އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ވާދަކުރާ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމްއާ ވާދަކުރާނެ އިތުރު ކެންޑިޑޭޓަކު ނެތް ނަމަ ޕްރައިމަރީ ނުބާއްވާނެކަމަށް އެ ޕާޓީއިން ބުނެފި އެވެ.
ޕްރައިމަރީގައި ނާޒިމް ވާދަކުރައްވާނެކަން އޭނާ އިއުލާންކުރެއްވީ މިއަދު ކުރެއްވި ޓުވީޓެއް މެދުވެެރިކޮށެވެ.
ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް އިއުލާނު ކުރެއްވުމަށްފަހު ނާޒިމް ވިދާޅުވީ އެމްއެންޕީ އަކީ ރައްޔިތުންނަށް އޮތް އައު އުންމީދެއް ކަމަށާއި އައު ފުރިހަމަ ވިސްނުމެއް ކަމަށެވެ.
ޕްރައިމަރީގައި ވާދަކުރައްވާނެކަން ނާޒިމް އިއުލާނުކުރައްވާފައިވާއިރު މިހާތަނަށް އެ ޕާޓީއިން ޕްރައިމަރީގެ ތަފުސީލެއް އިއުލާންކޮށްފައެއްނުވެ އެވެ.
އެކަމާ ގުޅިގެން މި ނޫހުން ސުވާލުކުރުމުން އެ ޕާޓީގެ ތަރުޖަމާނު ސިދާތާ ޝަރީފް ވިދާޅުވީ އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު މާދަމާއަށް ހަމަވާނެ ކަމަށެވެ. އަދި އިތުރު ކެންޑިޑޭޓަކު ވާދަނުކުރާ ނަމަ ޕްރައިމަރީ ނުބާއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިހާތަނަށް އިތުރު ފަރާތަކުން ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިނުވާ ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް ޕްރައިމަރީ ބާއްވަން ޖެހޭ ހާލަތުގައި ޕްރަައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 14 ވަނަ ދުވަހު ކަމަށްވެސް ވިދާޅުވި އެވެ.
ސިފައިންނާއި ފުުލުހުން ހިންގި މިއުޓިނީއެއްގެ ތެރެއިން 2011 ވަނަ އަހަރު އެއިރުގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވި ދުވަހު ހިނގައިދިޔަ ކަންތައްތަކުގައި ކުރިން ސިފައިންގެ ކާނަލެއްގެ މަގާމުގައި ހުންނެވި ނާޒިމް ބޮޑު ދައުރެއް އަދާކުރެއްވި އެވެ. އޭގެ ފަހުން، އޭނާ ވަޑައިގަތީ އަލަށް އުފެދުނު ސަރުކާރުގެ ޑިފެންސް މިނިސްޓަރުގެ މަގާމަށެވެ.













