ރ. ފުއްގިރި ދޫކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލައިގެ ޝަރީއަތާ މިހާރު ހަވާލުވެ ހުންނެވި ގާޒީ އަލީ ނަދީމަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލެއްގެ ގޮތުގައި މީގެ ކުރިން މަސައްކަތް ކުރައްވާފައިވާތީ، މައްސަލައިން ތަނާޒުލްވުމަށް ދައުވާ ރައްދުވާ ފަރާތްތަކުން އެދިއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ ފުއްގިރި މުއާމަލާތުގެ މައްސަލާގައި ޔާމީންގެ އިތުރަށް މއ.ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ.
ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވެ އެވެ.
މި މައްސަލަ ފުރަތަމަ ބެއްލެވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލެވެ. މައްސަލައިގެ އަޑުއެހުމެއް ނުބާއްވާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން މައްސަލައިން އިސް ގާޒީ ވަނީ ތަނާޒުލްވެ، ގާޒީ ނަދީމްއާ މައްސަލަ ހަވާލުކުރައްވައިފަ އެވެ.
މިއަދު އޮންލައިންކޮށް ކްރިމިނަލް ކޯޓުން ކުރިއަށް ގެންދިޔަ އަޑުއެހުމުގައި، އަދީބުގެ ވަކީލަކަށް ގާޒީ ނަދީމް އުޅުއްވި ކަން ފުރަތަމަ ފާހަގަ ކުރެއްވީ ކްރިކް ރިޒާގެ ގާނޫނީ ވަކީލު ހުސްނީ މުބާރަކް އެވެ.

އެންމެ ފުރަތަމަ ރިޒާގެ ވަކީލަކަށް ހުންނެވި އަހުމަދު ޔާމީން ވެސް މީގެ ކުރިން އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ވަކީލަކަށް އުޅުއްވާފައިވާތީ، ދައުލަތުން އޭނައާ މެދު އިއުތިރާޒުކޮށް، މައްސަލައިން ތަނާޒުލްވާން ޝަރީއަތުން އޭރު އަންގާފައިވެ އެވެ.
ވަކީލު ހުސްނީގެ ނުކުތާއަކީ، އެމްއެމްޕީއާރުސީ ހިޔާނާތުގެ މޭސްތެރިން ކަމަށް އެއްބަސްވެފައިވާ އަދީބާއި ޒިޔަތުގެ ހެކިބަހުގެ މައްޗަށް ބިނާކޮށް ދައުލަތުން އުފުލާފައިވާ އެހެން މައްސަލައެއްގައި ވަކީލުކަން ނުކުރެވުނު ހަމައިން ފަނޑިޔާރެއްގެ ގޮތުގައި މައްސަލަ ބެއްލެވުމާ ހަވާލުވުމުގައި މަސްލަހަތު ފުށުއަރާނެ ކަމަށެވެ.
ރައީސް ޔާމީންގެ އިސް ވަކީލު، އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެސް ވަނީ މައްސަލައިން ގާޒީ ތަނާޒުލްވުމަށް އެދިވަޑައިގެންފަ އެވެ. އޭނާ ވެސް ވިދާޅުވީ ދައުލަތުގެ މުހިންމު ހެއްކެއް ގޮތުގައި އަދީބު ހުރެ އަދި އަދީބު ހެކިބަސް ދިނުމަށް ދައުލަތާ އެކު ހާއްސަ އެއްބަސްވުމެއް އޮތް ހާލަތުގައި އަދީބުގެ ވަކީލަކަށް އުޅުއްވި ބޭފުޅަކު މައްސަލަ ބައްލަވަން ހުންނެވުމަކީ މަސްލަހަތު ފުށު އަރާނެ ކަމެއް ކަމަށެވެ.
އަދީބާއި ޒިޔަތަކީ ހިޔާނާތުގައި ބައިވެރިވި ކަމަށް ޝަރީއަތުގައި އެއްބަސްވި ހަމައެކަނި ބޭފުޅުންނެވެ. އަދީބާއި ޒިޔަތު ގެންދަވަނީ ގޭބަންދުގައި ތިއްބަވައިގެން ހުކުމް ތަންފީޒުކުރައްވަމުންނެވެ.
ޖިނާއީ މައްސަލައެއްގައި އަދީބަށް ގާނޫނީ ހިދުމަތެއް ނުދެން: ގާޒީ
މައްސަލާގައި ދިފާއީ ވަކީލުންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުން ގާޒީ ތަނާޒުލްވުމަށް އެދިވަޑައިގަތުމުން، ގާޒީ ނަދީމް ވަނީ އޭނާގެ ދިފާއުގައި ވެސް ވާހަކަ ދައްކަވައިފަ އެވެ.
ގާޒީ ނަދީމް ވިދާޅުވި ގޮތުގައި އަދީބުގެ ވަކީލެއްގެ ގޮތުގައި ޝަރީއަތަށް ވަޑައިގަތީ މީގެ ހަތް އަހަރު ކުރިންނެވެ. އެއީ އަދީބު ހައްޔަރުކޮށް ބަންދުކުރުމުން ބަންދާ ގުޅޭ ގޮތުން ޝަރީއަތުން ބޭއްވި މަޖިލީހެއްގައި ކަން ގާޒީ ނަދީމް ފާހަގަ ކުރެއްވި އެވެ.
"ސައްހަ ނޫން ފެކްޓްތަކެއް އެބަ ބުނެވޭ، އަޅުގަނޑު އަދީބުގެ ވަކީލެއްގެ ގޮތުގައި ދިޔާއީ މީގެ ހަތް އަހަރު ކުރިން، އެއީ ބަންދުގެ މައްސަލައެއް، ނައިބު ރައީސް ކަމުން އަދީބު ވަކިކުރި ފަހުން އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު އެއްވެސް ޖިނާއީ މައްސަލައެއްގައި ގާނޫނީ ހިދުމަތެއް ދީފައެއް ނުވާނެ،" ގާޒީ ވިދާޅުވި އެވެ.
އެހެން ނަމަވެސް މަސްލަހަތުގެ ފުށުއެރުންތަކެއް އޮތް ކަމަށް ފާހަގަ ކުރާތީ، ޝަރީއަތުން އެ ކަމާ މެދު އިތުރަށް ވިސްނަވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ޔާމީންގެ މައްޗަށް ހިންގާ ޝަރީއަތްތައް؛
ދައުލަތުން ތުހުމަތުކުރާ ގޮތުގައި ނުފޫޒު ބޭނުންކުރައްވައިގެން ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި ޔާމީން 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ބޭނުން ކޮށްފައިވެ އެވެ.
އަހަރެއްހާ ދުވަސް ފަހުން މި މައްސަލާގައި ކޯޓުގައި ތާވަލުކޮށް އަޑުއެހުމެއް ބޭއްވިއިރު، ވ. އާރަށުގެ ހިޔާނާތުގެ މައްސަލާގައި 11 އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށް ޔާމީންގެ މައްޗަށް މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ވަނީ ހުކުމްކޮށްފަ އެވެ.
މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް މީގެ ކުރިން ވެސް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. ޔާމީންގެ އެކައުންޓްގައިވާ އެއް މިލިއަން ޑޮލަރަކީ ގއ. ވޮޑަމުލާ ދޫކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާކަން ކަށަވަރުނުކޮށްދެވޭ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލްކުރި އެވެ.













