ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އޭޑީކޭ ހޮސްޕިޓަލުން ހޯދާފައިވާ ހިދުމަތްތަކަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ އޮތުމުން އެ ހޮސްޕިޓަލުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގައި، އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް އެ ކޯޓުން ހުކުމްކޮށްފި އެވެ.
އެފްއޭއެމްގެ މައްޗަށް ދައުވާކޮށް އޭޑީކޭއިން ހުށަހަޅާފައިވާ މައްސަލާގައިވާ ގޮތުން، މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް އެ އެސޯސިއޭޝަނުން ދައްކަން ޖެހޭ 1،703،804.75 ރުފިޔާ ދައްކާފައެއް ނުވެ އެވެ. އެއީ މިދިޔަ އަހަރު 15 ފަހަރު މަތިން އެކި ދުވަހު ހޯދާފައިވާ ހިދުމަތްތަކެވެ.
އެފްއޭއެމްގެ ފަރާތުން ވަނީ އެއީ އެ އެސޯސިއޭޝަނުން ދައްކަން ޖެހޭ ފައިސާ ކަމަށް އެއްބަސްވެފަ އެވެ. އެކަމަކު އެއްފަހަރާ އެ ފައިސާ ދައްކަން ދަތިވުމުން އެއް އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން ކޮންމެ މަހަކުވެސް އެ މަހަކަށް ޖެހޭ މިންވަރު ދައްކަމުން ގެންދާގޮތަށް އެފްއޭއެމުން ހުށަހެޅި އެވެ. އެކަމަކު އޭޑީކޭއިން އެ ހުށަހެޅުން ގަބޫލެއް ނުކުރި އެވެ.
މައްސަލައިގެ ހުކުމް ކުރުމުގައި ސިވިލް ކޯޓުން ރިއާޔަތްކޮށްފައިވަނީ ހައިކޯޓުގައި ނިންމާފައިވާ މިފަދަ މައްސަލަތަކުގެ ގަޒިއްޔާތަކަށެވެ. އެ ނިންމުންތަކަށް ރިއާޔަތްކޮށް ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ، މި ހާލަތުގައި އެންމެ އަދަލުވެރި ގޮތަކީ ހައްގު ލިބިދޭން އެދޭ ފަރާތަށް ހައްގުވާ މިންވަރު ވީ އެންމެ އަވަހަކަށް ލިބިދިނުމަށް ނިންމުން ކަމަށެވެ.
އެހެންވެ އެއް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ އޭޑީކޭއަށް ދައްކައި ހަލާސްކުރުމަށް ސިވިލް ކޯޓުގެ ގާޒީ އަހުމަދު ނިމާލް ޖުނައިދު އިއްވެވި ހުކުމުގައިވެ އެވެ.

މީގެ އިތުރުން ވެސް އެފްއޭއެމުން އެކިފަރާތްތަކަށް ފައިސާ ނުދައްކައި ހުރި އެހެން މައްސަލަތަކެއް ވެސް ފެންމަތިވެފައިވެ އެވެ. ސްޓެލްކޯއަށް ނުދައްކާ 6.5 މިލިއަން ރުފިޔާ އޮތުމުން އެފްއޭއެމްގެ އޮފީހުން ކަރަންޓުގެ ހިދުމަތް ވެސް ދާދި ފަހަކުން ކަނޑާލާފައިވެ އެވެ.












