މާލޭ ރަސްމީ ފާލަން ސަރަހައްދުން ފަނަރަ ފީފާ ތެޔޮ ނަގާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
މާލޭ ރަސްމީ ފާލަމާ ދިމާ ފަޅުތެރެއަށް "ކަޅު ތެޔޮ" އެޅިފައި ހުރިކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެތަން ސާފުކުރުމުގެ މަސައްކަތް އެމްއެންޑިއެފުން ފަށާފައިވާއިރު، އެ ސަރަހައްދަށް 1000 ލީޓަރުގެ ތެޔޮ އެޅިފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ އެ ސަރަހައްދަށް އެޅިފައިވާ ތެޔޮ ނެގުމުގެ މަސައްކަތް މިހާރު ނިންމާލާފައިވާ ކަމަށާއި، އެ ސަރަހައްދުން ފަނަރަ ފީފާ ތެޔޮ ނަގާފައިވާ ކަމަށެވެ.
"ރަސްމީ ފާލަމާ ދިމާއިން ފެނުނު ތެޔޮތައް ސާފުކުރުމުގެ މަސައްކަތް އިއްޔެ ވަނީ ނިންމާލާފައި، މުޅިއެކު 15 ފީފާ ތެޔޮ ވަނީ ނަގާފައި," އެމްއެންޑީއެފުން މައުލޫމާތު ދީފައިވެ އެވެ.
މޫދަށް ތެޔޮ އެޅިފައިވާ މައްސަލަ ހިނގާފައިވާ ގޮތާއި ގުޅިގެން މި ނޫހުން ސުވާލުކުރުމުން އީޕީއޭއިން ބުނީ މޫދަށް ތެޔޮ އެޅެން ދިމާވި ސަބަބު ދެނެގަނެވިފައިނުވާ ކަމަށާއި، އީޕީއޭއިން އެކަން ބަލަމުންދާ ކަމަށެވެ.














