މާލޭގެ ބިމުން ފެން ނަގައިގެން ފެން ބޭރު ކުރުމަށް މަގުތަކުގައި ހޮޅި އެޅުމާއި މަގުތައް ކޮނުމާ ބެހޭ ދެ އުސޫލެއް މާލޭ ސިޓީ ކައުންސިލުން މިއަދު ގެޒެޓުކޮށްފި އެވެ.
އެ އުސޫލުގެ ދަށުން، މާލޭގެ ބިމުން ފެން ބޭރު ކުރުމަށް ހޮޅި އެޅޭނީ ޔުޓިލިޓީ އޮތޯރިޓީގެ ހުއްދަ ލިބިގެން އެ ކައުންސިލަށް ހުށަހެޅުމުންނެވެ. މާލޭ މަގުތައް ކޮނުމުގެ އުސޫލުގެ ދަށުން ޖަންކްޝަންގެ މަތި ނަގައިގެން ކުރަންޖެހޭ މަސައްކަތް ކުރުމަށް ވެސް ހުއްދައެއް ނަގަންޖެހޭނެ އެވެ.
އެ ދެ އުސޫލުގައިވާ ގޮތުން ކައުންސިލުގެ ހުއްދައެއް ނެތި އެފަދަ މަސައްކަތެއް ކުރާ ނަމަ ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ހުއްދަ ނަގައިގެން މަސައްކަތް ކުރި ނަމަވެސް އުސޫލުގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފުވެއްޖެ ނަމަވެސް ޖޫރިމަނާ ކުރެވިދާނެ އެވެ.
މާލޭ ސިޓީ ކައުންސިލުން އަލަށް ތައާރަފް ކުރި އުސޫލުތަކުގެ ދަށުން ހުއްދައަށް އެދޭ ފޯމު އޮންލައިންކޮށް އަދި ފިޒިކަލްކޮށް ވެސް ހުށަހެޅިދާނެ އެވެ.
މާލޭގެ ބިމުން ފެން ބޭރު ކުރުމަށް ހޮޅި އެޅުމާއި މަގު ކޮނުމުގެ އުސޫލު ފާސް ކުރީ ސިޓީ ކައުންސިލުން ޑިސެމްބަރު މަހުގެ ތެރޭގައި ބޭއްވި ޖަލްސާއެއްގަ އެވެ. އެ ދެ އުސޫލަށް ވެސް އަމަލު ކުރަން ފެށީ އިއްޔެ އެވެ.












