ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޝްވަތު ނަންގަވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ އަޑުއެހުމަށް މާދަމާއަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނަންގަވާ މަނީލޯންޑާ ކުރެއްވިކަން ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ޔާމީންގެ ފުއްގިރި މައްސަލައިގެ އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެދުނު 10:00 ޖަހާއިރެވެ.
ޔާމީން މިހާރު ހުންނެވީ ޖަލު ހުކުމް ތަންފީޒުކުރެއްވުމަށް މާފުށީ ޖަލުގަ އެވެ.
ފުއްގިރި މައްސަލައިގައި ޔާމީންގެ އިތުރުން މއ. ކުރިކީލަހިޔާ، އަހުމަދު "ކްރިކް" ރިޒާއަށް ވެސް ޖިނާއީ ދައުވާ ދައުލަތުން ވަނީ އުފުލައިފަ އެވެ.
ދައުލަތުން ތުހުމަތުކުރާ ގޮތުގައި ނުފޫޒު ބޭނުންކުރައްވައިގެން ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި ޔާމީން 1،117،000 ޑޮލަރު ހޯއްދެވި އެވެ. އަދި އެ ފައިސާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން ލޯންޑާކޮށްފައިވާ ކަމަށް ވެސް ދައުލަތުން ބުނެ އެވެ.

އެ މައްސަލަ ކުރިން ބައްލަވަމުން ގެންދެވި ގާޒީ އަހުމަދު ޝަކީލު ވަނީ އެ މައްސަލައިން ތަނާޒުލުވެވަޑައިގެންގަ އެވެ. މާދަމާ މައްސަލަ އަލުން ފަށާއިރު ބައްލަވާނީ ގާޒީ އަލީ ނަދީމެވެ.
އިދިކޮޅު ރިޔާސީ ޓިކެޓުވެސް ހިއްޕަވައިގެން ހުންނެވި ޔާމީނަށް އާރަށް މައްސަލަ ސާބިތުވެ ޖަލަށްލުމާއެކު އިދިކޮޅު ފަރާތްތަކުން ދަނީ އެއީ 'ހަރާމް' ހުކުމެއް ކަމަށްބުނެ ޔާމީން ދޫކޮށްލުމަށް ގޮވާލަމުންނެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު މާލެ އާއި ރާއްޖޭގެ ހުރިހާ ރަށެއްގައި ޔާމީން ދޫކޮށްލުމަށް ގޮވާލާ ވަނީ މުޒާހަރާކޮށްފަ އެވެ.













