ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހު، މިހާރު އިދިކޮޅުގައި އޮތް ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ދަނީ ތަޖުރިބާ ކުރަމުން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަދަދު" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އަބްދުއްރަހީމް ފުރަތަމަ ފާހަގަކުރެއްވީ އެއްވެ އުޅުމުގެ ގާނޫނަށް އެ އިސްލާހު ގެނައުމުން އެ އިސްލާހު އުވާލާނެ ކަމަށް ރައީސް ސޯލިހު 2018 ވަނަ އަހަރު ވެވަޑައިގެން ވައުދެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮވެ މިހާތަނަށް އެ އިސްލާހު އުވާލެވިފައި ނުވާކަން ފާހަގަ ކުރެއްވި އެވެ.
"ދެން މިއޮތީ އަޅުގަނޑުމެންގެ ސަރުކާރެއް އައިމަ (ގާނޫނު) އިސްލާހު ކުރާނެތޯ (އުފެދޭ ސުވާލު)، އަޅުގަނޑުމެން މިހާރު ވަރަށް ބޮޑަށް ތަޖުރިބާ ކުރަމުން މިގެންދަނީ މިކަން," އަބްދުއްރަހީމް ވިދާޅުވި އެވެ.
މީގެއިތުރުން ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގިނަކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ އެކަންކަން އިދިކޮޅުން ދިރާސާ ކުރަމުންދާ ކަމަށެވެ.
މަނީލޯންޑާ ކުރުމާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ވެސް ހުންނެވި ޔާމީންގެ ވެރިކަމުގައި އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހާ އެކު މާލޭގައި ސިޔާސީ އެއްވުންތައް ބޭއްވޭނެ ހަމައެކަނި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ކާނިވާ ސަރަހައްދެވެ.

މި އިސްލާހަކީ ގާނޫނާ ހިލާފު އިސްލާހެއް ކަމަށް ވިދާޅުވެ އޭރު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހުންނެވި ރައީސް ސޯލިހު އެ އިސްލާހު އުވާލާނެ ކަމަށް ވައުދުވެވަޑައިގެން ނަމަވެސް، މިހާތަނަށް ސަރުކާރަށް އެކަމުގައި އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.













