ޗާގޮސްގެ ފުރަތަމަ ވަޒަންވެރިން މޮރިޝަސްއާ ގުޅެން ބޭނުންނުވާ ކަމަށާއި އެމީހުންނަކީ މޮރިޝަސް މީހުން ނޫން ކަމަށް ބުނެފި އެވެ.
ރާއްޖެ އާއި ޗާގޮސްއާ ދެމެދު ކުރިއަށްދާ ޗާގޮސް އައިލެންޑްސް އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ މައްސަލަ އާއި މޮރީޝަސް އިން ޗާގޮސްގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް ކުރަމުންދާ މަސައްކަތާ ބެހޭގޮތުން "ޗާގޯސިއަން ވޮއިސެސް" އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޗާގޮސް އައިލެންޑްސްގެ ހަގީގީ ވެރިންނަކީ އެމީހުން ކަމަށެވެ.
"ގަދަކަމުން ބޭލި ޗާގޯސްގެ އަސްލު ވަޒަންވެރިންނަށް އެ ރަށްތަކުގެ މިނިވަންކަމާ މެދު ގޮތް ނިންމުމުގެ ބާރު އޮންނަންޖެހޭ، މޮރިޝަސްއާ ޗާގޮސްއާ ދެމެދު އޮތް ހަމައެކަނި ގުޅުމަކީ އިނގިރޭސިންގެ ބާރުގެ ދަށުގައި ރަށްތައް އޮތްއިރު އެ ރަށްތައް ބެލެހެއްޓުމަށް ހަވާލުކުރިކަން"، ޗާގޮސްގެ ވަޒަންވެރިންގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ޗާގޯސް ގެ އަސްލު ވަޒަންވެރިން ނުވަތަ "ޗާގޯސިއަންސް" އަކީ އެމީހުންގެ އަމިއްލަ ބަހަކާއި ސަގާފަތެއް އޮތް ބައެއް ކަމަށާއި ޗާގޮސްގެ ރަށްތަކުގައި އެމީހުން 200 އަށްވުރެ ގިނަ އަހަރު ވަޒަންވެރިވެގެން އުޅުނުކަންވެސް އެ ފަރާތްތަކުން ވަނީ ފާހަގަ ކޮށްފަ އެވެ.
ޗާގޯސްގެ އަސްލު ވަޒަންވެރިން ވަނީ 2019 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް އިން ޗާގޯސް އައިލެންޑްސް މޮރިޝަސްއާ ހަވާލުކުރުމަށް ނިންމި ނިންމުން ބާތިލުކޮށް އެ މައްސަލަ އަލުން ބެލުމަށްވެސް ގޮވާލާފަ އެވެ. ސަބަބެއްގެ ގޮތުގައި އެ ފަރާތްތަކުން ބުނެފައިވަނީ މޮރިޝަސް އިން މައްސަލަ ހުށަހެޅިއިރު އެމީހުންނަކީ ޗާގޮސް އައިލެންޑްސްގައި ދިރިއުޅުނު މޮރިޝަސްގެ މީހުން ކަމަށް ބުނުމެވެ. އަދި އެމީހުންނަށް މި މައްސަލައިގައި ބަސްބުނުމުގެ ބާރު ލިބިފައި ނެތުމެވެ.

ޗާގޮސް އައިލެންޑްސްގައި ދިރިއުޅެމުންދިޔަ 1500 އެއްހާ މީހުންގެ އާބާދީ އިނގިރޭސިންނާއި އެމެރިކާ ގުޅިގެން ގަދަކަމުން ބޭލީ 1960 އާއި 1970 ގެ އަހަރުތަކުގެ ތެރޭގަ އެވެ. އެ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު ރަށް ކަމުގައިވާ ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް އެޅުމަށް ކުރެވުނު މި އަނިޔާވެރި އަމަލުގެ ތެރޭގައި ގިނަ ބަޔަކު ވަނީ މަރުވެފަ އެވެ. ދިރިތިބި މީހުން ގެންދިޔައީ ކައިރި އޮތް މޮރިޝަސް އަދި ސީޝެލްސް އަށެވެ.
އެއަށްފަހު ޗާގޯސްގެ އަސްލު ވަޒަންވެރިން އަންނަނީ އެކި ފަހަރުމަތިން އެކި ގޮތްގޮތަށް އެމީހުންނަށް ލިބުނު އަނިޔާގެ ވާހަކަ ދައްކާ އެކަމަށް ބަދަލު ހޯދުމަށް މަސައްކަތް ކުރަމުންނެވެ. މިހާތަނަށް އެމީހުންނަށް އިނގިރޭސިން ބަދަލުގެ ގޮތުގައި ދީފައިވަނީ ބޮލަކަށް 3000 ޕައުންޑެވެ.
ޑިއެގޯ ގާސިއާގައި ގާއިމުކުރި އެމެރިކާގެ އަސްކަރީ މަރުކަޒު މިހާރުވެސް 'އެކްޓިވް' އެވެ. 9/11 އަށްފަހު އިރާގަށާއި އަފްގާނިސްތާނަށް ބޮން އެޅުމުގައި އެމެރިކާގެ މައި މަރުކަޒަކަށްވީ ގަދަކަމުން އެ ރަށުގެ ވަޒަންވެރި ބޭލި ޗާގޯސްގެ ރަށްތަކެވެ.













