އެމޭޒަން ކިންޑްލް ސްޓޯރުގެ ދިވެހި ދުނިޔެ

ކިންޑްލް ސްޓޯރުގައި އިލެކްޓްރޯނިކް ފޯމެޓަށް ލިބެންހުރި ބައެއް ދިވެހިންނާ ގުޅޭ ފޮތް: ރާއްޖޭގެ މޮޅު ލިޔުންތެރިންގެ މުހިންމު މަސައްކަތްތަކެއް ކިންޑްލް ސްޓޯރުން ގަނެވޭނެ -- ފޮޓޯ: އަބްދުﷲ "އަބޯ" ޝަފީއު

ކިންޑްލް ސްޓޯރުގައި އިލެކްޓްރޯނިކް ފޯމެޓަށް ލިބެންހުރި ބައެއް ދިވެހިންނާ ގުޅޭ ފޮތް: ރާއްޖޭގެ މޮޅު ލިޔުންތެރިންގެ މުހިންމު މަސައްކަތްތަކެއް ކިންޑްލް ސްޓޯރުން ގަނެވޭނެ -- ފޮޓޯ: އަބްދުﷲ "އަބޯ" ޝަފީއު

އެމޭޒަން ކިންޑްލްއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ލައިބްރަރީ އެވެ. ކިންޑްލް ސްޓޯރުގައި އެތައް މިލިއަން ފޮތެއް (ބެލެވޭ ގޮތުގައި 3.3 މިލިއަން އީބުކްސް) ދައުރުވަމުންދާއިރު އޭގެ ތެރެއިން މަދުން ނަމަވެސް ދިވެހި ގޮތް ހިމެނެ އެވެ.

ކިންޑްލް ސްޓޯރުން ލިބެން ހުންނަ ފޮތްތަކުގެ ތެރޭގައި ދިވެހި ތާރީހާއި ބަހާއި އަދަބިއްޔާތާ ގުޅޭ ފޮތް ހިމެނެ އެވެ. އަދި ތަފާތު ވާހަކަ ފޮތްތައް ވެސް ހިމެނެ އެވެ. އޭގެ އިތުރުން، ކުޑަކުދިންނަށް ހާއްސަ ވަރަށް ގިނަ ފޮތް ވެސް ކިންޑްލް ސްޓޯރުގައި އެބަހުއްޓެވެ.

އޭގެ ތެރެއިން ދިވެހިންނާއި ދިވެހިރާއްޖެއާ ގުޅޭ ބައެއް ފޮތްތަކަކީ ދިވެހި ބަހުން ލިޔެފައިވާ ފޮތެވެ. އަދި ބައެއް ފޮތްތަކަކީ ފުރަތަމަ ދިވެހި ބަހުން ނެރެ، ފަހުން އިނގިރޭސިކޮށްފައިވާ ފޮތެވެ. ތިރީގައި މި ވަނީ ކިންޑްލް ސްޓޯރުން ލިބެން ހުރި އެފަދަ ފާހަގަކޮށްލެވޭ ބައެއް ފޮތްތަކެވެ.

Advertisement

ސަންފަ އާއި މޫސަ، ލޯބިންފަރު (އިނގިރޭސި)

މިއީ ޑރ. މުސްތަފާ ލުތުފީގެ ލިޔުއްވި ލޯބިންފަރު، ވާހަކައިގެން އިނގިރޭސި ތަރުޖަމާ އެވެ. އެ ފޮތް އިނގިރޭސި ބަހަށް ގެނައީ ކިންޑްލްގައި އަށް ދިވެހި ފޮތް ގެނައުމަށް މުހިންމު ރޯލެއް އަދާ ކުރަމުންދާ މުހައްމަދު ފާރޫގެވެ. (ފާރޫގް ތަރުޖަމާ ކުރެއްވި ފޮތްތައް ތިރީގައި ހިމަނާފައިވާނެ އެވެ.)

ލޯބިންފަރަކީ ހިޔާލީ ލޯބީގެ ވާހަކަ އެކެވެ. ނަމަވެސް ފޮތް ފުރިވެގެންވަނީ ޑރ. މުސްތަފާ ލުތުފީގެ އެހެން ވާހަކަތައް ފަދައިން، ފެކްޓްސް އާއި މުއްސަނދި ރިސާޗުންނެވެ. ކިޔާލާ މީހަކަށް ތާރީހީ އެތައް މައުލޫމާތަކާއި ދިވެހިން އުޅުނު ގޮތާއި ވައްޓަފާޅި ހިތަށް ގެނެވޭނެ އެވެ.

"އަޅުގަނޑުމެން ގުޅުވައިދޭ އެއްޗަކީ ލޯބި. އެއަށްޓަކައި އަޅުގަނޑުމެން ގުރުބާންވާންޖެހޭ އެއްޗަކީ ވެސް ލޯބި،" ލޯބިންފަރާ ގުޅޭ ގޮތުން ޑރ. މުސްތަފާ ވިދާޅުވެފައިވެ އެވެ.

ސޮފްހާގެ އަދަދު: 148

ޕަބްލިޝް ކުރި ތާރީހު: މާޗް، 10، 2021

އަގު: 152ރ. (ނަމަވެސް ކިންޑްލް އަންލިމިޓެޑަށް ސަބްސްކްރައިބް ކުރުމުން އެ ޕްރޮގްރާމުގެ ދަށުން ހިލޭ ކިޔޭނެ.)

🛒

މޮޓަރު ބޯޓު ގަޑުބަޑު، ޅަ ސީދީގެ ނޯޓުތައް، ސުއޭޒް ކައިވެނި (އިނގިރޭސި)

ސުރުހީގައި ލިޔެފައިވާ އެ ތިން ފޮތަކީ ވެސް ތާނައިން އިނގިރޭސިއަށް ތަރުޖަމާކޮށްފައިވާ ފޮތްތަކެވެ. އެ ތިން ފޮތް ވެސް ތަރުޖަމާ ކުރައްވާފައި ވަނީ ލޯބިންފަރު ވެސް ތަރުޖަމާ ކުރެއްވި މުހައްމަދު ފާރޫގެވެ.

މި ތިން ފޮތަކީ ވެސް ވަރަށް ސާދާ ތަރުޖަމާއެކެވެ. ކިޔާލަން ފަސޭހަވެފަ، ބައެއް ނަން ނަމާއި ކަންކަމުގެ ކޮންޓެކްސް ލިޔުއްވާފައި ހުރެ އެވެ. އިނގިރޭސި ބަހުން ދިވެހި ތާރީހު ކިޔާލުމަށް ރަނގަޅު ފުރުސަތެކެވެ.

މީރުބަހުރުގޭ މުހައްމަދު އިސްމާއިލް ދީދީ ލިޔުއްވި މޮޓަރު ބޯޓު ގަޑުބަޑަކީ މުހައްމަދު ޝަމްސުއްދީނުގެ ވެރިކަން ވެއްޓުނު ގޮތުގެ ފަސް ހޭންޑް އެކައުންޓެކެވެ. އިސްމާއިލް ދީދީއަކީ މޮޓަރު ބޯޓުގައި ސިލޯނަށް ވަޑައިގެންނެވި އެއް ބޭފުޅާ އެވެ.

މާލޭގެ ސިޔާސީ ކަންކަން އެއިރު ހިނގަމުން އައި ގޮތާއި ބާރުގައި ހުންނެވި ބޭފުޅުންގެ ރޭވުންތެރިކަން މި ފޮތުން ކިޔުންތެރިންނަށް އެނގޭނެ އެވެ. ސިލޯނަށް އަރުވާލެވިގެން ހުންނެވިއިރު ފެނިވަޑައިގެންނެވި މަންޒަރުތައް ވެސް ލިޔުއްވާފައިވެ އެވެ. އޭގެ ތެރޭގައި މުހައްމަދު އަމީން ދީދީގެ ދިރިއުޅުން ހުންނެވި ގޮތާއި އިނގިރޭސިންގެ ސްޓައިލަށް ހެނދުން ތުރުކުރައްވައިގެން މެޖެސްޓިކް ސިނެމާއަށް ފިލްމު ބަލަންދާ ވާހަކަ ހިމެނެ އެވެ.

ސޮފްހާގެ އަދަދު: 150

ޕަބްލިޝް ކުރި ތާރީހު: ސެޕްޓެމްބަރު 17، 2021

އަގު: 76.9ރ.

🛒

އެސްޖެހިގޭ ޅަ ސީދީގެ ނޯޓުތަކަކީ ޝަމްސުއްދީން ރަސްގެފާނުގެ ވެރިކަން ވެއްޓުނު ދުވަސްވަރު ޑައިރީއެއްގެ ގޮތުގައި އެމަނިކުފާނު ލިޔުއްވާފައިވާ ނޯޓުތަކެއް އެއްކޮށް ނެރެފައިވާ ފޮތެކެވެ. ފޮތް ބޮޑަށް ޝައުގުވެރިވަނީ ޅަ ސީދީއަކީ ރަސްގެފާނުގެ ގަނޑުވަރުގައި މަސައްކަތް ކުރައްވަމުން ގެންދެވި އޮފިޝަލެއް ކަމަށް ވާތީ އެވެ.

ޅަ ސީދީގެ ނޯޓުތަކުގައި ވަރަށް ތަފްސީލުކޮށް ހަވަރު ހަރަކާތްތެރިވި ގޮތް ލިޔެފައިވެ އެވެ. އަދި ރަސްގެފާނުގެ ވެރިކަން ވެއްޓެމުންދިޔަ ދުވަސްވަރު ވެރިކަމުގެ ގޮތްކިޔަމުންދިޔަ 68 މެމްބަރުންގެ ކޮމެޓީ އާއި އަބްދުލް މަޖީދު ރަންނަބަނޑޭރިކިލޭގެފާނު މާލެ ވަޑައިގަތުމާއި މިސްރުގައި ހުންނަވައިގެން ރާއްޖެ ހިންގެވި ގޮތް ވެސް ފޮތުގައި ލިޔެފައިވެ އެވެ.

ޅަ ސީދީގެ ނޯޓުތައް ފެނުނީ އޭނާ ނިޔާވިފަހުން އެ ގޭގެ ސީލިންގު ތެރޭގައި ފޮރުވާފައި އޮއްވަ އެވެ. ފޮތެއްގެ ސިފައިގައި އެ ނޯޓުތައް ޕަބްލިޝް ކުރުމަށް ހަވާލު ކުރެއްވީ އޭނާގެ ބޭފުޅެކެވެ.

ސޮފްހާގެ އަދަދު: 148

ޕަބްލިޝް ކުރި ތާރީހު: ޖެނުއަރީ 13، 2022

އަގު: 76.9ރ.

🛒

ސުއޭޒު ކައިވެންޏަކީ ރަސްގެފާނު މުހައްމަދު އިމާދުއްދީން މިސްރުގެ އަންހެން ކަނބަލަކާ ކައިވެނި ބައްލަވައިގަތުމަށް އެ ގައުމުގެ ސުއޭޒް ސިޓީގައި ބޭއްވެވި އަގުބޮޑު ކައިވެނި ޕާޓީގެ ވާހަކަ އެވެ. ފޮތް ލިޔުއްވީ ރަސްގެފާނާއެކު ދަތުރު ވަޑައިގެންނެވި ހުސެއިން ސަލާހުއްދީނެވެ. އަދި ފޮތް ލިޔުއްވީ ރަސްގެފާނުގެ އެދިވަޑައިގަތުމަކަށެވެ.

ދަތުރުގައި ސަލާހުއްދީނަށް ފެނިވަޑައިގެންނެވި މަންޒަރު ވަރަށް ތެދަށް، ހާމަކަންބޮޑު ގޮތަކަށް ގެނެސްދެއްވާފައި ހުންނެވިކަން އެ ފޮތް ކިޔާ މީހަކަށް ގަބޫލު ކުރެވޭނެ އެވެ. އެ ޒަމާނުގައި (1900 ގެ ކުރީކޮޅު) ދިވެހިން އުޅުނު ގޮތާއި ރަސްގެފާނުގެ އަގުބޮޑު ދިރިއުޅުން ހުންނެވި މި ފޮތުން އެނގޭނެ އެވެ.

ރަސްގެފާނު ރާއްޖެއިން ބޭރުގައި ހުންނަވައިގެން އެމަނިކުފާނުގެ އަގުބޮޑު ދިރިއުޅުމަށް ހަރަދު ކުރުމަށް ދިވެހި ދައުލަތުގައި ހުރި ފައިސާ ނަންގަވަމުންދިޔަ ގޮތާއި އެންމެފަހުން އެމަނިކުފާނުގެ ވެރިކަން ވައްޓާލި ގޮތް ވެސް ފޮތުގައި ހިމަނާފައިވެ އެވެ.

ސޮފްހާގެ އަދަދު: 148

ޕަބްލިޝް ކުރި ތާރީހު: އޭޕްރީލް 29، 2021

އަގު: 76.9ރ.

🛒

ނަޖްޔާ އާއި ވިންޓަބާގްގެ ކުޑަކުދިންގެ ވާހަކަތައް (ބައިލިންގުއަލް)

ފިލިޕް ވިންޓަބާގް އަދި ނަޖްޔާ ވިޝްމަންއަކީ ކުޑަކުދިންގެ ފޮތްތައް ލިޔަން މަޝްހޫރު ދެ ލިޔުންތެރިންނެވެ. އެ ދެ ލިޔުންތެރިންގެ ވަރަށް ގިނަ ފޮތްތަކަކީ 200 އަށް ވުރެ ގިނަ ބަހުން ނެރެފައިވާ ފޮތްތަކެވެ. އޭގެ ތެރޭގައި ދިވެހި ބަސް ވެސް ހިމެނެ އެވެ. ބޭނުމަކީ ވީހާ ވެސް ގިނަ ކުޑަކުދިންނަށް އެ ފޮތްތަކުގެ ބޭނުން ހިފުމެވެ.

އެ ދެ ލިޔުންތެރިންގެ ފޮތްތަކުގެ ތެރެއިން ދިވެހި ބަހުން ނެރެފައިވާ ތިން ފޮތަކީ ހަ އަހަރު ފުރެންދެން ކިޔަން އެންމެ ރަނގަޅު ފޮތްތަކެކެވެ. މިއީ ދިވެހި ބަސް ހިމެނޭ ގޮތަށް ތަފާތު ދެ ބަހެއް ހިމަނައިގެން ލިޔެފައިވާ ފޮތްތަކެކެވެ. އެހެންކަމުން ދިވެހި ނޫން ބަހެއް ދަސްކުރުމުގެ ފުރުސަތު ވެސް މި ފޮތުން ލިބޭނެ އެވެ.

އަހަރެން ކުޑަތަ؟ ފޮތުގައި އުޅޭ ޓޭމިއާއަށް ތަފާތު ކުޑަބޮޑުމިނުގެ ތަކެއްޗާއި ދިމާވެ އެވެ. ބައެއް އެއްޗެހި ބުނަނީ ޓައިމީ ވަރަށް ބޮޑު ކަމަށެވެ. އަދި ބައެއް އެއްޗެހި ބުނަނީ ޓައިމީ ވަރަށް ކުޑަ ކަމަށެވެ. މި ފޮތުން، އަނެކާގެ ނަޒަރު ހިތަށް ގެނުވަން ކުޑަކުއްޖާއަށް ދަސްކޮށްދެވޭނެ އެވެ.

ސޮފްހާގެ އަދަދު: 15

ޕަބްލިޝް ކުރި ތާރީހު: އޭޕްރީލް 29، 2015

އަގު: 46ރ. (ނަމަވެސް ކިންޑްލް އަންލިމިޓެޑަށް ސަބްސްކްރައިބް ކުރުމުން އެ ޕްރޮގްރާމުގެ ދަށުން ހިލޭ ކިޔޭނެ.)

🛒

އެގްބާޓް ރަތްވުން އަކީ އެގްބާޓް ނަމަކަށް ކިޔާ ކުއްޖަކަށް، އެހެން ކުދިން ބުލީ ކުރުމުން އޭނާ ރުޅި އައިސް ރަތްވާ ވާހަކައެކެވެ. މި ވާހަކައިން އެކުވެރިންނާއެކު ޖެހޭ މައްސަލަތައް ހައްލު ކުރުމަށާއި އިހްސާސްތައް ކޮންޓްރޯލް ކުރަން ދަސްވާނެ އެވެ.

ސޮފްހާގެ އަދަދު: 15

ޕަބްލިޝް ކުރި ތާރީހު: ސެޕްޓެމްބަރު 16، 2015

އަގު: 46ރ.

🛒

މިތަނުން އެތެރެއަށް، އެތަނުން ބޭރަށް މި ފޮތުގައި އުޅޭ ޖޯސެފްއަކީ ވަރަށް އުފެއްދުންތެރި ތަނަވަސް ހިޔާލެއްގެ ކުއްޖެކެވެ. އެކަމަކު އޭނާ ކުރާ ކަންތަކާމެދު ވަރަށް ގިނަ މީހުން މަލާމާތްކޮށް ޖޯކު ޖަހަ އެވެ. ނަމަވެސް އެމީހުންގެ އެއްވެސް ވާހަކައެއް ޖޯސެފަކަށް ނީވެ އެވެ. އެ ހުރިހާ އަޑެއް ދަނީ އެއް ކަންފަތުން ވަދެފައި، އަނެއް ކަންފަތުން ބޭރަށެވެ. އެހެން މީހުންގެ ނުރަނގަޅު ފާޑުކިޔުމަށް ސަމާލުކަން ނުދީ އުފާވެރި ދިރިއުޅެއް އުޅޭނެ ގޮތް މި ފޮތުން ކިޔައިދެ އެވެ.

ސޮފްހާގެ އަދަދު: 15

ޕަބްލިޝް ކުރި ތާރީހު: ޖޫން 13، 2015

އަގު: 30ރ. (ނަމަވެސް ކިންޑްލް އަންލިމިޓެޑަށް ސަބްސްކްރައިބް ކުރުމުން އެ ޕްރޮގްރާމުގެ ދަށުން ހިލޭ ކިޔޭނެ.)

🛒

އެ ރޭޑިއޯ (ދިވެހި)

މިއީ އިބްރާހިމް "އޮގަރު" ވަހީދު ލިޔުއްވި ހިޔާލީ ވާހަކަ ފޮތެކެވެ. މި ވާހަކައިގެ ސެޓިންއަކީ 1960، 1970 އަދި 1980 ގެ މާލެ އެވެ. އެ އަހަރުތަކުގައި މާލެ ބަދަލުވަމުންދިޔަ ގޮތް ފޮތް ކިޔާ މީހުންނަށް ތަސައްވަރު ކުރެވޭނެ އެވެ.

ކިންޑްލް ސްޓޯރުގައި ވަހީދު ލިޔުއްވާފައިވާ ގޮތުގައި، އެ ރޭޑިއޯއަކީ ދިވެހި ބަހުން ޕަބްލިޝް ކުރި ފުރަތަމަ އީ-ފޮތެވެ.

މީގެ 40 އަހަރު ކުރިން 1982 ވަނަ އަހަރު ލިޔުއްވަން ފެއްޓެވި ވަހީދަކީ ވާހަކަ އާއި އެހެނިހެން ކްރިއޭޓިވް ލިޔުންތައް ލިޔުއްވާ ދިވެހިންގެ ތެރެއިން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ވަހީދުގެ މަސައްކަތުގެ އަގު ވަޒަންކޮށް އޭނާއަށް 2011 ވަނަ އަހަރު ސާކް ލިޓަރަރީ އެވޯޑް ވަނީ ލިބިވަޑައިގެންފަ އެވެ.

ސޮފްހާގެ އަދަދު: 166

ޕަބްލިޝް ކުރި ތާރީހު: މެއި 19، 2020

އަގު: 462ރ.

🛒

ސިއްހީ ހަދިޔާ (ދިވެހި ބަސް)

މިއީ ޕްރޮފެސަރު ހަސަން އުގައިލް ލިޔުއްވާފައިވާ ފޮތެކެވެ. މިއީ ދިވެހިންނަށް އާންމުކޮށް ކުރިމަތިވާ ސިއްހީ މައްސަލަތަކާއި އެ ބަލިތަކާ ބެހޭ މައުލޫމާތު ލިޔެފައިވާ ފޮތެކެވެ. ބައެއް ކަންކަމުގައި އުގެއިލްގެ އަމިއްލަ ތަޖުރިބާ ވެސް މިފޮތުގައި ހިމަނާފައިވެ އެވެ.

މިސާލަކަށް ހަކުރު ބައްޔާ ބެހޭ ވަރަށް ގިނަ މައުލޫމާތު މި ފޮތުގައި ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި، ހަކުރު ބަލި ޖެހުމާ ދުރު އާދަކާދަ ގެންގުޅޭނެ ގޮތް ބުނެދެ އެވެ. އަދި ހަކުރު ބަލީގެ މީހުންގެ ދިރިއުޅުމާއި ކެއުން ބެހެއްޓިދާނެ ގޮތްތައް ކިޔައިދީފައިވެ އެވެ.

އޭގެ އިތުރުން، ރާއްޖޭގައި ލިބެން ހުންނަ ބާވަތްތައް ބޭނުންކޮށްގެން ކެއުމާއި ދިރިއުޅުމުގެ ވައްޓަފާޅި ބެހެއްޓިދާނެ އުސޫލުތަކެއް ވެސް އުގައިލް މި ފޮތުގައި ހިއްސާ ކުރައްވާފައިވެ އެވެ. މިފޮތުގެ ބޭނުން ހިފައިގެން ދުޅަހެޔޮ ސިއްހަތަކަށް ވާސިލްވެވިދާނެ އެވެ.

ސޮފްހާގެ އަދަދު: 336

ޕަބްލިޝް ކުރި ތާރީހު: ޑިސެމްބަރު 25، 2020

އަގު: 46ރ. (ނަމަވެސް ކިންޑްލް އަންލިމިޓެޑަށް ސަބްސްކްރައިބް ކުރުމުން އެ ޕްރޮގްރާމުގެ ދަށުން ހިލޭ ކިޔޭނެ.)

🛒

ކިންޑްލް އެޕްލިކޭޝަނުން ފޮތް ކިޔުމާއި ގަތުން

ކިންޑްލް ސްޓޯރުގައި ހުންނަ ފޮތްތައް ކިޔުމަށް ކޮންމެހެން ކިންޑްލްއެއް ބޭނުމެއް ނުވާނެ އެވެ. އެޕަލް ސްޓޯރުން އަދި ގޫގަލް ޕްލޭ ސްޓޯރުން ހިލޭ ކިންޑްލް އެޕްލިކޭޝަން ފޯނަށް އިންސްޓޯލް ކުރެވޭނެ އެވެ. އެއިރުން، ކިންޑްލް ސްޓޯރުގައި ހުންނަ ކޮންމެ ފޮތެއް ވެސް ގަނެވޭނެ އެވެ.

އެމޭޒަން އިން ފޮތް ގަންނައިރު ބައެއް ފަހަރު ރީޖަންގެ މައްސަލަތަކެއް ޖެހި ރާއްޖޭގައި ހުންނަ މީހާއަށް ވަރަށް ގިނަ ފޮތް ނުފެނެ އެވެ. ނަމަވެސް ޔޫއެސްގެ އެޑްރެސްއެއް ޖެހުމުން މި މައްސަލަ ހައްލުވާނެ އެވެ. މައިޔޫއެސް އަށް ހިލޭ ރަޖިސްޓްރީކޮށްގެން ވެސް ޔޫއެސް އެޑްރެހެއް ލިބޭނެ އެވެ.

ނަމަވެސް ދާދިފަހުން ގޫގަލް އިން ގެނައި ބަދަލެއްގެ ސަބަބުން، ކިންޑްލް އެޕްލިކޭޝަން ތެރެއިން މިހާރު ފޮތެއް ނުގަނެވޭނެ އެވެ. ފޮތް ގަންނަންޖެހޭނީ ބްރައުޒާއަކުން އެމޭޒަން ސްޓޯރަށް ވަދެގެނެވެ. ނުވަތަ އެމޭޒަން ޝޮޕިން އެޕްލިކޭޝަން ވެސް ފޮތް ގަތުމަށް ބޭނުން ކުރެވިދާނެ އެވެ.

މަހަކު 9.9 ޑޮލަރު ދީގެން ކިންޑްލް އަންލިމިޓެޑަށް ސަބްސްކްރައިބް ކުރުމުން، ކިންޑްލް އަންލިމިޓެޑުގެ ދަށުގައި ހުރި ފޮތްތައް ހިލޭ ކިޔޭނެ އެވެ. އެތައް ލައްކަ ފޮތެއް ކިންޑްލް އަންލިމިޓެޑުގެ ދަށުން ކިޔޭނެ އެވެ.

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox