މުޖްތަމައުގެ ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމުގެ ބޭނުމުގައި ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު މެންޓަލް ހެލްތު ޑިޕާޓްމެންޓުގެ ނަމުގައި އިދާރާއެއް އުފައްދަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ އިދާރާ އުފެއްދީ ނަފްސާނީ ދާއިރާއިން މައިގަނޑު ހަ މަގްސަދެއް ހާސިލް ކުރުމަށް ކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމާއި ނަފްސާނީ ދުޅަހެޔޮކަމަށް އަހުލުވެރިކުރުވުން ހިމެނެ އެވެ.
މެންޓަލް ހެލްތު ޑިޕާޓްމަންޓު އުފެއްދުމުގެ މަގްސަދުތައް
- ދިވެހިރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުން
- ނަފްސާނީ ދުޅަހެޔޮކަމަށް މުޖުތަމައު އަހުލުވެރިކުރުން
- ނަފްސާނީ ސިއްހަތުގެ ދާއިރާއިން ހިންގާ ޕްރޮގްރާމްތައް ކަނޑައަޅުން
- ނަފްސާނީ ސިއްހަތުގެ ދާއިރާގެ ސިޔާސަތުތަކާއި ލަނޑުދަނޑިތައް ހާސިލްކުރުމަށް ހިންގާ ޕްރޮގްރާމްތަކާއި ކުރެވޭ މަސައްކަތްތައް ވިލަރެސްކުރުން
- ސިއްހީ ހިދުމަތްދޭ ސަރުކާރުގެ ތަންތަނުން ނަފްސާނީ ސިއްހަތުގެ ޚިދުމަތްތައް ފޯރުކޮށްދޭކަން ކަށަވަރުކުރުން
- ނަފްސާނީ ސިއްހަތާ ގުޅުންހުރި މަސައްކަތްތައް ކުރާ އަމިއްލަ ފަރާތްތަކާއި ޖަމިއްޔާތަކާއި ޖަމާއަތްތަކާ ގުޅުން ބަދަހިކޮށް އެ ފަރާތްތަކުގެ އެއްބާރުލުން ހޯދައި، އެފަރާތްތަކުން ކުރާ މަސައްކަތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ލަފާދިނުން
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ބަޔާނުގައި އަލަށް އުފެއްދި އިދާރާގެ މަސައްކަތްތައް ވެސް ވަރަށް ބޮޑަށް ވަނީ ތަފުސީލުކޮށްފަ އެވެ. އޭގެ ތެރޭގައި ނަފްސާނީ ސިއްހަތާ ގުޅޭ އެކި ޕްރޮގްރާމްތައް ހިންގުމާއި ނަފްސާނީ ސިއްހަތާ ގުޅޭ ކޯސްތައް ޔުނިވާސިޓީ އާއި ކޮލެޖުތަކުގައި ހިންގުމަށް ބޭނުންވާ ފަންނީ ލަފާ ދިނުން ހިމެނެ އެވެ.
މެންޓަލް ހެލްތު ޑިޕާޓްމަންޓުގެ މަސައްކަތްތައް
- ނަފްސާނީ ސިއްހަތުގެ ދާއިރާގެ ސިޔާސަތުތަކާއި ލަނޑުދަނޑިތައް ހާސިލްކުރުމުގެ ގޮތުން ޕްލޭންތައް އެކަށައަޅައި، އެ ޕްލޭންތައް ތަންފީޒުކުރުމުގެ ކަންކަން ވިލަރެސްކުރުން
- ނަފްސާނީ ސިއްހަތުގެ ދާއިރާއިން ހިންގާ ޕްރޮގްރާމްތައް އެކުލަވާލައި، އެ ޕްރޮގްރާމްތަކުން ހާސިލުކުރަން ބޭނުންވާ އަމާޒުތައް ކަނޑައަޅައި، ޕްރޮގްރާމްތައް ތަންފީޒުކުރުމުގެ ކަންކަން ވިލަރެސްކުރުމާއި އެ ޕްރޮގްރާމްތައް ހިންގުމުގެ މިންގަނޑުތައް ކަނޑައަޅައި، އެ ޕްރޮގްރާމްތައް ހިންގާނެގޮތުގެ ހަމަތައް ކަނޑައަޅައި، އެ ޕްރޮގްރާމްތައް ހިނގާނުހިނގާގޮތްބަލައި މޮނީޓާކުރުމާއި، އެ ޕްރޮގްރާމްތަކަށް ގެންނަންޖެހޭ ބަދަލުތަކަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ގެނައުން.
- ސިއްހީ ހިދުމަތްދޭ ސަރުކާރުގެ ތަންތަނުން ރައްޔިތުންނަށް ފޯރުކޮށްދޭ ނަފްސާނީ ސިއްހީ ހިދުމަތްތަކާބެހޭ ސިޔާސަތުތަކާއި އުސޫލުތައް ކަނޑައެޅުމުގަ އާއި އެ ސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތަށް ހިދުމަތްދޭކަން ކަށަވަރުކުރުމުގައި މިނިސްޓްރީއަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން
- ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓްއިން ކަނޑައަޅާ ޕްލޭންތަކާ އެއްގޮތަށް، ސިއްހީ ހިދުމަތްދޭ ސަރުކާރުގެ ތަންތަނުން ނަފްސާނީ ސިއްހަތުގެ ހިދުމަތްތައް ފޯރުކޮށްދޭކަން ކަށަވަރުކުރުން
- ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަމާބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމާއި، އެ މަސައްކަތްތަކުގައި ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކާއި ޖަމިއްޔާތަކާއި ޖަމާއަތްތަކުގެ އެއްބާރުލުން ހޯދުން.
- ނަފްސާނީ ސިއްހަތާއި ގުޅުންހުރި މަސައްކަތްތައް ކުރާ އަމިއްލަ ފަރާތްތަކާއި ޖަމިއްޔާތަކާއި ޖަމާއަތްތަކާއި ގުޅުން ބަދަހިކޮށް އެ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރެވޭނެ މާޙައުލެއް ޤާއިމުކުރުމާއި، ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ޕްރޮގްރާމްތައް ހިންގުމުގައި އެ ފަރާތްތަކުގެ އެއްބާރުލުން ހޯދުމާއި، އެފަރާތްތަކުން ކުރާ މަސައްކަތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ލަފާދިނުން.
- ދިވެހިރާއްޖެއަށް ކުރިމަތިވާ ކުއްލި ނުރައްކާތަކާއި ކާރިސާތަކުގައި، ނަފްސާނީ ސިއްހަތުގެ ދާއިރާއިން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ކަމާބެހޭ ފަރާތްތަކާ ގުޅިގެން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސައި އެ ކަންކަން ވިލަރެސްކުރުމާއި، ކުއްލި ނުރައްކާތަކާއި ކާރިސާތަކުގެ ހާލަތްތަކުގައި ނަފްސާނީ ސިއްހަތުގެ ހިދުމަތްތައް ފޯރުވައިދޭނެ ގޮތްތައް ކަނޑައެޅުން.
- ނަފްސާނީ ސިއްހަތުގެ ދާއިރާއިން ރާއްޖެއަށް ފަންނީ ހުނަރުވެރިން ބޭނުންވާ ދާއިރާތައް ދެނެގަނެ، ގާބިލު މީހުން ބިނާކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުން.
- ދިވެހިރާއްޖޭގައި ހިންގާ މަތީ ތައުލީމާއި ތަމްރީނު ދޭ މަރުކަޒުތަކުން ނަފްސާނީ ސިއްހަތުގެ ދާއިރާގެ ކޯސްތައް އެކުލަވައިލައި ހިންގުމުގައި އެ މަރުކަޒުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
- ނަފްސާނީ ސިއްޙަތުގެ ދާއިރާގެ ހިދުމަތްތައް ދިނުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަތުމަށް އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ހިދުމަތްދޭ އިދާރާތަކާއެކު މަޝްވަރާކުރުމާއި، އެ ގޮންޖެހުންތަކުގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުން.
- ނަފްސާނީ ސިއްހިތުގެ ދާއިރާއިން ރާއްޖެ ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކާއި، އެއްބަސްވުންތަކުގައި ހިމެނޭ ކަންކަން ތަންފީޒުކުރުމުގައި ކަމާބެހޭ އިދާރާތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދީ އެ މަސައްކަތްތައް ވިލަރެސްކުރުމާއި، މިފަދަ ބައިނަލްއަގްވާމީ މުއާހަދާތަކާއި، އެއްބަސްވުންތަކުގައި ހިމެނޭ ކަންކަން ތަންފީޒުކުރުމުގެގޮތުން އިސްލާހުކޮށް ބަދަލުގެންނަންޖެހޭ ކަންކަމަށް ބަދަލުގެނައުމަށް ބާރުއަޅައި، މި ކަންތައްތައް ކަމާ ގުޅުންހުރި ދާއިރާތަކުގެ ސަމާލުކަމަށް ގެނައުން.
- ނަފްސާނީ ސިއްހަތުގެ ދާއިރާގެ ސިޔާސަތުތަކާއި ލަނޑުދަނޑިތައް ހާސިލްކުރުމަށް ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި ޖަމާޢަތްތަކުން ލަފައާއި އެހީ ހޯދުމާއި، އެ ޖަމާއަތްތަކާ ގުޅުން ބަދަހިކުރުން.
- ނަފްސާނީ ސިއްހަތުގެ ދާއިރާއާ ގުޅުންހުރި ދިރާސާތައް ކުރުމާއި، އެ ދިރާސާތަކުން ހޯދޭ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.
- ނަފްސާނީ ސިއްހަތުގެ ދާއިރާއާ ގުޅޭ ތަފާސްހިސާބުތައް އެއްކޮށް، އަދާހަމަކޮށް ބަލަހައްޓައި، އެނަލައިޒްކޮށް، ތަފާސްހިސާބުތައް ހާމަކުރުން.











