ރާއްޖޭގެ މަސްވެރިކަމުން މިހާރު އެންމެ ބޮޑުު ފައިދާއެއް ކުރަނީ ރާއްޖެއިން ބޭރުގެ ބައެއް ގައުމުތަކަށް ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ރޭ ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ގދ. ފަރެސްމާތޮޑާގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ހުސައިން ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ މަސްވެރިކަމަށް އިންގިލާބީ ބަދަލުތަކެއް ގެނެސް ރާއްޖޭގެ މަސްވެރިކަމުން ފައިދާ ވަނީ ދިވެހިންނަށް ކަމަށް ހެދުމަށް ކަމަށެވެ.
"މިހާރު ރާއްޖޭގެ މަސް އެކްސްޕޯޓްކުރާ ގޮތަށް ބަލާއިރު، އެ މަސްވެރިކަމުގެ ބޮޑު ފައިދާއެއް ވަނީ ތައިލެންޑަށާއި، އިރުމަތީ އޭޝިއާގެ ގައުމުތަކަށް," ހުސައިން ވިދާޅުވި އެވެ.
މިއީ މަސްވެރިކަމަށް ދިމާވެފައިވާ މައްސަލަތަކަށް އަމަލީ ގޮތުުން ހައްލެއް ހޯދުމަށް މަސައްކަތް ކުރާ ފުރަތަމަ ސަރުކާރު ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ހުސައިން ރަޝީދު ވިދާޅުވީ، މަސްވެރިކަމަށް ހަމައަގު ހޯދުމަށް ރާއްޖެއިން އެކްސްޕޯޓުކުރާ މަހުގެ އުފެއްދުންތަކުން ޔޫރަޕުން މިހާރު ނަގަމުން އަންނަ ބޮޑު ޑިއުޓީއިން ސަލާމަތްވުމަށް ޑިއުޓީ އިނާޔަތް ހޯދުމަށްޓަކާ މި ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައި ކަމަށެވެ.

"މިހާރު މިވަނީ ޑިއުޓީ އިނާޔަތް ލިބުމާ ނުހަނު ކައިރިއަށް އާދެވިފައި. ސަރުކާރުން ދަނީ ޑިއުޓީ އިނާޔަތް ހޯދުމަށް އިނގިރޭސި ސަރުކާރާއެކު މަޝްވަރާކުރަމުން" މިނިސްޓަރު ހުސެން ރަޝީދު ވިދާޅުވި އެވެ.












