މާލޭގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި 10 މީހުން މަރުވެފައިވާއިރު މުޅި ސިޓީގައި ހުންނަ ހަމައެކަނި މޯޗަރީ ފުރިފައިވާކަން "އަދަދު" އަށް އެނގިއްޖެ އެވެ.
މާލެ ސިޓީ ކައުންސިލުގެ ފަރާތުން މި ނޫހަށް މައުލޫމާތު ދިން ގޮތުގައި އެތަނުގައި ހުންނަނީ 12 މީހުން ބޭއްވުމުގެ ޖާގަ އެވެ. ރޭ ހިނގި އަލިފާނުގެ ހާދިސާގައި އިންޑިއާގެ ނުވަ ރައްޔިތަކާއި ބަންގްލަދޭޝް ރައްޔިތެއް ވަނީ މަރުވެފަ އެވެ.
އެމީހުންގެ ހަށިގަނޑުތައް މޯޗަރީއަށް ލިއިރު ވެސް މިއަދު ގެންދާ ގޮތަށް އެ ތަނުގައި ދެ މީހެއްގެ ހަށިގަނޑު އޮތެވެ. ނަމަވެސް، އެ މީހުން މިއަދު ގެންދެވޭ ގޮތް ވެފައިނުވާކަން ވެސް ވަނީ އެނގިފަ އެވެ.
މިވަގުތު ވެސް އެ ހާދިސާގައި އަނިޔާ ލިބުނު މީހަކަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. އޭނާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެ އެވެ.
އިތުރު މީހަކު މަރުވެ މޯޗަރީއަށް ލާން ޖެހިއްޖެ ހާލަތެއްގައި އަމަލުކުރެވޭނެ ގޮތްތަކެއް ރާއްޖޭގައި ކަނޑައަޅާފައި ނުވެ އެވެ.













