ރީބްރޯޑްކާސްޓް ކުރުމުގެ ގަވައިދުގައި، ދިރާގު ޓީވީއަށް ފުރުސަތު ގެއްލޭ ގޮތަށް އޮތް މާއްދާ ބާތިލުކުރަން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެގޮތަށް ފާސްކުރަން ހުށަހެޅުއްވީ މަހިނބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގެވެ. އޭނާގެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ފޮނަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މޫސާ ސިރާޖެވެ. އެ ހުށަހެޅުން ފާސްކުރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
ކޮމިޓީން މިގޮތަށް ފާސްކުރި ނަމަވެސް ބްރޯޑްކޮމް އަށް އެގޮތަށް އެންގޭނީ ކޮމިޓީގެ ހުށަހެޅުން މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ފާސްކޮށްގެންނެވެ.
ރީބްރޯޑްކާސްޓްކުރުމުގެ ގަވައިދުގެ (8) ވަނަ މާއްދާގެ (ހ)ގެ (5) ވަނަ ނަމްބަރުގައިވާ ގޮތުން، ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ ދެން ލިބޭނީ ހިއްސާގެ 100 ޕަސެންޓް ދިވެހިންނަށް އޮންނަ ކުންފުނިތަކަށެވެ. ކޭބަލް ޓީވީގެ ހިދުމަތް ދިނުމުގައި މީޑިއާނެޓާ ކިރިޔާވެސް ވާދަކޮށްލެވޭ ފަދަ ހާލަތެއްގައި އޮތް ހަމަ އެކަނި ކުންފުނި ކަމަށްވާ ދިރާގަކީ 100 ޕަސެންޓް ދިވެހި ކުންފުންޏެއް ނޫނެވެ. އެކުންފުނީގެ މެޖޯރިޓީ ހިއްސާ މިހާރު އޮންނަނީ ބަހުރައިންގެ ބަޓެލްކޯ އަށެވެ.
ގަވައިދުގެ އެ މާއްދާ އަކީ ބްރޯޑްކޮމް ގާނޫނުގެ މަގުސަދާ ހިލާފު މާއްދާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއް މީގެ ކުރިން މަޖިލީހުގެ ތަޅުމުގައި ވެސް ވަނީ ވިދާޅުވެފަ އެވެ. އެ މައްސަލަ ބަލައިދޭން އެދި ގަވައިދު ކޮމިޓީއަށް ހުށަހެޅުއްވީ މެދުހެންވޭރު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ އާޒިމެވެ.

އާޒިމު ހުށަހެޅުއްވި އެ މައްސަލަ ބެލުމަށް ޓަކައި ކަމާ ގުޅޭ ގިނަ ފަރާތްތަކާ ކޮމިޓީން މަޝްވަރާ ކުރެއްވި އެވެ. އޭގެ ތެރޭގައި ބައެއް ބްރޯޑްކާސްޓަރުން ވެސް ހިމެނެ އެވެ.
ބްރޯޑްކޮމްގެ އެ ގަވައިދާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމު ވެސް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ވެސް ހުށަހެޅުއްވި އެވެ. އެ ގަރާރު ވެސް މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީތަކުން އަންނަނީ ދިރާސާކުރަމުންނެވެ.













