ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވި ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން މަތީ ކޯޓުގައި އިސްތިއުނާފުކޮށްގެން ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ޔާމީނުގެ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ.
އަށް ގަޑިއިރަށް ދިގުލައިގެންދިޔަ ޝަރީއަތުގެ މަޖިލީހަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖަމީލު އިތުރަށް ވިދާޅުވީ ޔާމީނުގެ މައްޗަށް މިއަދު ކުރި ހުކުމް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ބަލައިނުގަންނަ ކަމަށެވެ.
"މި ހުކުމަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ދިވެހިރާއްޖޭގެ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި އަދި އެެ ގާނޫނުގެ ދަށުން ކަނޑައެޅިފައި ހުރި އުސޫލުތަކާ ހިލާފަށް، އެ އުސޫލުތައް އެއްކިބާ ކުރުމަށްފަހު ކޮށްފައިވާ ގާނޫނާ ހިލާފު ހުކުމެއް،" ޖަމީލު ވިދާޅުވި އެވެ.
މީގެ އިތުރުން އިސްތިއުނާފީ ކޯޓުގައި މި މައްސަލަ ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތްކަން ޖަމީލު ވަނީ ތަކުރާރުކުރައްވާފަ އެވެ.
އަދި ލަސްކުރުމުއް ނެތި އިސްތިއުނާފުގެ މަސަައްކަތް މިއަދުން ފެށިގެން ވަކީލުންގެ ޓީމުން ކުރަމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި, ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖުމުލަ 11 އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ.
މި ދެ ދައުވާގެ ތެރެއިން މަނީ ލޯންޑާ ކުރުމުގެ ކުށުގެ ދައުވާގައި ކޯޓުން ނިންމީ ޔާމީން 11 އަހަރަށް ޖަލަށް ލުމާއެކު، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ. އެއީ ލޯންޑާކުރިކަން ސާބިތުވި ޖުމުލަ އަދަދުގެ ފަސް ގުނަ އެވެ.
ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާގައި ކޯޓުން ކަނޑައެޅި އަދަބަކީ ހަތަރު އަހަރަށް ޖަލަށް ލުމެވެ. އެ ކުށަށް ކަނޑައެޅިފައިވާ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމެވެ.













