ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްޔެ އިއްވާފައިވީ ނަމަވެސް އަދިވެސް ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ނުލިބޭތީ ދިފާއީ ވަކީލުން ކަންބޮޑުުވުން ފާޅުކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަންގައި ބުނާ ގޮތުން ކޮންމެ ކޯޓަކުން ވެސް ޝަރީއަތް ނިންމައި ހުކުމް ކުރާ ދުވަހު "ޝަރީއަތް ނިމުނު ގޮތް" މައްސަލަ ބެލި ފަނޑިޔާރުންގެ ސޮޔާއެކު އެ މައްސަލާގައި ހިމެނޭ ކޮންމެ ފަރާތަކާވެސް ހަވާލުކުރަން ވާނެ އެވެ.
އަދި ހަމަ އެ ދުވަހު ކޯޓުގެ ވެބްސައިޓުގައި ޕީޑީއެފްކޮށް އެ ރިޕޯޓު ޝާއިއުކުރަން ޖެހޭނެ ކަަމަށް ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަންގައި ވަނީ ބަޔާންކޮށްފަ އެވެ.
ރައީސް ޔާމީނުގެ ވަކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓު އަދިވެސް ލިބިފައި ނުވާތީ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުގެ މަސައްކަތް މަޑުޖެހިފައިވާ ކަމަށެވެ.
ޖަމީލް ވަނީ އިއްޔެ ކޯޓުގައި ހުކުމް އިއްވުމުގެ މަރުހަލާ ދިގުދެމިގެން ދިއުމުން އެކަމަށްވެސް ފާޑު ވިދާޅުވެފަ އެވެ.

"ކްރިމިނަލް ކޯޓުން މިވަރުގެ ބޮޑު 11 އަހަރު ދުވަހުގެ ޖަލު ހުކުމް އިއްޔެ ކުރީގެ ރައީސެއްގެ މައްޗަށް އިއްވިއިރު އަދިވެސް ރިޕޯޓް ނުލިބޭ. ކޯޓަށް ހާޒިރުވީ 9 ޖެހިއިރު. ޝަރީއަތް ފެށީ 12 ޖަހަން ކައިރި ވެފައި ހުއްޓާ. ހުކުމް މި އިއްވީ ރިޕޯޓް ތައްޔާރުނުކޮށް ތިބެބާ." ޖަމީލް ވަނީ ވިދާޅުވެފަ އެވެ.
ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނޭ އާދަމް ޝަމީމް ވެސް ވަނީ މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭނާ ވަނީ ޝަރީއަތް ނިމުނުތާ އެތައް އިރެއް ވީއިރު ވެސް އަދިވެސް އެ ރިޕޯޓު ތައްޔާރުކޮށް ނުނިމެނީތޯ ސުވާލުކޮށްފަ އެވެ.
އަދި އެއީ ލައިވްކުރި ޝަރީއަތަކަށް ވާއިރު ހުކުމުގެ ކޮންމެ އަކުރެއް ވަކިން ބެލޭނެ ކަމަށް އޭނަ ވިދާޅުވި އެވެ.
"އިއްޔެގެ ޝަރީއަތުގެ ލައިވް ސްޓްރީމް ޔޫޓިއުބުން މިހާރު ވަނީ ނަގާފައި. އެކަމަކު ވެސް އަޅުގަނޑުމެން އަތުގައި އިއްޔެގެ ޝަރީއަތުގެ ވީޑިއޯ އެބަ އޮތް. އިއްޔެގެ ޝަރީއަތް ރާއްޖޭގެ ގިނަ މީޑިއާތަކަކުން ވެސް ލައިވް ކުރި. ހުކުމުގެ ކޮންމެ އަކުރެއް ވަކިން ބަލައި ޗެކު ކުރެވޭނެ." އާދަމް ޝަމީމް ވިދާޅުވެފައި ވެއެވެ.
ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު އާންމުނުކޮށް ހިންގާފައި ވަނީ ގާނޫނާ ހިލާފް އަމަލެއް ކަމަށް ޔާމީނުގެ ވަކީލު އަބްދުﷲ ޝިޔާޒް ވެސް ވިދާޅުވި އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި, ކްރިމިނަލް ކޯޓުން ހުކުމް ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ.












