ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ހިމަނައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އިއްވެވި ބަޖެޓް ބަޔާނުގައި ވިދާޅުވީ މުވައްޒަފުންގެ މުސާރަތައް އެއް ހަމަ ކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ދެން އެންމެ އަވަހަށް އެއް ހަމަ ކުރާނީ ސިއްހީ ހިދުމަތްތެރިންނަށް ކަމަށެވެ.
އެ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރާނެ ކަމަށް ސީދާ ވިދާޅުވި ނުވިޔަސް، މުސާރަ އެއް ހަމަ ކުރުމަށް އެކުލަވައިލާ އާ އޮނިގަނޑުން، މުސާރައިގެ ކުރިއެރުން އަންނާނެ އެވެ. އެއީ ތައުލީމީ ދާއިރާގެ މުސާރައިގެ އާ އޮނިގަނޑު ތަންފީޒުކުރުމުން އެ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ވެސް ކުރިއެރުން އައިސްފައި ވާތީ އެވެ.
"ޕޭ ހާމަނައިޒޭޝަން މަސައްކަތުގެ ތެރެއިން ދެން އެންމެ އަވަހަށް މުސާރަތައް އެއްހަމަކުރެވިގެން ދާނީ ސިއްހީ ހިދުމަތްތެރިންނަށް. ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެފައިވާ ގޮތަށް ސިއްހީ ދާއިރާގެ މުސާރަތަައް އެއްހަމަ ކުރުމުގެ ސިޔާސަތު ތަންފީޒުކުރުމަށް ޓަކައި ބަޖެޓްގައި ވާނީ ހިމަނާފައި،" އަމީރު ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައިވާ ގޮތުން ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ދައުލަތުން ކުރާ ހަރަދު މިއަހަރަށް ވުރެ 17.5 ޕަސެންޓް އިތުރުވާނެ އެވެ. އެހެން ނަމަވެސް އެއާ އެކު 1،000 މުވައްޒަފުން ވެސް އެ ދާއިރާއަށް އިތުރުކުރާނެ އެވެ.

ބަޖެޓް ބަޔާނުގައި އަމީރު ވިދާޅުވީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ދާއިރާއަކީ ސިއްހީ ދާއިރާކަމަށާއި އެ ދާއިރާއަށް ބަޖެޓްގައި ފަސް ބިލިޔަން ރުފިޔާ ހިމަނާފައިވާނެ ކަމަށެވެ. އެ ދާއިރާއަށް ބަޖެޓްގައި ޖެހި ފައިސާގެ އަދަދު އިތުރުކޮށްގެން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެއް ކަމަކީ ރާއްޖޭގެ ފަސް ސަހައްދެއްގައިވާ ފަސް ހޮސްޕިޓަލެއް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރުމަށް ކުރާ ހަރަދު އިތުރުކުރުމެވެ.
"ޓާޝަރީ ފެންވަރަށް ތަރައްގީކުރެވޭ ފަސް ހޮސްޕިޓަލުގެ ބަޖެޓް 2018 ވަނަ އަހަރާ އަަޅައި ބަލާއިރު ތިން ގުނައަށް އަންނަ އަހަރު ބޮޑުވާނެ،" އަމީރު ވިދާޅުވި އެެވެ.
ސިއްހީ ދާއިރާއަށް ދައުލަތުން ހަރަދުކުރަން މިއަހަރުގެ ބަޖެޓްގައި ޖެހީ 4.49 ބިލިޔަން ރުފިޔާ އެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި އެ ދާއިރާއަށް ހާއްސަކޮށްފައި އޮތީ 5.02 ބިލިޔަން ރުފިޔާ އެވެ. މިއީ 11.7 ޕަސެންޓްގެ އިތުރުކުރުމެކެވެ.












