އަލަށް ޗާޕްކުރި 50ރ. ނޫޓުގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
ރުފިޔާގެ ނިޝާން ނޫޓުގައި ހިމެނި މިއީ ފުރަތަމަ ފަހަރެވެ. ފަންސާސް ރުފިޔާގެ ނޫޓު ޗާޕްކޮށްގެން ގެނެސްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. ނަމަވެސް އެ ނޫޓު އަދި ދައުރުކުރަން ނުފަށަ އެވެ.
އެމްއެމްއޭއިން ބުނީ 50ރ. ގެ އާ ނޫޓުގެ ދެ ފުށުގައި ރުފިޔާގެ ނިޝާން ޖަހާފައިވާނެ ކަމަށާއި އެ ނޫޓުގައި ސޮއިކުރައްވާފައިވަނީ ގަވަރުނަރު އަލީ ހާޝިމް ކަމަށެވެ.
އާ ނޫޓު ދައުރު ކުރުމަށް ނެރޭނެ ތާރީހު ފަހުން އިއުލާނުކުރާނެ އެވެ. އާ ނޫޓު ދައުރު ކުރާއިރު، މިހާރު ބޭނުންކުރާ 50ރ. ގެ ނޫޓު ވެސް ދައުރު ކުރަމުން ދާނެ ކަމަށް އެމްއެމްއޭއިން ބުނެ އެވެ.

titledesc
ފަންސާސް ރުފިޔާގެ ނޫޓު އަލުން ޗާޕްކުރީ އިގުތިސޯދުގައި ދައުރުވަމުންދާ މަދުވެގެންނެވެ. ފައިސާގެ ނޫޓު ހަލާކުވުން ފަދަ އެކި ސަބަބުތަކާ ހުރެ، އިގުތިސޯދުގައި ދައުރުވާ ނޫޓު އަދި ވަކި ލާރި މަދުވުމުން، އަލުން ޗާޕުކުރުމަކީ ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއް ފަދައިން ރާއްޖޭގައި ވެސް އާންމުކޮށް ކުރާ ކަމެކެވެ.
ތާނައިގެ "ރ" އެއްގައި ހިމެނޭ ދިވެހި ރުފިޔާގެ ނިޝާން ތައާރަފުކުރީ ޖުލައި މަހު އެވެ.
މި ނިޝާނަކީ ޑޮލަރާއި ޕައުންޑާއި ޔޫރޯގެ އިތުރުން ދުނިޔޭ އެހެން ހިސާބުތަކުގައި ބޭނުންކުރާ ފައިސާ ރަމްޒުކޮށްދޭ ނިޝާންތަކާ އެއްގޮތަށް ދިވެހި ރުފިޔާ ރަމްޒުކޮށްދޭ ނިޝާނެވެ.












