ދިވެހިރާއްޖޭގެ ވެރިކަން ހިންގާ މާލެ ސިޓީގެ މަގުތަކާއި އާންމު ތަންތަން ސާފު ކުރުމާ އެ ސިޓީގެ ކައުންސިލުން ހަވާލުވިފަހުން ރަށު ތެރޭގައި ކުނި ގިނަވެ، ގޮނޑުވާން ފަށައިފި ކަަމަށް ތިމާވެށި ރައްކާތެރި ކުރާ އޮތޯރިޓީން ބުނެފި އެވެ.
އެންވަރަމަންޓް ޕްރޮޓެކްޝަން އޮތޯރިޓީން މިއަދު ސޯޝަލް މީޑިއާގައި އާންމު ކުރި ކުރު ބަޔާނެއްގައި ބުނެފައި އޮތީ ގާތްގަނޑަަށް 150،000 މީހުން ދިރިއުޅޭ މާލެ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތާ ސިޓީ ކައުންސިލުން މީގެ ތިން ދުވަސް ކުރިން ހަވާލުވި ފަހުން މަގުތައް ސާފުކުރުން ހުއްޓިފައިވާ ކަމަށެވެ.
"މާލޭގެ މަގުތައް ސާފު ކުރުން ހުއްޓިފައިވާތީވެ މާލޭގެ މަގުތަކަށް ކުނި ގިނަވެ ރައްޔިތުންނަށް މިކަމުގައި އުނދަގޫތަކެއް ކުރިމަތިވަމުން އެބަދޭ. އެހެންކަމުން ގާނޫނީ ގޮތުން މާލޭގެ މަގުތައް ސާފުކޮށް ބެލެހެއްޓުމުގެ ޒިންމާ މަތިކުރެވިފައިވާ ފަރާތުން މާލެ ތެރެ ސާފު ކުރުމުގެ މަސައްކަތް ލަސްނުކޮށް ކުރިއަށް ގެންދެވުމަށް އިލްތިމާސް ކުރަން،" އީޕީއޭއިން ބުނެފައިވެ އެވެ.
މާލެ ސާފުކޮށް ބެލެހެއްޓުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާއެކު މާލެ ސިޓީ ކައުންސިލުން ވެފައި އޮތް އެއްބަސްވުން ފަސް އަހަރަށްފަހު މި ޑިސެމްބަރު 26، ގައި ހަމަވުމުން އެ އެއްބަސްވުމުގެ މުއްދަތު އިތުރު ނުކުރީ އެ ކުންފުނީގެ މަސައްކަތާމެދު ހިތްހަމަނުޖެހިގެންނެވެ. ކައުންސިލުން ފާހަގަ ކުރި މައިގަނޑު ދެ މައްސަލައަކީ ވެމްކޯއިން މަސައްކަތް ކުރާ އަގު ބޮޑުވުމާއި މަސައްކަތުގެ ޒިންމާ ރަނގަޅަށް އަދާނުކުރުމެވެ.

މާލެ ތެރޭގައި ހުންނަ ކުނި ނެގުމަށް، ކުނި ބެލެހެއްޓުމަށް ހާއްސަކޮށް 2016 ވަނަ އަހަރު އުފެއްދި ވެމްކޯއިން ކުރިއަށްގެންދިޔަ ބިޔަ ޕްރޮޖެކްޓާ ކައުންސިލުން ހަވާލުވީ 100 އެއްހާ މުވައްޒަފުން އެ މަސައްކަތަށް ނަގައިގެނެވެ. އޭގެ ތެރޭގައި ކުނި ނެގުމާއި ކުނި ކެހުމަށް 80 މީހުން ނެގި އެވެ.
މިވަގުތު ކައުންސިލުން މަސައްކަތް ކުރަމުންދަނީ ކުނީގެ މަސައްކަތަށް ބޭނުންވާ އުޅަނދުތައް ކުއްޔަށް ނަގައިގެނެވެ. އެ ކައުންސިލުގެ އަމިއްލަ އުޅަނދުފަހަރުގައި އެ މަސައްކަތް ކުރަން އަދި ފަސް ވަރަަކަށް މަސް ދުވަސް ވާނެ ކަމަށް އެ ކައުންސިލުން ވަނީ ބުނެފަ އެވެ.












