މާޔޫސްވުމަކާއި ޑިޕްރެޝަނަކީ އަގީދާ ބަލިކަށިވެގެން ދިމާވާ ކަމެއް ނޫން ކަމަށް މަޝްހޫރު އިލްމުވެރިޔާ މުފްތީ މެންކް މިރޭ ވިދާޅުވެއްޖެ އެވެ.
"ޑިޕްރެޝަން، އެންޒައިޓީ އެންޑް ސްޓްރެސް"، ގެ މައުލޫއަށް މާލޭ ކާނިވާ ސަރަހައްދުގައި ބޭއްވި ދަރުސްގައި ވާހަކަ ދައްކަވަމުން މެންކް ވިދާޅުވީ އީމާންތެރިކަމުން މާޔޫސްކަމަށް ފަރުވާ ކުރެވުނު ނަމަވެސް އެއީ އަގީދާ ބަލިކަށިވެގެން މެދުވެރިވާ ކަމެއް ނޫން ކަމަށެވެ.
"މާޔޫސްވުމަަކީ އަގީދާ ބަލިކަށިވެގެންވާ ކަމެއް ނޫން. އެއާ ހިލާފަށް މާޔޫސްކަމުން ލިބޭ ގެއްލުން، އިމާންކަމުން ކުޑަ ކުރެވޭ، ތަސައްލީ ހޯދޭ،" ވަރަށް ގިނަ އަދަދެއްގެ ބަޔަކު އަޑުއަހަން ދިޔަ އެ ދަރުސްގައި ވާހަކަ ދައްކަވަމުން މެންކް ވިދާޅުވި އެވެ.
"ދެރަވެ، މާޔޫސްވެފައިވާ މީހާއަށް އިމާންތެރިކަމެއް ނެތޭ ބުނުމަކީ ގޯހެއް."
މެންކް ވިދާޅުވީ އިންސާނުންނަކީ ޝުއޫރުތަކާއި އިހްސާސްތަކުން ފުރިގެންވާ ބައެއްކަމުން، އަބަދުވެސް ﷲގެ އެހީއަށް އެދުން މުހިންމު ކަމަށެވެ. އަދި އެއީ ރަސޫލާ މުހައްމަދު ސައްލަﷲ އަލައިހު ވަސައްލަމް ވެސް ދެއްކެވި މިސާލު ކަމަށް މެންކް ވިދާޅުވި އެވެ.

"ﷲ އަށް ތިބާ އެނގިވޮޑިގަންނަވާ ތިބާއަށްވުރެ ބޮޑަށް. އެހެންކަމުން އަބަދުވެސް އެކަލާންގެ އެހީއަށް އެދޭ. އަބަދު ވެސް ދުއާ ކުރޭ. ކަންނެތްކަމާއި ފިނޑިކަމުން ސަލާމަތް ކުރައްވާތޯ ދައުވާ ކުރޭ،" މުފްތީ ވިދާޅުވި އެވެ.

މިރޭގެ ދަރުސްގައި ރައީސް ސޯލިހު އަދި މެންކް: ވަރަށް ގިނަ އަދަދެއްގެ ބަޔަކު މިރޭ ކާނިވާ ސަރަހައްދަށް ދިޔަ -- ފޮޓޯ: ރައީސް އޮފީސް
ފިކުރުބޮޑުވުމާއި ދެރަވުމުން ސަލާމަތް ކުރެއްވުމަށް މުހައްމަދު ސައްލަﷲ އަލައިހު ވަސައްލަމަ ވެސް ދުއާ ކުރެއްވި ކަމަށް މުފްތީ ވިދާޅުވި އެވެ.
"ރަސޫލާ ސައްލަﷲ އަލައިހު ވަސައްލަމް ވަރަށް ގިނައިން ކުރެއްވި ދުއާއެއް އޮވޭ. ޔާ ﷲ ފިކުރާއި ދެރަވުމުން މިއަޅާ ސަލާމަތްކޮށްދެއްވާންދޭ. އަދި ކަންނެތްކަމާއި ނާގާބިލްކަމުން ސަލާމަތް ކުރައްވަން ވެސް އެކަލޭގެފާނެ ދައުވާ ކުރެއްވި،" މެންކް ވިދާޅުވި އެވެ.
މުފްތީ ވިދާޅުވީ މާޔޫސް ކަމަށް ޑޮކްޓަރީ ބޭސް ވެސް ކުރަންޖެހޭނެ ކަމަށާއި ދަރިންގެ ނަފުސާނީ ދުޅަހެޔޮކަމަށް މައިންބަފައިން ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމަށެވެ.
"މައިންބަފައިން ވަރަށް ބޮޑަށް ވިސްނަންޖެހޭ. ބައެއް ފަހަރު ކުދިން އަމިއްލައަށް މަރުވުމުގެ ހިޔާލު ގެންގުޅެނީ މައިންބަފައިންގެ ފަރާތުން އެންމެ އެކަށީގެންވާ އަޅާލުން ނުލިބިގެން،" މުފްތީ ވިދާޅުވި އެވެ.
މުފްތީ މެންކް ރާއްޖެ ވަޑައިގަތީ މިދިޔަ ބުރާސްފަތި ދުވަހެވެ. މިއަދު މާލޭ އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރެއްވީ ވެސް މެންކެވެ. ރާއްޖޭގައި މެންކް ހަތަރު ދަރުހެއް ދެއްވާނެ އެވެ. އޭގެ ތެރޭގައި ފުވައްމުލަކުގައި ދެއްވާ ދަރުހެއް ވެސް ހިމެނެ އެވެ.
މިރޭގެ ދަރުސް އަޑުއެހުމަށް ވަރަށް ގިނަ ބައެއް ހާޒިރުވެ، މުޅި ސަރަހައްދު އޮތީ ފުރާލައިފަ އެވެ. އެ ދަރުހަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވެސް ވަޑައިގެންނެވި އެވެ.











