ގދ. ފަރެސްމާތޮޑާއިން ފުރައިގެން ދަތުރުކުރަމުންދިޔަ ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި އޭގެން ދަތުރުކުރި އެކަކު ގެއްލިއްޖެ އެވެ.
އެމްއެންޑީއެފް ބުނީ ބަންޑުޖަހާލީ "ލިއޯ ސަކްސަސް" ނަމަކަށް ކިޔާ ލޭންޑިން ކްރާފްޓެއް ކަމަށާއި، އެ ވަގުތު އެ އުޅަނދުގައި ހަތަރު މީހަކު ތިބި ވެ. އެ މީހުންގެ ތެރެއިން ތިން މީހަކު ސަލާމަތްކޮށްފައި ވާއިރު ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ދަނީ ކުރަމުންނެވެ.
ލިއޯ ޓްރޭޑިންގެ މީޑިއާ އޮފިޝަލް ޝިފާއު ވިދާޅުވީ ގެއްލިގެން ހޯދަމުން ދަނީ އެ ކުންފުނީގައި މަސައްކަތް ކުރާ އިންޑިއާ މީހެއް ކަމަށެވެ. ނަމަވެސް އެ މީހާއާ ގުޅޭ އިތުރު މައުލޫމާތެއް ނުދެ އެވެ.
ދުއިސްތަ ފަންސާސް މެޓްރިކް ޓަނުގެ ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލީ ޝިފާއު ވިދާޅުވި ގޮތުގައި މުދާ ހިފައިގެން އައްޑުއަށް ދަތުރުކުރަމުން ދަނިކޮށް ކަމަށެވެ. އެ އުޅަނދުގައި އަށް ކޮންޓެއިނަރުގެ މުދާ ހުރި ކަމަށް އޭނާ ބުންޏެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ލޭންޑިން ކްރާފްޓު ބަންޑުން ޖަހާލީ ބެޓެރި ފެއިލްވެ، ދިޔަ ވުމުގެ ސަބަބުންނެވެ.

ޕޮލިހުން ބުނީ މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރު 13:25 ހާއިރު އެވެ. ލޭންޑިން ކްރާފްޓު ބަންޑުން ޖަހާލާފައިވަނީ ގދ. ވާދޫ ކުޑަ ކަނޑާއި ދިމާލުން 12 މޭލު ބޭރުން ކަމަށް ފުލުހުން ބުނެ އެވެ.
ބަންޑުން ޖަހާލި އުޅަނދު ކައިރީގައި ވާދޫ "ސީ ވީޑު" ދޯނިން ހަރަކާތްތެރި ވަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައިފާނެ ސަބަބުތައް
ރާއްޖޭގައި ލޭންޑިން ކްރާފްޓު ގެންގުޅޭ މައި އެއް ކުންފުނީގެ އިސް ވެރިޔަކު ބުނި ގޮތުގައި ލޭންޑިން ކުރާފްޓެއް ބަންޑުން ޖަހާލުމަކީ ވަރަށް ނާދިރު ކަމެކެވެ. ނަމަވެސް އޭނާ ބުނި ގޮތުގައި އެފަދަ ހާދިސާއެއް ހިނގައިފާނެ ސަބަބުތައް ހުރެ އެވެ. އެއީ؛
- މުދާ ލޯޑްކުރެވިފައިވާ ގޮތުން އެއް ފަރާތަށް ކަހާލައިގެން އަރި އަޅައިލުން.
- ދެ ފަރާތުގައިވާ ޓޭންކުތަކުންކުރެ ޓޭންކެއް ފަޅައިގެން ގޮސް ދިޔަވެ އަރި އަޅައިލުން. ފަރަށް އުރިގެން ނޫން ގޮތަކަށް ލޭންޑިން ކްރާފްޓު ފަޅައިގެން ދާނީ މުދަލުގެ ބަރު ބޮޑުވެގެން.













