ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަންގެ ދާއިރާތަކުގެ އިންތިހާބުގައި މިއަދު ބޭއްވި ދެ ދާއިރޭގެ ވަގުތީ ނަތީޖާ އެ ކޯލިޝަނުން އިއުލާން ކޮށްފި އެވެ.
އާންމު ކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު މާފަންނު ހުޅަނގު ދާއިރާގެ ރައީސަކު ހޮވުމަށް ނެގި ވޯޓު ކާމިޔާބުކުރީ މުހައްމަދު މުސްތަފާ އިބްރާހިމެވެ. މުސްތަފާއަށް 141 ވޯޓު ލިބުނު އިރު އޭނާއާ ވާދަކުރި އަހުމަދު ތައުމީލް އަށް ލިބުނީ 75 ވޯޓެވެ.
ހެންވޭރު ދެކުނު ދާއިރާގެ ރައީސަކު ހޮވުމަށް ނެގި ވޯޓު ކާމިޔާބުކުރީ އަހުމަދު މުހައްމަދު ވަހީދެވެ. އޭނާއާ ވާދަކުރި އަހުމަދު ޒައިންއަށް ލިބުނީ 61 ވޯޓެވެ.
އެ ދެ ދާއިރާގެ ވޯޓާއެކު އިދިކޮޅު ކޯލިޝަންގެ ހުރިހާ ދާއިރާތަކަށް ރައީސުން އަދި އެހެން މަގާމުތަކަށް މެންބަރުން ވަނީ ހޮވާފަ އެވެ.
ކޯލިޝަނުގެ އެތެރޭގެ އިންތިހާބުތަކަށްފަހު ދެން އެ ދެ ޕާޓީއިން މައިގަނޑު އިސްކަމެއްދޭނީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށްކަމަށް ބެލެވެ އެވެ. އިދިކޮޅު ކެންޑިޑޭޓު ކުރީގެ ރައީސް ޔާމީނު އަދި ޓީމުން މިހާތަނަށް ބައެއް އަތޮޅުތަކަށް ކެމްޕޭނު ދަތުރުތަކެއް ކޮށްފަ އެވެ.














