އަމީނީ މަގުގައި ތާރު އެޅުމުގެ ކުރިން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެ މަގުގެ އިތުރު ސަރަހައްދެއް ބަންދުކޮށް މަސައްކަތް ފަށައިފި އެވެ.
ޖުމްލަ 15 ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށް ގެންދާ 84 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ އަމީނީ މަގު ހެދުމުގެ މަޝްރޫއުގެ ދެ ވަނަ ސެގްމަންޓުގެ މަސައްކަތަށް ބަންދު ކުރީ އިރުދޭމާ ހިނގުމުން ފެށިގެން ކަލާފާނު ހިނގުމާ ހަމައަށެވެ.
އަމީނީ މަގު ހެދުމުގެ ޕްރޮޖެކްޓް ކުރިއަށްގެންދާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ މީޑިއާ ކޯޑިނޭޓަރު، ބުނީ ދެ ވަނަ ސެގްމަންޓުގެ ދަށުން ވެސް ކުރިއަށް ދާނީ ފުރަތަމަ ބަންދުކުރި ސަރަހައްދުގައި ވެސް ކުރިއަށް ދިޔަ މަސައްކަތްތައް ކަމަށެވެ. އެގޮތުން ތާރު އެޅުމުގެ ކުރިން ކުރާން ޖެހޭ އެހެން ހުރިހާ މަސައްކަތެއް ކުރިއަށް ދާނެ ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށާއި ތާރު އެޅުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރިއަށް ގެންދާނީ މިހާރު މަސައްކަތް ކުރަމުންދާ ހިސާބުން ފެށިގެން ގޮސް ގާތްގަނޑަކަށް ބިލަބޮންގު ސްކޫލާ ހަމައަށް މަސައްކަތް ނިމުމުން ކަމަށެވެ.
އެގޮތުން ތާރު އެޅުމުގެ ކުރިން ކުރަންޖެހޭ މަސައްކަތައް ކުރުމަށް ބަންދު ކުރާ ސަރައްދުތަކުގައި ކުރަން ހުރި މަސައްކަތްތައް ނިމޭވަރަކުން ހުޅުވަމުން ގެންދާނެ ކަމަށް އޭނާ ބުންޏެވެ.

އަމީނި މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ގޮތުން ތާރު އަޅައިގެން އެ މަގު ހެދުމުގެ މަސައްކަތް އާރުޑީސީން ފެށީ މިދިޔަ އޯގަސްޓު، 30، ގަ އެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ 210 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. އެހެންކަމުން މެއި 28، 2023 އަށް އެ މުއްދަތު ހަމަވާނެ އެވެ.












