ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި އެއްވެ އުޅުމުގެ މިނިވަންކަން ހަނިކޮށް ގާނޫނަށް ގެނައި އިސްލާހު އުވާލެވޭނީ އެގޮތަށް މަޖިލީހުން ފާސްކޮށްގެން ރައީސްގެ އަރިހަށް ގެނައުމުން ކަމަށް ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ހައެއްކަ މަހަށްފަހު ރައީސް ސޯލިހު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެއްވެ އުޅުމުގެ މިނިވަންކަން ހަނިވެފައި އޮތްއޮތުމާމެދު ގިނަ ނޫސްވެރިން ތަކުރާރުކޮށް ސުވާލުކޮށްފައިވާއިރު، ޔާމީންގެ ވެރިކަމުގައި ގެނެވުނު އިސްލާހު އުވާލުމަކީ ރައީސް ސޯލިހު 2018 ވަނަ އަހަރު ވެވަޑައިގެންނެވި ރިޔާސީ ވައުދެކެވެ.
އެ ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ ރައީސް ވިދާޅުވީ ދެން އޮތީ ކުރީގެ ވެރިކަމުގައި އެއްވެ އުޅުމުގެ ގާނޫނަށް ގެނެވުނު ބަދަލު ކަމަށެވެ. މާލޭގެ ވަކި ސަރަހައްދަކަށް އެކަނި އެއްވެވޭ ގޮތަށް އޮތް އެ ގާނޫނު އިސްލާހު ކުރުމާ ބެހޭގޮތުން ވިދާޅުވީ އެ ބިލު މިހާރުވެސް މަޖިލީހުގައި އެބައޮތް ކަމަށެވެ.
"މަޖިލީހުގައި އޮއްވާ ދެން އަޅުގަނޑު ކީއްތޯ ކުރާނީ.. އެ ފާސްކޮށްފައި އަޅުގަނޑާ ހިސާބަށް ގެންނެވީމާ އަޅުގަނޑު ތަސްދީގުކުރާނަން"
މީގެއިތުރުން މިހާރުވެސް އެއްވެ އުޅުމުގެ ހައްގުގެ ބޭނުންކުރަމުން ގެންދާ ކަމަށާއި ނަމަވެސް ގާނޫނާ ހިލާފުވާނަމަ ނުވަތަ ފުލުހުން އަންގާ އެންގުންތަކާ ހިލާފުވާނަމަ އެކަން ހުއްޓުވަން އަޅަންޖެހޭ ވަގުތީ ފިޔަވަޅުތައް ފުލުހުން އަޅާނެ ކަމަށާއި އެއީ އޭރުވެސް އަދި މިހާރުވެސް އެކަން ކުރާ އުސޫލު ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ކުރީގެ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ފާއިތުވެދިޔަ ދެރޭ އިދިކޮޅުން ބޭއްވި މުޒާހަރާ ރޫޅާލައި، އެ މުޒާހަރާތަކުން ޖުމުލަ 30 އަށްވުރެ ގިނަ މީހުން ހައްޔަރުކުރި އެވެ. އެހެންނަމަވެސް އެއިން އެއްވެސް މީހަކު ބަންދުގައި ބެހެއްޓުމަށް ކޯޓަށް ހާޒިރުނުކޮށް، ހައްޔަރުކުރިތާ މާގިނަ އިރެއް ނުވެ، އެ އެންމެން ދޫކޮށްލިކަންވެސް ފާހަގަކުރެވެ އެވެ.














