ރިޕޯޓުމަރިޔަމް މަރުވީ ބަނަހެއް ކައިގެނެއް ނޫން، އެއީ އިހުމާލުގެ މައްސަލައެއް!

މަރިޔަމް މަރުވީ ބަނަހެއް ކައިގެނެއް ނޫން، އެއީ އިހުމާލުގެ މައްސަލައެއް!

އެލާޖިކުވެގެން މަރިޔަމް ހޮސްޕިޓަލަށް ދިޔައިރު ހުރީ ހަމަ "ގަދަކޮށް". އޭނާ ހާލު ބޮޑުވެ، ހިތް ހުއްޓުނީ ހޮސްޕިޓަލުން އޭނާއަށް އިންޖެކްޝަނެއް ޖެހި ގޮތުގެ ސަބަބުން. އެ މައްސަލައިގައި ބަދަލު ހޯދަން ދައުވާ ކުރަން އެޗްއާރްސީއެމުން އޮތީ މިހާރު އާއިލާއަށް ލަފާ ދީފައި.

އައިޖީއެމްއެޗްގެ އިހުމާލުން ހާލު ބޮޑުވެ ފަހުން މަރުވި މަރިޔަމް ޒައީމާ: 2021 ވަނަ އަހަރު އެ ހޮސްޕިޓަލުން ނުބައިކޮށް އިންޖިކްޝަނެއް ޖެހި މަރިޔަމް ނިޔާވީ ޑިސެމްބަރު 25، 2022 ގައި -- ފޮޓޯ: އަދަދު ފައިލް
އައިޖީއެމްއެޗްގެ އިހުމާލުން ހާލު ބޮޑުވެ ފަހުން މަރުވި މަރިޔަމް ޒައީމާ: 2021 ވަނަ އަހަރު އެ ހޮސްޕިޓަލުން ނުބައިކޮށް އިންޖިކްޝަނެއް ޖެހި މަރިޔަމް ނިޔާވީ ޑިސެމްބަރު 25، 2022 ގައި -- ފޮޓޯ: އަދަދު ފައިލް

ގ. ރޯމްގޭ، މަރިޔަމް ޒައީމާ މޫސާ، އަކީ ވަރަށް ގިނަ ތަކެއްޗަށް އެލާޖިކުވާ މީހެކެވެ. އެ ދުވަހު އޭނާ ހޮސްޕިޓަލަށް ދިޔައީ ކްރީމް ޖެހި ބަނަހަކަށް އަޅާފައި ހުރި ޕީނަޓު ސޯހަކުން އެލާޖިކު ރިއެކްޝަނެއް އައިސްގެނެވެ.

އެލާޖިކު ރިއެކްޝަނެއް ނަމަވެސް މެއި 28، 2021 ވަނަ ދުވަހު މަރިޔަމް، 30، މި ދިވެހިރާއްޖޭގައި ސަރުކާރުން ހިންގާ ގައުމުގެ ވެސް އެންމެ ބޮޑު އަދި ތަރައްގީ ހޮސްޕިޓަލު އައިޖީއެމްއެޗަށް ވަނީ ގަދަކޮށް ހުރެ އެވެ.

އެކަމަކު، އެ ދުވަސް ނިމިގެންދިޔައީ މަރިޔަމް އާއި އާއިލާ ވެސް ހީނުކުރާ ފަދަ ހިތާމަވެރި ގޮތަކަށް، އޭނާގެ ހިތް ހުއްޓި، މީހާ ޝޮކަށް ގޮސް، ސިކުނޑިއަށް އޭގެ އަސަރުކޮށްގެނެވެ. އެހެންވީ، އޭނާއަށް ފަރުވާ ކުރި އައިޖީއެމްއެޗުގެ އެމެންޖެންސީ ކޮޓަރީގެ ޑޮކްޓަރުންގެ އިހުމާލުންނެވެ.

Advertisement

"ޕޭޝަންޓުގެ ހިތުގެ ހިނގުމަށް ބަދަލު އައުމާ [ހިތް ހުއްޓުމާ] ގުޅިގެން އެރޭ ފަރުވާ ދީ، އައިސީޔޫއަށް ޝިފްޓު ކުރިއިރު، އެމަޖެންސީ ރޫމުގައި ފަރުވާ ދިން ޑޮކްޓަރުންނަށް ގަބޫލުކުރެވިފައި އޮތީ މިގޮތަށް ދިމާވީ އެންފިލެކްޓިކް ޝޮކްގެ ސަބަބުން ކަމަށް،" މި ހަފުތާގެ ތެރޭގައި ނިޔާވި މަރިޔަމްގެ އާއިލާއަށް، އައިޖީއެމްއެޗުން މިދިޔަ އަހަރު ފޮނުވި ސިޓީއެއްގައި ބުނެފައިވެ އެވެ.

މަރިޔަމްއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމަށް އައިޖީއެމްއެޗުން ވަނީ އެއްބަސްވެފަ އެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އިން އެ މައްސަލަ ތަހުގީގުކޮށް އާއިލާއަށް ހަވާލުކުރި ރިޕޯޓުގައި ވެސް އައިޖީއެމްއެޗުގެ އިހުމާލު ބަޔާންކޮށް ބަދަލު ހޯދުމުގެ ގޮތުން ދައުވާ ކުރުމަށް ވަނީ އާއިލާއަށް އިލްތިމާސްކޮށްފަ އެވެ.

ނަމަވެސް ސުވާލަކީ ފަރުވާ ދިނުމުގައި އިހުމާލުވުމުގެ މައްސަލަތައް ރާއްޖޭގައި ފުނިޖެހިފައިވާއިރު އެފަދަ ހާދިސާތަކުގައި އަނިޔާ ލިބޭ ފަރާތްތަކަށް ހައްގު އިންސާފާއި ބަދަލު ލިބޭނެތޯ އެވެ؟ އިހުމާލުގެ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރެއިން ފަރުވާއެއް ލިބިދާނެތޯ އެވެ؟

މެޑިކަލް ނެގްލިޖެންސްގެ މައްސަލަތައް ފުނިޖެހިފައި

ރާއްޖޭގައި މެޑިކަލް ނެގްލިޖެންސްގެ ސަބަބުން ގެއްލޭ ފުރާނަތަކާއި ގެއްލުން ލިބޭ މީހުންގެ އަދަދު އިތުރުވަމުންދާކަމީ ދެކޮޅުހެދެން ނެތް ހަގީގަތެވެ. ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މިފަދަ އެތަކެއް މައްސަލައެއް ފެންމަތިވެ ދައުވާ ކުރުމާ ހަމައަށް ވެސް ގޮސްފައި އެބަހުއްޓެވެ.

އެގޮތުން މަރިޔަމްގެ މައްސަލައިގެ ކުރިއަށް ޖެހިލާ ނަމަ އެންމެ ކައިރި ހަނދާނަކަށް އަންނަނީ ކޮވިޑު ތެރޭގައި ފަރުވާދިނުން ލަސްވެގެން ދުނިޔެ ދޫކުރި އެންމެ 10 އަހަރުގެ މިޝްކާގެ މަރުގެ ހާދިސާ އެވެ. ޖޫން، 2020، ގައި ހިނގި އެ ހާދިސާގައި މިޝްކާ ނިޔާވީ، ކޮވިޑް ލޮކްޑައުންގެ ތެރޭގައި މިޝްކާ ހާލު ދެރަވެގެން އެމްބިއުލޭންސެއް ފޮނުވަން ގުޅުމުން، އެތައް ގަޑިއިރެއް ލަސްކުރުމުންނެވެ.

"އެޗްޕީއޭގެ 1676 އަކުން ތަކުރާރުކޮށް ބުނަމުންދިޔައީ މެޑިކަލް ޓީމަށް އަންގައިފީމޭ ކުޑައިރުކޮޅަކުން ދާނެޔޭ. އެކަމަކު އެމްބިއުލޭންސް އައީ 11:40 ގައި. އެއިރު ކުއްޖާ އޮތީ [ހާލުދެރަވެގެން] ވެއްޓިފައި. ވިންދެއް ނެތް. މިކަމުގެ ޒިންމާ ނަގާނީ ކާކު،" މިޝްކާގެ ތިމާގެ މީހަކު އޭރު ސޯޝަލް މީޑިއާގައި ލިޔެފައި ވެ އެވެ.

އޭގެ ކުރިއަށް ޖެހިލާނަމަ ހަމަ އެ އަހަރު އޭޑީކޭގައި ވިހެއުމުގެ ތެރޭގައި ދުނިޔެ ދޫކުރި ސަލްމާ ނަސީރު މަރުވި މައްސަލައަކީ ވެސް މެޑިކަލް ނެގްލިޖެންސްގެ މައްސަލައެކެވެ. އޭނާ މަރުވި މައްސަލަ ބަލަން އޭނާގެ ފިރިމީހާ އެދުމުން އެކަން ބެލުމަށްފަހު ހެލްތު މިނިސްޓްރީން ޖަވާބުގައި ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، ވިހެއުމަށްފަހު ސަލްމާގެ ގަޔަށް ލޭ އެޅުން ލަސްވި ކަމަށެވެ. އެގޮތުން ހޮސްޕިޓަލުގައި ލޭ ހުރެ، ލޭ ނާޅާ އެއްގަޑިއިރު ހޭދަވި ކަމަށް މިނިސްޓްރީއިން ބުނެފައި ވެ އެވެ.

އޭޑީކޭއިން މިކަމަށް ދެކޮޅު ހެދި ނަމަވެސް އޭނާގެ އާއިލާއިން ވަނީ ބަދަލު ހޯދުމަށް ދައުވާ ވެސް ކޮށްފަ އެވެ.

މި ތިން ކޭސް މިއީ މެޑިކަލް ނެގްލިޖެންސްގެ ސަބަބުން މި ފަހުން ދިމާވި ގިނަ ހާދިސާތަކުގެ ކުޑަ މިންވަރެކެވެ. މީގެ އިތުރުން ގިނަ ހާދިސާތަކެއް ތިރީގައި ހިމަނާލާނަމެވެ.

  • ޖުލައި 2007، ގދ. ފަރެސްމާތޮޑާ އަހުމަދު އިހުސާނުގެ އުމުރުން ތިން އަހަރުގެ ދަރިފުޅު އައިޝަތު އިޔާންއަށް އެ އަތޮޅު ތިނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ދިން ބޭހެއްގެ ސަބަބުން ކަންފަތުގެ އިވުން ގެއްލުން.
  • އޮކްޓޯބަރު 2021، ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވި އުމުރުން ހަ އަހަރުގެ ސަދާ ސައުދުﷲގެ މަރުގައި ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލު އޮތް ކަމަށް އެޗްއާރުސީއެމްގެ ރިޕޯޓުން ދެއްކި.
  • ޖޫން 2022، ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުން ތުއްތު ކުއްޖަކު ނިޔާވި ކަމަށް އާއިލާއިން ބުނުން. އާއިލާއިން އޭރު ބުނި ގޮތުގައި އެ ހޮސްޕިޓަލުގެ އަންހެނުންގެ ހާއްސަ ޑޮކްޓަރު ކުއްޖާގެ މަންމަ ބެލުމަށްފަހު އިތުރު އެއްވެސް ސްކޭނެއް ނުހަދާ ވިހަން ތައްޔާރުވި، އޭރު އެ އަންހެން މީހާގެ ބަނޑަށް ހަތް މަސް.
  • ޖުލައި 2022، ހުޅުމާލެ ހޮސްޕިޓަލުގެ ލިފްޓު ތެރެއަށް އަންހެނަކު ވިހެއުން، އެ މައްސަލަ ބެލުމަށްފަހު ކަންކަން ރަނގަޅު ކުރާނެ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން އޭރު ބުނި.

މިއީ މަދު މައްސަލަ ތަކެކެވެ. ނަމަވެސް ހަގީގަތަކީ މެޑިކަލް ނެގްލިޖެންސްގެ ގިނަ މައްސަލަތަކެއް ފުނިޖެހި ނުބެލިފައިވާ ކަމެވެ. އެތައް އާއިލާއަކުން އަދިވެސް އިންސާފު ހޯދުމަށް އެދި މަސައްކަތް ކުރަމުންދާ ކަމެވެ.

މަރީއަށް ފަރުވާ ދިނުމުގައި އައިޖީއެމްއެޗުގެ ބޮޑު އިހުމާލެއް

އެލާޖިކް ވެގެން އައިޖީއެމްއެޗުގެ އީއާރަށް ދިޔަ މަރިޔަމްއަށް ފަރުވާދެނިކޮށް އޭނާގެ ހިތުގެ ހިނގުމަށް ބަދަލު އައިސް ސިކުނޑިއަށް ގެއްލުން ލިބުނެވެ. އޭނާގެ ހާލު ސީރިއަސްވީ ހިސާބަކީ މިއީ އެވެ. އާއިލާގެ ތުހުމަތުތަކާއެކު އައިޖީއެމްއެޗުން އެ ހޮސްޕިޓަލުގެ އިހުމާލު އޮތް ކަމަށް އެއްބަސްވީ ޖުލައި 7، 2021 ވަނަ ދުވަހު އެ ހޮސްޕިޓަލުން މަރިޔަމްގެ އާއިލާއަށް ފޮނުވި ސިޓީއެއްގަ އެވެ.

އައިޖީއެމްއެޗުގެ ސިޓީގައި ބުނެފައިވާގޮތުން އެ ދުވަހު އެ ހޮސްޕިޓަލުގައި އީއާރުން މަރީއަށް އިންޖެކްޝަން އެވިލް ޖެހުމުން "އުނދަގޫތަކެއް" ވާ ކަމަށް ނަރުހުން ގާތު މަރީ ބުނި ކަމަށެވެ. އެއާއެކު އެވިލްއަށް މަރީ އެލާޖިކް ކަމަށް ނިންމި ކަމަށް އެ ސިޓީގައި ބުނެފައި ވެ އެވެ. އެގޮތަށް ޑޮކްޓަރުންނާއި ނަރުހުންނަށް ވިސްނުނީ ގިނަ ފަހަރަށް 'އުނދަގޫތަކެއް' ވާކަމަށް ޕޭޝަންޓުން ބުނަނީ އެލާޖިކް ވުމުން ކަމަށާއި އޭގެ އިތުރުން މަރީގެ އެލާޖިކް ރިއެކްޝަން ހިސްޓްރީއެއް ވެސް އޮތުމުން ކަމަށެވެ.

އައިޖީއެމްއެޗުގެ ސިޓީގައި އިތުރަށް ބުނެފައިވަނީ މަރިޔަމްއަށް ނޭވާލާން އުނދަގޫވެ ރެސްޕިރޭޓަރީ ރޭޓު މައްޗަށް ދާން ފެށުމުން އެއީ އެނަފައިލެކްސިސް އަށް ވެދާނެ ކަމަށާއި ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށް ޑޮކްޓަރުންނަށް ގަބޫލު ކުރެވުމުން އެޑްރިނަލިން އިންޖެކްޝަން ދޭން ނިންމި ކަމަށެވެ. ނަމަވެސް އެ އިންޖެކްޝަން ޖަހާފައިވަނީ ނުބައިކޮށެވެ.

"ޕޭޝަންޓަށް އެޑްރެނަލިން ދީފައި ވަނީ ޑައިލިއުޓް ނުކޮށް، ސްލޯ އިންފިއުޝަން އެއް ގޮތަށް ނޫން ކަމާއި އައިވީކޮށް ކަމަށް ލިޔެކިޔުންތަކުން ފެންނަން އެބަހުރި،" އައިޖީއެމްއެޗުގެ ސިޓީގައި ބުނެފައިވެ އެވެ.

އައިޖީއެމްއެޗުން މަރީގެ އާއިލާއަށް ފޮނުވި ސިޓީ
އައިޖީއެމްއެޗުން މަރީގެ އާއިލާއަށް ފޮނުވި ސިޓީ

އައިޖީއެމްއެޗުން މަރީގެ އާއިލާއަށް ފޮނުވި ސިޓީ

އާންމު އުސޫލުގެ ދަށުން އެނަފައިލެކްސިސްގައި އެޑްރިނަލިން އަކީ މަސްގަނޑަށް ޖަހާ ނުވަތަ އައިއެމްކޮށް އިންޖެކްޓްކުރާ އިންޖެކްޝަނެކެވެ.

އޭރު އައިޖީއެމްއެޗުން އިތުރަށް ބުނީ ޕޭޝަންޓުގެ ހިތުގެ ހިނގުމަށް ބަދަލު އައިސް ހިތް ހުއްޓެން މެދުވެރިވީ ޕޭޝަންޓުގެ އެނަފައިލެކްސިސްގެ ހާލަތު އެވަގުތު ހުރި ގޮތުން ކަމަށް ބެލެވޭ ކަމަށެވެ.

މިދިޔަ އަހަރު އެ މައްސަަލައާ ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް "އަދަދު" އިން ގުޅާލުމުން އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލު ވިދާޅުވީ ކުރިން ހިނގާފައި އޮތް ކޭސްއެއް ކަމުން ރެކޯޑްސް ނުބަލާ ޖަވާބެއް ދިނުމަށް ދަތި ވާނެ ކަމަށެވެ.

އެޗްއާރުސީއެމްގެ ތަހުގީގުން ފާހަގަވި ކަންކަމުގެ ތަފުސީލެއް ހޯދުމަށް ވެސް މި ނޫހުން ގުޅުމުން ބުނެފައިވަނީ އެ މައްސަލައަކީ ސެންސިޓިވް މައްސަލައެއް ކަމުން ތަހުގީގުގެ ތަފުސީލާއި މައްސަލައިގެ ރިޕޯޓު ހިއްސާކުރެވެން ނެތް ކަމަށެވެ. ނަމަވެސް އެ ރިޕޯޓު އާއިލާއަށް ހަވާލުކޮށްފައިވާ ކަން އެޗްއާރުސީއެމުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

މެޑިކަލް ނެގްލިޖެންސްގެ ގާނޫނެއް މުހިންމު

މެޑިކަލް ނެގްލިޖެންސްގެ ގާނޫނެއް އޮތުމުގެ މުހިންމުކަމުގެ ވާހަކަ ދެކެވޭތާ އަހަރުތަކެއް ވެއްޖެ އެވެ. މިފަދަ ކޮންމެ ހާދިސާއަކާއެކު އެ ގާނޫނު އުފެއްދުމުގެ އައޑުތައް ދެކެވުނު ނަމަވެސް ދުވަސްކޮޅަކުން އަޑުކެނޑިގެންދާ މަންޒަރު އެތައް ފަހަރަކު ވަނީ ފެނިފަ އެވެ.

މެޑިކަލް ނެގްލިޖެންސްގެ ބިލެއް 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހެޅުނެވެ. އޭރު ތުލުސްދޫ ދާއިރާގެ މެންބަރުކަން އަދާކުރެއްވި ރޮޒައިނާ އާދަމް ހުށަހެޅުއްވި އެ ބިލު އަނބުރާ ގެންދިޔައީ ހެލްތު މިނިސްޓްރީ އާއި ސިއްހީ ދާއިރާގެ އިސްފަރާތްތަކުގެ ލަފާގެ މަތިން ކަމަށްވެ އެވެ.

ރާއްޖޭގައި މިފަދަ ގާނޫނެއް ނުވަތަ އަމަލުކުރާނެ ނިޒާމެއްގެ މުހިންމުކަމާމެދު ވާހަދައްކަވަމުން މަޝްހޫ ގާނޫނީ ވަކީލު ހަމްޒާ ލަތީފު "އަދަދު" އަށް ވިދާޅުވީ ސިޔާސަތު ކަނޑައަޅާ ފެންވަރުގައި މިކަމާމެދު މަޝްވަރާ ކުރެވެން ޖެހޭ ކަމަށެވެ.

އެކަމުގައި ގާނޫނެއް ނެތުމުން އަދި ރާއްޖޭގެ ސިއްހީ ހިދުމަތުގެ އާދަތައް ހުރި ކަންކަން ފާހަގަކުރައްވަމުން ހަމްޒާ ވަނީ ރާއްޖޭގައި ގިނައިން ސިއްހީ ހިދުމަތްދެނީ ދައުލަތުންކަން ފާހަގަކުރައްވާފަ އެވެ. އަދި އާސަންދަ ތައާރަފުވުމަށްފަހު ސިއްހީ ހިދުމަތް ދައުލަތުގެ ހަރަދެއްގެ ގޮތުގައި ކުރެވެމުންދާކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.

"[ސިއްހީ ހިދުމަތަކީ] ގިނައިން ދައުލަތުންދޭ ހިދުމަތަކަށް ވީމާ، ދައުލަތާ ދެކޮޅަށް ކޯޓަކަށް ގޮސްގެން އެ ކޯޓު ލައްވާ ދައުލަތާ ދެކޮޅަށް ހުކުމެއް ނެރުމަކީ ފަސޭހަ ކަމެއް ނޫން،" ހަމްޒާ ވިދާޅުވި އެވެ.

ހަމްޒާ މިސާލަކަށް ނެންގެވީ މި ރިޕޯޓުގައި ކުރިން ބުނި 2007 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭ ގދ. ތިނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގެ އިހުމާލުން ކަންފަތުގެ އިވުން ގެއްލުނު އެ އަތޮޅު ފަރެސްމާތޮޑާ އައިޝަތު އިޔާންގެ މައްސަލައަށެވެ.

އިޔާންއަށް ދިން އެންޓިބަޔޮޓިކްއެއްގެ ސަބަބުން އޭނާގެ އިވުން ގެއްލުނު ކަމަށް ރާއްޖެއިން ބޭރުން އިޔާން ބެލި ޑޮކްޓަރުން ބުނުމުން އޭނާގެ ބައްޕަ އިހުސާން ވަނީ ގދ. އަތޮޅު ހޮސްޕިޓަލާ ދެކޮޅަށް ދައުވާ ކޮށްފަ އެވެ.

"އޭނަ [އިހުސާން] ހޭދަކުރަން ޖެހުނު 10 ވަރަކަށް އަހަރު ކޯޓުތަކުގައި، މަދަނީ ކޯޓުންވެސް މައްސަލަ ނިންމި އިރު ނުކެރުނު ދައުލަތާ ދެކޮޅަށް ނިންމާކަށް ކުރާކަށް، ހައިކޯޓަކަށް ވެސް ނުކެރުނު، އެންމެ ފަހުން ސުޕްރީމް ކޯޓުން ބަދަލު ދޭން ނިންމީ،" ހަމްޒާ ވިދާޅުވި އެވެ.

އިހުސާނަށް ބަދަލުގެ ގޮތުގައި ޖުމްލަ 7.1 މިލިއަން ރުފިޔާ ދިނުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ހުކުމް ކުރީ ޖުލައި 25، 2019 ގަ އެވެ.

ހަމްޒާ އިތުރަށް ވިދާޅުވީ މިގޮތަށް ބަދަލު ނަގައިދިނުމުގައާއި ބަދަލު ދިނުމަށް ހުކުމް ކުރުމުގައި ދައުލަތުގެ ބަޖެޓުން އެ ހަރަދު ކުރަން ޖެހުން އެއީވެސް ކުރިމަތިވާ ގޮންޖެހުމެއް ކަމަށެވެ. އެހެންކަމުން ސިޔާސަތު ކަނޑައަޅާ ފެންވަރުގައި މިކަމުގެ ބަހުސްކުރެވި މިފަދަ ގެއްލުންތަކެއް ލިބޭ ފަރާތްތަކަށް ބަދަލު ދިނުމަށް އެކަށޭނަ ނިޒާމެއް ގާއިމުކުރަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"އެކަން ކުރުމަށްޓަކައި ސަރުކާރާއި މަޖިލީހުގެ އިތުރުން ކޯޓުތަކާ އެކު މަޝްވަރާތަކެއްކޮށް އަދި ރާއްޖޭގެ އިގުތިސާދީ މާހައުލުގައި ހުރި ފުރުސަތުތައް ހޯދާފަ [ބަދަލު ދެވޭނެ] ގޮތެއް ކަޑައަޅަންޖެހޭ،" ހަމްޒާ ވިދާޅުވި އެވެ.

ބަދަލު ލިބޭނެތަ؟

މަރީގެ މައްސަލައިގައި އެޗްއާރުސީއެމް އިން ހިންގި ތަހުގީގަށްފަހު އާއިލާއަށް ހަވާލުކުރި ރިޕޯޓުގައި ވެސް އައިޖީއެމްއެޗުގެ އިހުމާލު އޮތްކަމަށް ކަނޑައަޅާފައިވާކަމަށް މަރިޔަމްގެ ކޮއްކޮ އައިޝަތު ޒައީމާ ވަނީ މި ނޫހަށް ކަށަވަރު ކޮށްދީފަ އެވެ. ނަމަވެސް މިކަމުގައި އެޗްއާރުސީއެމް އިން ދީފައިވާ ލަފައާއި އެތްގޮތަށް ދައުވާ ކުރުމާމެދު އާއިލާއިން އަދި ގޮތެއް ނުނިންމާ ކަމަށް މި ރިޕޯޓަށް މައުލޫމާތަށް ދިންއިރު އިންޑިއާގައި ހުރި އައިޝަތު ބުންޏެވެ.

ދައުވާ ކުރުމާއި ނުކުރުން އެއީ އާއިލާގެ ނިންމުމެކެވެ. ނަމަވެސް އުފެދޭ ސުވާލަކީ މިފަދަ މައްސަލަތަކުގައި ރާއްޖޭގައި ބަދަލު ލިބޭނޭ ކަމާއި މެދު އުފެދޭ ސުވާލެވެ.

މިފަދަ ގިނަ ކޭސްތަކެއްގެ ގާނޫނީ ކަންކަން ކުރަމުން ގެންދާ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) ގެ ވަކީލު މަރިޔަމް ޝުނާނާ ވިދާޅުވީ ރާއްޖޭގައި މިފަދަ މައްސަލައެއްގައި ބަދަލު ލިބުނީ މަދު ފަހަރަކު ކަމަށެވެ.

ޝުނާނާ އިތުރަށް ވިދާޅުވީ މެޑިކަލް ނެގްލިޖެންސްގެ ކޭސްތަކުގައި ދިމާވާ އެންމެ އުނދަގޫ ކަމަކީ އިހުމާލުވިކަން ސާބިތުކޮށްދިނުމަށް ހުށަހަޅަންޖެހޭ 'އެކްސްޕާޓް އެވިޑެންސް' ހޯދުން ކަމަށެވެ.

"ދައުވާ ކުރާއިރު އިހުމާލުވި ގޮތް ކިޔައިދިނުމުގެ އިތުރުން އެކްސްޕާޓް ޑޮކްޓަރުންގެ ހެކިބަސް ދޭން އެބަޖެހޭ،" އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން، މިފަދައިން އިހުމާލުގެ މައްސަލަތައް ދިމާވާ ފަރާތްތަކަކީ އެންމެ ފުދުންތެރި މީހުންނަށް ނުވުމުގެ ސަބަބުން އެކްސްޕާޓް އެވިޑެންސްއެއް ހޯދުމަށް ކުރަންޖެހޭ ހަރަަދުވެސް ގިނަފަހަރު ކުރެވޭނެ ގޮތް ނުވާކަން ޝުނާނާ ފާހަގަކުރެއްވި އެވެ. އަދި ގިނަ ފަހަރު ދައުވާ ރައްދުވާ ސިއްހީ އިދާރާތަކުން ހޯދަންޖެހޭ ލިޔެކިޔުންތައް ހޯދުމުގައި ވެސް ވަރަށް ދަތިވާ ކަމަށް ވިދާޅުވި އެވެ.

"ޑޮކްޓަރުންނެއް މިކަމަށް ވޮލަންޓިއާއެއް ނުކުރޭ، އަދި ވަކިން ހާއްސަކޮށް މާލެ ކަހަލަ 'ކްލޯސްޑް އަޕް' ތަނެއްގައި އެގޮތަށް ހެކިބަސްދޭން ވަރަށް ގިނަ ފަހަރަށް ފަސްޖެހޭ،" ޝުނާނާގެ ތަޖުރިބާ ހިއްސާ ކުރައްވަމުން އޭނާ ވިދާޅުވި އެވެ.

ނަމަވެސް މިކަމަށްވެސް ފަސޭހަ ހައްލެއް އެބައޮތެވެ. އެއީ މެޑިކަލް ކައުންސިލުން މިފަދަ މައްސަލަތައް ތަހުގީގުކުރުމެވެ. އެ ކައުންސިލުގެ ރިޕޯޓު ވިކްޓިމްއަށް ދިނުމުން މިފަދަ މައްސަލަތައް ސާބިތުކުރަން ފަސޭހަވެގެންދާނެކަން ޝުނާނާ ވަނީ ފާހަގަކުރައްވާފަ އެވެ.

"އެކަމަކު މެޑިކަލް ކައުންސިލަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން މިހާތަނަށް ރިޕޯޓު ލިބުނީ އެންމެ މައްސަލައެއްގެ، އެބަހުރި ދެތިން އަހަރުވެފަ ހުރި މައްސަލަތައް ވެސް،" އޭނާ ވިދާޅުވި އެވެ.

އަހުމަދު އާއިދު

ޖާނަލިސްޓް

އަހުމަދު އާއިދު ނޫސްވެރިކަމުގެ ދާއިރަށް ވަނީ މީގެ ދެ އަހަރު ކުރިންނެވެ. ސިޔާސީ ދާއިރާއިން ފެށިގެން ކުޅިވަރުގެ ދާއިރާގައި އޭނާގެ ގަލަން ހިނގަ އެވެ. އެންމެ ފަހުން އޭނާ އުޅުނު "ވޮއިސް" ނޫހުގަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox