މާލޭގެ މިސްކިތްތަކުގެ މަރާމާތަށް ބޭނުންވާ ފައިސާ ހޯދަން ޓެލެތޯނެއް އަންނަ މަހު ބާއްވަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ސިޓީ ކައުންސިލުން މީގެ ކުރިން ދެފަހަރެެއްގެ މަތިން ޓެލެތޯން ބާއްވަން ނިންމި ނަމަވެސް އެ ތާރީހުގައި ބާއްވާފައެއް ނުވެ އެވެ. އަދި އެ ތާރީހު ފަސްކުރީ އެކަމަށް ވާންޖެހޭ ތައްޔާރީތައްވުމަށް ކަމަށް ބުންޏެވެ.
ސިޓީ ކައުންސިލުން ބުނީ މިސްކިތްތަކަކީ ސިޓީ ކައުންސިލުން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށްވުމާއެކު، މިސްކިތްތައް ކައުންސިލާ އާ ސަރުކާރުން ހަވާލުކުރީ އެއްވެސް ބަޖެޓަކާ ނުލާ ކަމަށެވެ.
އެހެން ކަމުން އެތަންތަނުގެ މެއިންޓެއިން މަސައްކަތްތަކާއި، މަރާމާތުތަކަށް ބޮޑެތި ހޭދައެއް ކުރަންޖެހޭއިރު، ކައުންސިލުގެ ބަޖެޓުން މިކަން އެންމެ އެދެވޭ ގޮތަށް ނުކުރެވޭ ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.
އަދި ޓެލެތޯން ބާއްވަން ނިންމީ އާންމުން އަދި ވިޔަފާރިވެރިންގެ އެހީއާ އެކު މިކަން ކުރުމަށް ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.













