ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ޓެކްސް ގާނޫނަށް ބަދަލުގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު މިއަދުގެ ޖަލްސާގައި އެންމެ ފަހުން ފާސްކޮށްފި އެވެ.
ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކުރުމަށް ފަހު ނިންމީ އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރުމަށެވެ.
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި ކަމާ ބެހޭ އެހެން ބައެއް ފަރާތްތަކާ ސުވާލުކޮށް މަޝްވަރާކޮށްގެން އެގޮތަށް ނިންމައި އެކުލަވައިލި ރިިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅީ ހޯމަ ދުވަހެވެ.
ނަމަވެސް، އެ ބިލު ވޯޓާ ހަމައަށް ގެންދަން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ދެކޮޅު ހައްދަވައި، ހުރަސްއަޅުއްވައި ކަމުގެ ތުހުމަތު އިއްޔެ ވެސް ކުރެވުނެވެ.

އަދި އެކަން ރިޔާސަތުން ކުރީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މެމްބަރުން ދަނީ ތުހުމަތު ކުރަމުންނެވެ.
އެ މައްސަލަ ހޫނުވެ، މަޖިލީހުގެ ރައީސްކަމުން ނަޝީދު ދުރުކުރުމަށް އެ ޕާޓީގެ ބައެއް މެމްބަރުން މަސައްކަތް ކުރަން ފަށާފައިވާއިރު، މިއަދުގެ ޖަލްސާގައި އެ ބިލަށް ވޯޓަށް އަހާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެ ބިލު ފާސްކުރަން ވޯޓަށް އަހަން ތައްޔާރުވިއިރު ވެސް ބައެއް މެމްބަރުން ދުންމާރިފުމެ އަޑުގަދަކުރި އެވެ.
ނަމަވެސް، މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރި ގޮތަށް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޓެކްސް ބޮޑުކުރަން ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.
ބިލު ފާސްކުރަން ނުފެންނަ ކަމަށް 26 މެމްބަރުން ވޯޓު ދެއްވި އެވެ.
އެ ބިލު ފާސްވުމަށްފަހު، ނަޝީދު ވިދާޅުވީ ސަރުކާރުން ހުށަހެޅި ގޮތަށް މި ބިލަށް މަޖިލީހުން ލިބުނު "ހަނި" ތާއީދާމެދު ސަރުކާރުން ވިސްނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.













