޭ މަގަކާ، ވާންޖެހޭ ކަންތައްތަކެއް ހުރި ވާހަކަ. އަނެއްކާވެސް ދަންނަވަން. ބޮޑު ތިލަދުންމައްޗާ ރާއްޖޭގެ އުތުރަށް ޖެހެން މިފެށީ އަބަދުވެސް މިދަންނަވާ ބޮޑު ބަދަލުގެ، ހެޔޮ ރޯޅި. މިބަދަލުގެނެވެނީ ވަކި ހާއްސަ ކަންތައްތަކެއް ވަކި ގޮތަކަށް ކޮށްގެން،" ރައީސް ވިދާޅުވި އެވެ.











