މިނިސްޓްރީގެ ގައިޑްލައިންތަކަށް ފެތުމުން ޓްރީޓޮޕްގައި އައިވީއެފް ހެދުމުގެ ހިދުމަތް ދިނުމަށް އެ ހޮސްޕިޓަލަށް ހުއްދަ ދޭނެ ކަމަށް ހެލްތު މިނިސްޓްރީއިން ބުނެފި އެވެ.
އެކަމާއި ގުޅިގެން "އަދަދު" އިން ސުވާލުކުރުމުން ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި އަހަރުގެ ކުރީކޮޅުވެސް އެ ހޮސްޕިޓަލުން ހުއްދައަށް އެދުނު ކަމަށާއި ނަމަވެސް އެފަހަރު މިންގަނޑުތަކަށް ނުފެތޭތީ ހުއްދަ ނުދެވުނު ކަމަށެވެ.
"މިހާރު ހުއްދައަށް އެދިފަ ވަނީ، މިނިސްޓްރީއިން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހުރިހީ ކަންކަން ފުރިހަމަވާ ނަމަ، ގައިޑްލައިނަށް ފެތެންޔާ ހުއްދަ ދެވޭނެ،" މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
އޭގެ އިތުރުން މި ހިދުމަތަކީ ސެންސިޓިވް ހިދުމަތެއް ކަމުން މިނިސްޓްރީއިން ހުއްދަ ދިނުމުގެ ކުރިން ވަރަށް ރަނގަޅަށް ހުރިހާކަމެއް ވެސް ބަލާނެ ކަމަށް ވިދާޅުވި އެވެ.
ގުދުރަތީ ގޮތުން ދަރިމައިނުވާ ފަރާތްތަކަށް ދޭ މި ހިދުމަތް ދިނުމަށްޓަކާ ޓްރީޓޮޕުން ދަނީ އެ ހޮސްޕިޓަލުގައި މަތީ ފެންވަރުގެ އައިވީއެފް ސެންޓަރެއްވެސް އަޅަމުންނެވެ. އަދި މި ހިދުމަތަށް ހާއްސަކޮށް އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން ވަނީ ތަމްރީނުވެސް ކޮށްފަ އެވެ.

ރާއްޖޭގައި މިވަގުތު މި ހިދުމަތް ނުލިބޭއިރު، މި ފަރުވާ ހޯދަން ބޭނުންވާ ފަރާތްތަކުން މިހާރު ޖެހެނީ ގިނަ ހަރަދުތަކެއް ކުރުމަށްފަހު ރާއްޖެއިން ބޭރުން މި ހިދުމަތް ހޯދާށެވެ. އެ ފަރުވާ ހޯދަން އިންޑިއާއަށްދާ ދިވެހިންގެ އަދަދު ވަރަށް ގިނަ އެވެ.













