ރާއްޖޭގެ ދެކުނުގައިވާ ފޯޅަވަހި ހިމެނޭ ގޮތުން ޗާގޯސް ޖަޒީރާތަކަކީ މޮރިޝަސްގެ ސިޔާދަތީ ބާރުހިނގާ ތަނަކަށް ހަދަން އެގައުމުން ކުރާ މަަސައްކަތުގައި މީގެ ކުރިން ރާއްޖޭން އެގައުމާ ދެކޮޅެވެ. އދ.ގެ އާއްމު މަޖިލީހުގައި 2019 ވަނަ އަހަރު ނެގި ވޯޓުގައި ރާއްޖޭން ވޯޓު ދިނީ ވެސް އެގައުމާ ދެކޮޅަށެވެ.
ޗާގޯސް އަކީ މޮރިޝަސްގެ ސަރަހައްދެއް ކަަމަށް ކަނޑައަޅަން އދ.ގެ އާއްމު މަޖިލީހުން 2019 ވަނަ އަަހަރު ނިންމީ އެގޮތަށް ފާސްކުރަން 116 ގައުމަކުން ވޯޓުދީގެންނެވެ. މޮރިޝަސްއާ ދެކޮޅަށް އެފަހަރު ވޯޓުދިނީ ރާއްޖޭގެ އިތުރުން އިނގިރޭސި ވިލާތް، އެމެރިކާ، އޮސްޓްރޭލިއާ، ހަންގޭރީ އަދި އިޒްރޭލެވެ. އެފަހަރު 56 ގައުމަކުން ވަކިކޮޅަކަށް ވޯޓެއް ނުދެ އެވެ.
ރާއްޖޭން އެފަހަރު ވޯޓު ދިން ގޮތާ މެދު ބައެއް ގައުމުތަކުން ނުރުހުން ފާޅުކުރި އިރު އިދިކޮޅު ޕީޕީއެމުން ވެސް އެކަން ކުށްވެރިކޮށް ބަޔާނެއް ނެރުނެވެ. ޕީޕީއެމުން 24 މޭ 2019 ގައި ނެރުނު ބަޔާނުގައި ބުނީ އެ ނިންމުމަކީ ދުނިޔޭގެ މައި ކޯޓާއި މޮރިޝަސްގެ ރައްޔިތުންގެ އިންސާނީ ހައްގުތައް ގެއްލޭ އަމަލެއް ކަމަށެވެ. ރާއްޖެ އިން ވޯޓު ދިން ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް، އެ ބަޔާނުގައި އެކަން ކުށްވެރި ވެސް ކުރި އެވެ.
"މި މައްސަލައިގެ ހަގީގަތް ރައްޔިތުންނަށް އޮޅުވައިނުލައްވައި، ސާފުކޮށްދެއްވައި، މިކަމުގައި އަމަލުކުރެވިފައިވާ ގޮތާމެދު ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށް،" ގޮވާލާ ކަމަށް ޕީޕީއެމް އިން ނެރުނު ބަޔާނުގައި ބުންޏެވެ.
ޕީޕީއެމްގެ އެ ބަޔާން ރާއްޖޭގެ ގިނަ ނޫސްތަކުން އެދުވަހު ކަވަރު ވެސް ކުރި އެވެ.

އެކަމަކު، ޕީޕީއެމުން ވެރިކަން ކުރި ދުވަސްވަރު ވެސް ރާއްޖެ އިން ވޯޓު ދީފައި ވަނީ ޗާގޯޒް އައިލެންޑްސް، މޮރިޝަސްގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމާ ދެކޮޅަށެވެ.
އެހެން ނަމަވެސް ސަރުކާރުގެ ސިޔާސަތު މޮރިޝަސްއާ އެއްކޮޅަށް ދީލައިލުމުން އެކަން ކުށްވެރިކޮށް ޕީޕީއެމް/ޕީއެންސީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަަޅައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުންގެ ތެރެއިން 54 މެމްބަރުން ވޯޓުދެއްވައިގެންނެވެ.
އާދަމް ޝަރީފު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ ޗާގޯސްގެ ސިޔާދަތީ ބާރު ހޯދަން މޮރިޝަސް އިން ކުރާ ދައުވާ އެގައުމާ އެއްކޮޅަށް ނިމިއްޖެ ނަމަ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭނެ ކަމަށެވެ. އެ މައްސަލައިގައި މޮރިޝަސްއާ ދެކޮޅު ސިޔާސަތެއް ރާއްޖޭން މީގެ ކުރިން ދެމެހެއްޓީ އެ ސަބަބާ ހެދި ކަމަށް ވެސް ކުއްލި މައްސަލައިގައި އާދަމް ޝަރީފު ވިދާޅުވި އެވެ.
ސަރުކާރުން އޭރު ބުނީ ޗާގޯސް މައްސަލައިގައި މޮރިޝަސްއާ ދެކޮޅަށް ވޯޓުދިނީ އެރަށްތައް މޮރިޝަސް އަށް ލިބިއްޖެ ނަމަ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިދާނެތީ ކަމަށެވެ. ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު މީޑިއާތަކަށް އޭރު ވިދާޅުވެފައިވާ ގޮތުގައި މޮރިޝަސްއާ ދެކޮޅަށް ވޯޓު ދިނީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ހިމާޔަތްކޮށް، ބައިނަލްއަގުވާމީ ގާނޫނުތަކާއި ރާއްޖޭގެ ގާނޫނުން ލިބޭ ސަރަހައްދު ކަށަވަރު ކުރާށެވެ.












