ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތީ ބާރު ހޯދަން މޮރިޝަސް އިން ކުރާ ދައުވާގައި އެ ރާއްޖޭން އެގައުމާ އެއްކޮޅަށް ސަރުކާރުގެ ސިޔާސަތު ބަދަލުކުރި ކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް މިއަދު އަނެއްކާ ވެސް ގަރާރެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ އެމްއެންޕީ މެމްބަރު މުހައްމަދު ނާޒިމު ޗާގޯސް މައްސަލައިގައި 2010 ވަނަ އަހަރުން ފެށިގެން ރާއްޖޭން ގެންގުޅުނު ސިޔާސަތު ބަދަލުކޮށްފައި ވޭތޯއާއި އެ ފަދަ ބަދަލެއް ގެނައި ނަމަ އެކަމުގެ ސަބަބުތައް ރައްޔިތުންނަށް ސާފުކޮށްދޭން ސަރުކާރަށް ގޮވައިލާ ކަމަށެވެ. ޗާގޯސް މައްސަލައިގައި ރާއްޖޭން ގެންގުޅުނު ސިޔާސަތު ސަރުކާރުން ބަދަލުކޮށްފައި ވާ ނަމަ އެކަން ކޮށްފައި ވަނީ ގާނޫނީ ތަރަހައިގެ ތެރެއިންކަން ޔަގީންކުރުމަކީ ގަރާރު ހުށަހެޅުއްވުމުގެ މަގުސަދެއް ކަމަށް ނާޒިމް ވިދާޅުވި އެވެ.
"... މި މައްސަލާގައި މީގެ ކުރިން މޮރިޝަސްއާ ދެކޮޅަށް، އިނގިރޭސިވިލާތާ އެއްކޮޅަށް ބައިނަލް އަގުވާމީ އިދާރާތަކުގައި ރާއްޖޭން ވޯޓުދިން ސަބަބަކީ މޮރިޝަސްގެ ހުށަހެޅުުން ކާމިޔާބުވެއްޖެ ނަަމަ ރާއްޖޭގެ ސަރަހައްދުން ބައެއް އުނިވުމުގެ ފުރުސަތު އޮތުން ކަމަށް މީގެ ކުރިން ސަރުކާރުން ބުނެފައި ވާތީއާއި ، ޗާގޯސް މައްސަލާގައި ރާއްޖޭގެ ސިޔާސަތު ބަދަލުވިކަން ދިވެހިންނަށާއި ރާއްޖޭގެ ގާނޫނުހަދާ މަޖިލީހަށް ނާންގަ[އެވެ]، ގަރާރުގައި ނާޒިމު ވިދާޅުވި އެވެ.
ޗާގޯސް މައްސަލާގައި ސަރުކާރުގެ ސިޔާސަތު ބަދަލުވިގޮތް ފުރިހަމައަށް ބަލައި، އެކަމުގައި ފައިސާއާއި ނުފޫޒު އޮތްތޯ، މަޖިލީހުން ހާއްސަ ކޮމިޓީއެއް ނަގައިގެން ބަލަން ވެސް ގަރާރުގައި އޭނާ ގޮވައިލެއްވި އެވެ.
ޗާގޯސް މައްސަލައިގައި މީގެ ކުރިން މަޑުއްވަރި ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފު މީގެ ކުރިން ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހަޅުއްވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ އަދި ސަރުކާރު ހިންގާ ކޯލިޝަނުގެ މައިޕާޓީ އެމްޑީގެ މެމްބަރުންގެ ތެރެއިން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން އެފަހަރު ވެސް ކުއްލި މައްސަަލައާ އެއްކޮޅަށް ވާހަކަ ދެއްކެވި އެވެ. ނާޒިމު މިއަދު ހުށަހެޅުއްވި ގަރާރަށް ވެސް ބަހުސްގައި އެ މެމްބަރުން ގެންދަވަނީ ތާއީދުކުރައްވަމުންނެވެ.












