މާފުށީ ޖަލުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިއްހަތާ ގުޅޭ ބައެއް އިންތިޒާމުތައް ޔަގީންކުރުމަށާއި އެ މަޝްވަރާތައް ކުރެއްވުމަށް އެމަނިކުފާނު ލީޑުކުރައްވާ ޕީޕީއެމް އަދި ޕީއެންސީގެ ލީޑާޝިޕް މޯލްޑިވްސް ކަރެކްޝަނަަލް ސާވިސް އަށް ވަޑައިގެންފި އެވެ.
ޕީޕީއެމުން މީޑިއާތަކަށް ހިއްސާކުރި ފޮޓޯއިން ފެންނަ ގޮތުން، މީގެ ކުރިން ރައީސް ޔާމީން ޖަލަށް ވަޑައިގަތުމުން ލީޑާޝިޕް ހިންގެވުމާ ހަވާލުވެވަޑައިގަތް ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ވެސް ވަޑައިގެން އިންނެވި އެވެ.
"ރައީސް ޔާމީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެދި، އަދި ބައެއް އިންތިޒާމުތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ޕީޕީއެމް ޕީއެންސީ ލީޑާޝިޕް ކަރެކްޝަންގައި،" އެ ފޮޓޯއާއެކު، ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު މީޑިއާތަކަށް ފޮނުއްވި މެސެޖްގައިވެ އެވެ.
ޕީޕީއެމްގެ ނައިބު ރައީސުންގެ ތެރޭގައި ހިމެނޭ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ގައްސާން މުހައްމަދު ވެސް ތިއްބެވީ ކަރެކްޝަންގަ އެވެ.
އޭގެ އިތުރަށް، ޕީއެންސީގެ ނައިބު ރައީސުންގެ ތެރޭގައި ހިމެނޭ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި ހުޅުމާލޭގެ ކައުންސިލަރު އިބްރާހީމް ޝުޖާއު އަދި، ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގައި ހިމެނޭ ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު ވެސް ތިއްބެވި އެވެ.

ރައީސް ޔާމީންގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް "އަދަދު" ނޫހަށް ވިދާޅުވީ ޔާމީނާ ބައްދަލުކުރެއްވުމަށް ފަހު އެމަނިކުފާނުގެ ސިއްހީ ހާލުކޮޅާ ގުޅޭ ގޮތުން މަޝްވަރާ ކުރްވައި، ވަކީލުންގެ ޓީމުން ކުރަން ޖެހޭ މަސައްކަތްތައް ކުރައްވާނެ ކަމަށެވެ.
މީގެ ކުރިން ވެސް މާފުށި ޖަލުުގައި ކޮވިޑް-19 ފެތުރެމުން ދިޔަ ދަނޑިވަޅުގައި، ޔާމީނަކީ ހައި ރިސްކް ބޭފުޅަކަށް ވާތީވެ ގޭބަންދަށް ބަދަލުކުރި އެވެ. އޭރު އެމަނިކުފާނު ތަންފީޒު ކުރައްވަމުން ގެންދެވީ ގއ. ވޮޑަމުލާގެ ހިޔާނާތުގެ މައްސާލަގައި ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމެކެވެ. އެ ހުކުމް ސުޕްރީމް ކޯޓުން ބާތިލްކުރުމުން، އެމަނިކުފާނު ފަހުން މިނިވަންވި އެވެ.
އިއްޔެ އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ވ. އާރަށު ހިޔާނާތުގެ މައްސަލާގައި ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުުމުގެ ދައުވާ އަދި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާ ކަމަށް ކޯޓުން ކަނޑައެޅުމަށް ފަހު އެވެ. އޭގެ އިތުރަށް ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ވެސް ކޯޓުން ހުކުމް ކުރި އެވެ.
ޕީޕީއެމް އިން ވަނީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރައްވާނެ ކެންޑިޑޭޓަކީ ޔާމީން ކަމުގައި ކަނޑައަޅައި، ރިޔާސީ އިންތިހާބުގެ ޓިކެޓް ވެސް ހަވާލުކޮށްފަ އެވެ. ނަމަވެސް ޖިނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހުގެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުން ގެންދާ މިހަކަށް ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ކުރިމަތިނުލެވޭނޭކަމަށް ގާނޫނު އަސާސީގައި އޮންނާތީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަކުރުމުގެ ފުރުސަތު މި ވަގުތަށް ވަނީ ބަންދުވެފަ އެވެ.












