ރާއްޖޭގެ ދެކުނުން އޮންނަ ފޯޅަވަހި (ޑިއަގޯ ގާސިއާ) ހިމެނޭ ގޮތުން ޗާގޯސް އައިލެންޑްސްގެ މިލްކުވެރިކަމާ ގުޅޭ މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ހޯއްދަވަން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު، މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
ޗާގޯސް މައްސަލާގައި ރާއްޖެއިން މޮރިޝަސްއާއި އެއްކޮޅަށް ވޯޓު ދޭނެ ކަމަށް ރައީސް ވަނީ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފަ އެވެ. ރާއްޖެއިން މީގެކުރިން ކުރިން އެ މައްސަލާގައި ވޯޓު ދިނީ މޮރިޝަސްއާ ދެކޮޅަށެވެ.
އެ ސިޓީގެ ވާހަކަދައްކަވަމުން އިޓްލޮސްގައި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވީ ރާއްޖޭން އެދެނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ހުރި ފުށުއެރުންތަކާ ގުޅޭގޮތުން މޮރިޝަސް އިން ކުރާ ދައުވާ އަނބުރާ ގެންދިއުމަށް ކަމަށެވެ.
ރައީސް ސޯލިހު، މޮރިޝަސްއަށް ފޮނުއްވި ސިޓީ ހޯއްދަވަން ތޯރިގު މިއަދު މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި އެދިފައި ވަނީ ރައީސްގެ ސިޓީފުޅު މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ގެންނަވައި އެ މައްސަލަ ބަލައި ދިނުމަށެވެ. އަދި، އެ ސިޓީގެ ސަބަބުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ތިން ވަނަ މާއްދާއިން ކަނޑައަޅަފައިވާ ރާއްޖޭގެ ސަރަހައްދަށް ބަދަލު އަންނާނެ ހާލަތެއް މެދުވެރިވާނެ ކަމަށް ވެސް ތޯރިގު ވިދާޅުވި އެވެ.
މައްސަލައިގެ ފަސްފަހަތް
މޮރިޝަސް އިން ޗާގޮސް ގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ކުރި ދައުވާ އެގައުމާއި އެއްކޮޅަށް ނިމި 2019 ވަނަ އަހަރު އެ ކޯޓުން ވަނީ ޗާގޮސް ވީ އެންމެ އަވަހަކަށް މޮރިޝަސް އާއި ހަވާލުކުރުމަށް އިނގިރޭސިވިލާތަށް އަންގާފަ އެވެ. ނަމަވެސް މިހާތަނަށް އެ ނިންމުމަށް އިނގިރޭސިވިލާތުން އިޖާބަދީފައެއް ނުވެ އެވެ.

މީގެ ކުރިން 2019 ވަނަ އަހަރުގެ މެއި 22، ގައި ގައި އދ. އިން އެ ނިންމުމަށް ތާއީދުކޮށް ހަ މަސް ދުވަހުގެ ތެރޭގައި ޗާގޮސް މޮރިޝަސް އާއި ހަވާލުކުރުމަށް 116 ގައުމުގެ ވޯޓާއި އެކު ފާސްކުރި ގަރާރުގައި ރާއްޖެއިން ވޯޓުލީ ދެކޮޅަށެވެ.
މި މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލުވިކަން އިނގުނީ މިހާރު ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ވަކާލާތުކުރައްވަމުން އެ ގަރާރާ އެއްކޮޅަށް ވޯޓުދޭން ނިންމާފައިވާ ކަމަށް ބަންޑާރަ ނައިބު ވިދާޅުވުމުންނެވެ.
ނަމަވެސް އެ މައްސަލައިގެ ސްޓޭންޑަށް އައި ބަދަލުގެ ސަބަބުން ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް ސަރުކާރުން ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
އޭގެ އިތުރުން، ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ލިބުމަށް ރާއްޖެއިން ތާއިދުކޮށް އެ ގައުމާއި އެއްކޮޅަށް ވޯޓުލާން ނިންމީ، ރާއްޖެއަކީ އިސްތިއުމާރުކުރުމާ ދެކޮޅު ގައުމަކަށްވެފައި ގައުމުތަކުގެ ސިޔާދަތީ ބާރު އޮތުމަށް ތާއިދުކުރާ ގައުމަކަށް ވާތީ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.












