މި މަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލެވޭ ކަމަށް ބުނެ އެ ޕާޓީއިން އާންމުކުރި ލިސްޓުގައި ހިމެނި އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރުގައި ނެތް 457 މީހުން އެ ލިސްޓުން އުނިކުރަން ޕްރައިމަރީ ކޮމިޓީއިން ނިންމައިފި އެވެ.
އިންތިހާބު ކޮމިޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޓީގެ މުގައްރިރު އިބްރާހިމް ވަހީދު ވިދާޅުވީ ކެންޑިޑޭޓު ނަމްބަރު އެކެއް، ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން އެ 457 މީހުންނާ ގުޅޭ ޝަކުވާއެއް ހުށަހެޅިފައިވާތީ އެ ޝަކުވާ ބެލުމަށްފަހު އެ މީހުން ފައިނަލް ވޯޓާސް ލިސްޓުން އުނިކުރުމަށް ނިންމާފައިވާ ކަމަށެވެ.
"ޑިސެމްބަރު 18 އާ ހަމައަށް މެންބަރުންގެ ގޮތުގައި ނެތް މެންބަރުން ދާއިމީ ލިސްޓަށް ނޭރޭނެ ކަމަށް ކޮމިޓީއިން މި ނިންމީ، އެބޭފުޅުން އެގޮތަށް ޝަކުވާ ކުރައްވާތީ،" އިބްރާހިމް ވަހީދު ވިދާޅުވި އެވެ.
އެމްޑީޕީއިން ޑިސެމްބަރު 28، ވަނަ ދުވަހު އާންމުކުރި ވޯޓާސް ލިސްޓުގައި އޮތީ 57،714 މީހުންގެ ނަމެވެ. ނަމަވެސް އެކަމާއި ގުޅިގެން "އަދަދު" އިން އީސީގެ މެމްބަރު ހަބީބު ވިދާޅުވީ އެމްޑީޕީއިން ޕާޓީގެ ދަފުތަރަށް އެދުމުން އެ ކޮމިޝަނުން ދިން ލިސްޓުގައި އޮތީ 57،257 މެންބަރުން ކަމަށެވެ.
އިތުރުވި 457 މެންބަރުންގެ މައްސަލައިގައި މި ނޫހުން އެދުވަހު ވަހީދުއާ ސުވާލުކުރުމުން ވިދާޅުވީ ކޮމިޝަނުގެ ދަފްތަރުގައި ނެތް މީހުންނަކީ ޑިސެމްބަރު 18، ގެ ކުރިން ޕާޓީއަށް ވަނުމަށް ފޯމު ހުށަހަޅާ އެ ފޯމުތައް އީސީއިން ޕްރޮސެސް ކުރަމުންދާ 457 މީހުން ކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަނީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. ދެބޭފުޅުންގެ ކެމްޕެއިނު ވެސް މިހާރު ފޯރީގައި ކުރިއަށްދާއިރު އެމްޑީޕީގެ މެމްބަރުންގެ ލިސްޓު ގަޑުބަޑުވެފައިވާ ކަމަށާއި އެމަނިކުފާނުގެ އަރިސް ގިނަ ބަޔަކުވެސް ޕާޓީއިން ވަކިކޮށްފައިވާ ކަމަށް ނަޝީދު ދަނީ ތުހުމަތު ކުރައްވަމުންނެވެ.













