ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތުގެ ހުކުމް އަންނަ އާދީއްތަ ދުވަހަށް ތާވަލުކޮށްފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ އެއް މުއާމަލާތް ކަމަށް ބުނާ އާރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ ދައުލަތުން ކުރެ އެވެ. އަދި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމަށް ރިޝްވަތު ހިފުމުގެ ދައުވާ ކޮށްފައިވެ އެވެ.
ދައުލަތުން ކުރާ ދައުވާގައިވާ ގޮތުން ވ. އާރަށް ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކުރީ އޮގަސްޓް 9، 2015 ގަ އެވެ. ޔޫސުފް ނައީމްގެ 99 ޕަސަންޓު ހިއްސާ އޮންނަ ގޮތަށް ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފެއްދީ އޮގަސްޓް 13، 2015 ގަ އެވެ.
ސެޕްޓެމްބަރު 8، 2015 ގައި ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ 99 ޕަސަންޓު ހިއްސާ އެލްއޭ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްއަށް ވިއްކާލީ ކަމުގަ އެވެ.
ސެޕްޓެމްބަރު 9، 2015 ގައި އެމްއެމްޕީއާރުސީން ޓޫޖީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް ވ. އާރަށް ހަވާލުކުރިއިރު އެލްއޭއިން އެމްއެމްޕީއާރުސީއަށް ރަށުގެ ލީޒް އެކުއިޒިޝަން ކޮސްޓްއަށް އެއް މިލިއަން ޑޮލަރު އަދި ޔޫސުފް ނައީމަށް ވެސް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ.

ސެޕްޓެމްބަރު 13، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓަށް އެ ފައިސާ ޖަމާވުމުން ސެޕްޓެމްބަރު 15، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓުން ޔާމީނަށް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ. އޭގެ ދެ ދުވަސް ފަހުން އެ ފައިސާ އެޗްއެސްބީސީގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ.
ޔާމީނާއި ޔޫސުފް ނައީމް ވެސް މި ދައުވާތަކަށް އިންކާރު ކުރައްވަ އެވެ. ޔާމީނާއި ޔޫސުފް ނައީމް ވެސް ވިދާޅުވާ ގޮތުން އެ ދެ މީހުންގެ ދެމެދުގައި ހިނގާފައިވާ ކަމަށް ދައުލަތުން ބުނާ މުއާމަލާތަކީ ދިވެހި ރުފިޔާއިން ޑޮލަރު ގަތް މުއާމަލާތެކެވެ. އަދި އާރަށް ކުއްޔަށް ދޫކުރުމުގައި ހިނގީ ވަކި އެހެން މުއާމަލާތެއް ކަމަށެވެ. އަދި ހިޔާނާތުގެ އެއްވެސް އަމަލެއް ހިންގަވާފައިނުވާނެ ކަމަށެވެ.
ޔޫސުފް ނައީމާއި ޔާމީން ވެސް ވަނީ އެ ކަން ސާބިތު ކުރުމަށް ދިފާއީ ހެކިންތަކެއް ވެސް ހުށަހަޅައިފަ އެވެ. އަދި ދައުލަތުން ވަނީ ޔާމީންގެ ދިފާއު ނަފީ ކުރުމުގެ ގޮތުން އިތުރު އާ ހެކިތަކެއް ވެސް ހުށަހަޅައިފަ އެވެ. އަދި ޝަރީއަތަށް އެ ހެކިތައް ބަލައިގަތެވެ.













