ތިލަމާލޭ ބްރިޖު އެޅުމުގެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މުވައްޒަފުން ތިބުމަށް ގުޅީފަޅުގައި ހަދާފައިވާ އެކަމޮޑޭޝަން ބްލޮކްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެ އިމާރާތް އެކޮށް އަނދައި ހުލުވެ، 70 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވި ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި އެ ހާދިސާގެ ރިޕޯޓް ފަޔަ އެންޑް ރެސްކިޔު ސާވިސް އަށް ލިބިފައިވަނީ ރޭ ދަންވަރު 12:31 ހާއިރު އެވެ. އެ ކޭމްޕްގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ ގަޑިއެއްގެ އިރު ފަހުންނެވެ.
އެމްއެންޑީއެފުން ބުނީ ހާދިސާގެ ރިޕޯޓް ލިބުމާއެކު އެފްއާރުއެސްގެ ފަޔަމަނުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށި ކަމަށާއި ރޯވި އަލިފާން ނިއްވާލެވިފައި ވަނީ މެންދަމު 1:52 ހާއިރު ކަމަށެވެ.
މި ހާދިސާގައި 13 މީހަކު އައިޖީއެމް ހޮސްޕިޓަލަށް އަދި 60 މީހުން ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށާއި އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އަނދައި ހުލުވި އެކޮމަޑޭޝަން ބްލޮކުގައި 465 މީހުން ދިރިއުމުންދިޔަ އެވެ.
އެފްކޮންސްއިން އިން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ހުރިހާ މަސައްކަތްތެރިން ސަލާމަތްކުރެވުނު،" ކަމަށާއި ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ މީހުންނަށް ލިބިފައިވަނީ ކުދިކުދި އަނިޔާ ކަމަށެވެ. އަދި އެ އެންމެންގެ ހާލު ރަނގަޅު ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
އަލިފާން ރޯވުމަށް މެދުވެރިވި ސަބަބެއް ނޭނގޭ ކަމަށާއި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް އެފްކޮންސްއިން ބުންޏެވެ.
titledesc












