ދައުލަތުގެ ސީދާ ދަރަނި އަންނަ އަހަރު 9.2 ޕަސެންޓުން އިތުރުވެ، ޖުމްލަ ދަރަނި 101 ބިލިޔަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެެ.
އަންނަ އަހަރަަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަަޅާފައިވާ ބަޖެޓް ދިރާސާކުރާ ކޮމިޓީން އިއްްޔެ ބޭއްވި ބައްދަލުވުމުގައި އަމީރު ވިދާޅުވީ އަންނަ އަހަރު ދަރަނި އިތުރުވި ނަމަވެސް އުފެއްދުންތެެރިކަމުގެ ނިސްބަތުން ދަރަނީގެ އިންސައްތަ މިއަހަރަށް ވުރެ އަންނަ އަހަރު ދަށްވާނެ ކަމަށެވެ.
އުފެއްދުންތެރިކަމުގެ ނިސްބަތުން ދައުލަތުގެ ދަރަނި މިހާރު ހުރީ 98 ޕަސެންޓްގައި ކަމަށާއި އަންނަ އަހަރު ހުންނާނީ 97 ޕަސެންޓްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަން އަހަރު ދައުލަތުގެ ސީދާ ދަރަނި 9.2 އިންސައްތައިން އިތުރުވެ، 101 ބިލިޔަން ރުފިޔާއަށް އަރާނެކަމަށް ބެލެވޭ،" އަމީރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވި ގޮތުގައި ސަރުކާރުން އަމާޒުހިފީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ އިންސައްތަ 2025 ވަނަ އަހަރު އަންނަން ވާއިރަށް 100 އިންސައްތައިން ދަށަށް ގެންދިއުމަށެވެ. އެ އަމާޒު މިހާރު ވެސް ހާސިލުވެފައިވާ ކަމަށާއި ޖުމްލަ ދަރަނި އިތުރުވާ ނިސްބަތަށް ވުރެ އުފެއްދުންތެރިކަން އިތުރުވާ ނިސްބަތް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޖުމްލަ ދަރަނި އިތުރުވާ ނިސްބަތަށް ވުރެ އުފެއްދުންތެރިކަން އިތުރުވާ ނިސްބަތް މަތިވާނެކަމަށް ބެލެވޭތީ އުފެއްދުންތެރިކަމުގެ ނިސްބަތުން ޖުމްލަ ދަރަނި 2022 ވަނަ އަހަރު ނިމޭ އިރު 111 އިންސައްތައިގައި ހުރުމަށް ފަހު 2023 ވަނަ އަހަރު ނިމޭ އިރު 108.9 އިންސައްތައަށް ތިރިވާނެ ކަމަށް ލަފާކުރެވޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ދައުލަތަށް ލިބޭ އާމްދަނީގެ އިތުރުން ދަރަނީގެ ގޮތުގައި އެކިއެކި ގޮތް ގޮތުން އަންނަ އަހަރު ހޯދަން ސަރުކާރުން ނިންމާފައި ވަނީ ޖުމްލަ 11.4 ބިލިޔަން ރުފިޔާ އެވެ. އެއީ ބަޖެޓް ޑެފިސިޓް ހަމަޖައްސަން ބޭނުންވާ 8.4 ބިލިޔަން ރުފިޔާއާއި ލޯނުތައް އަނބުރާ ދައްކަން ބޭނުންވާ 2.1 ބިލިޔަން ރުފިޔާ އާއި ސޮވްރިން ޑިވެލޮޕްމެންޓް ފަންޑަށް ޖަމާކުރާ 871 މިލިޔަން ރުފިޔާ އެވެ.
އެ ފައިސާގެ ތެރެއިން 6.4 ބިލިޔަން ރުފިޔާ ހޯދަން ހަމަޖެހިފައި ވަނީ ރާއްޖޭން ބޭރުން ކަމަށާއި އެތެރޭގެ ފަރާތްތަކުން ފަސް ބިލިޔަން ރުފިޔާ ހޯދަން ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ 2023 ވަނަ އަހަރު ބޭނުންވާ ޖުމްލަ ފައިނޭންސިންގެ ތެރެއިން 38.5 އިންސައްތަ މިހާރު ވެސް ވަނީ ހަމަޖެހިފައި،" އަމީރު ވިދާޅުވި އެވެ.
ހަމަޖެހިފައިވާ ފައިސާގެ ތަފްސީލު ދެއްވަމުން އޭނާ ވިދާޅުވީ އެކި މަޝްރޫއުތަކަަށް ނަގާފައިވާ ލޯނުތަކުން ދޫކުރާ 4.1 ބިލިޔަން ރުފިޔާ އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ. ބޭރުގެ ބާޒާރުތަކަށް 771 މިލިޔަން ރުފިޔާގެ ގްރީން ނުވަތަ ބްލޫ ބޮންޑް ވިއްކާނެ ކަަމަށާއި 100 މިލިޔަން ރުފިޔާގެ ކޮންސެޝަނަލް ބަޖެޓް ސަޕޯޓް ލޯނު ހޯދަން ރާވާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.













