ހައިވޭގައި ގާއިމްކުރާ ސޯލާ ޕެނަލްގެ ނިޒާމު: އަހަރަކު 20 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ

ސޯލާ ޕެނަލްތަކުގެ މަސައްކަތް ނިމުމުން ދައުލަތުން ތެލަށް ކުރާ ހޭދައިން ކޮންމެ އަހަރަކު 20 މިލިއަން ސަލާމަތްކުރެވޭނެ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ސޯލާ ޕެނަލްތަކުގެ މަސައްކަތް ނިމުމުން ދައުލަތުން ތެލަށް ކުރާ ހޭދައިން ކޮންމެ އަހަރަކު 20 މިލިއަން ސަލާމަތްކުރެވޭނެ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ސިނަމާލެ ބްރިޖާއި ހުޅުމާލެއާ ދެމެދު އޮންނަ ހައިވޭގައި ސަރުކާރުން ގާއިމްކުރަމުން އަންނަ ސޯލާ ޕެނަލް ނިޒާމުގެ ސަބަބުން މިހާރު ދައުލަތުން ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 20 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފި އެވެ.

ވޯލްޑް ބޭންކުގެ އެހީގައި ހައިވޭގައި މިހާރު ގާއިމްްކުރަމުން އަންނަ ސޯލާ ޕެނަލް ނިޒާމުގެ އަމަލީ މަސައްކަތްް ފަށާފައިވަނީ އެކަމަށްޓަކާ މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ މަސައްކަތް ފައްޓަވައިދެއްވާ ފުރަތަމަ ޕެނަލް ބޯޑު ހަރުކުރެއްވީ މިނިސްޓްރަ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާ، ވޯލްޑް ބޭންކްގެ ސައުތު އޭޝިއާ ރީޖަންގެ ވައިސް ޕްރެޒިޑެންޓް މާޓިން ރެއިސާގެ އިތުރުން ވޯލްޑް ބޭންކާއި ސްޓެލްކޯ އަދި އެޗްޑީސީގެ އިސްވެރިންނެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ، ރާއްޖެއަކީ ކަންބޮޑުވާ މިންވަރަށް ތެލަށް ބަރޯސާވާ ގައުމެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖެއިން ތެލަށް ކުރާ ހޭދަ އިތުރު ކަމަށާއި، ޖީޑީޕީގެ 10 އިންސައްތަ ކޮންމެ އަހަރަކު ހޭދަކުރެވެނީ ތެޔޮ އެތެރެކުރުމަށް ކަމަށެވެ. އަދި މިއީ އިގްތިސާދަށް އޮތް ބޮޑު ބުރައެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ދިވެހިރާއްޖެ ހިމެނެނީ މޫސުމީ ގޮތުން ނާޒުކު ގައުމުތަކުގެ ތެރޭގައި ކަމަށް ވެސް ޝައުނާ ވިދާޅުވި އެވެ. ޝައުނާ ވިދާޅުވީ އިއާދަކުރުވަނިވި ހަކަތައަށް އިންވެސްޓުކުރެވުމަކީ ގައުމުގެ ކުރިއެރުމަށް ކުރެވޭ އިންވެސްޓެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

"މިހާރު މިތިބަ ހާލަތުން އަރައިގަތުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަކީ މުހިންމު ކަމެއް. މި ސަރުކާރުގައި ވާނީ ތެލަށް ދިވެހިން ބަރޯސާވާ މިންވަރު ކުޑަކުރުމަށް އިއާދަކުރުވަނިވި ހަކަތައިގެ އެތައް މަޝްރުއޫއެއް ކުރިއަށް ގެންގޮސްފައި," މިނިސްޓަރު ޝައުނާ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވޯލްޑު ބޭންކުގެ މި ރީޖަނުގެ ނައިބު ރައީސް މާޓިން ވެސް ވަނީ ރާއްޖެއަކީ މޫސުމީ ގޮތުން ނާޒުކު ގައުމެއްކަން ފާހަގަކުރައްވާފަ އެވެ. އަދި ސަރުކާރުން އެކަން ދަނެގެން ކުރައްވާ މަސައްކަތްތަކަށް އޭނާ ވަނީ ތައުރީފްކުރައްވާފަ އެވެ.

"މި ކަންކަމަށް ފަރުވާލެއް ނެތި ކުރިއަށް ގޮސްފި ނަމަ 2050 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ބައެއް ނެތިގެން ދިއުމަކީވެސް އެކަށީގެންވާ ކަމެއް." މާޓިން ވިދާޅުވިއެވެ.

މާޓިންގެ ވާހަކައިގައި ވެސް ވަނީ އިއާދަކުރުވަނިވި ހަކަތައަކީ މިހާރު ބޭނުންކުރާ ތިމާވެއްޓަށް ގެއްލުންހުރި ހަކަތައާ އަޅާ ބަލާއިރު ދެގުނަ އަގު ހެޔޮ ވަސީލަތެއްކަން ފާހަގަކޮށް މިއީ އިގްތިސާދަށް ވެސް ލިބިގެންދާނެ ލުޔެއް ކަމުގައި ފާޙަގަކުރައްވާފަ އެވެ.

ދިވެހިރާއްޖޭގައި މިހާތަނަށް އެއް ކޮންޓެރެއްޓެއްގެ ދަށުން އެންމެ ގިނަ އަދަދަކަށް ސޯލާ ޕީވީ ނިޒާމެއް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ސަބަބުން ދައުލަތުން ތެލަށް ކުރާ ހަރަދު ބޮޑުތަނުން ކުޑަވެގެން ދާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުންޏެވެ.

މި މަޝްރޫއިން އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓް ޔުނިޓުން ދައުލަތުން ކަރަންޓް އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 އާއި 20 މިލިއަން ދިވެހި ރުފިޔާ ތެލަށް ކުރާ ހޭދައިން ކުޑަކުރެވޭނެ ކަމަށް އަންދާޒާ ކުރެވޭނެ ކަމަށް ވެސް ބުންޏެވެ.

މި މަސައްކަތް ކުރަމުން ދަނީ ތައިލޭންޑްގެ އެންސިސް ކޯ ލިމިޓެޑާ ހަވާލުކޮށްގެންނެވެ.

މި މަޝްރޫއުގެ ދަށުން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކުމަށް ހަމަޖެހިފައިވާ ރޭޓަކީ ކަރަންޓް ޔުނިޓަކަށް 10.09 ޔޫއެސް ސެންޓެވެ. އެއީ ދިވެހި ފައިސާއިން ކަރަންޓް ޔުނިޓަކަށް އެއް ރުފިޔާ 68 ލާރި އެވެ. އެސްޕަޔާ ގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުމާލޭގައި 1000 ހައުސިންގް ޔުނިޓްތަކުގައި ގާއިމްކޮށްފައިވާ 1.5 މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމުން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކަމުން ދަނީ 21 ޔޫއެސް ސެންޓަށެވެ. އެހެންކަމުން ފަސް މެގަވޮޓް ސޯލާ ޕީވީން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ގަންނަން ލިބެނީ މީގެ ކުރީން ސޯލާ ހަކަތައިން އުފައްދާ ކަރަންޓް ޔުނިޓަކަށް ޖެހޭ އަދަދުގެ ދެބައިކުޅަ އެއްބައި އަގުހެޔޮ ރޭޓެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox