ރީބްރޯޑްކާސްޓްކުރުމުގެ ގަވައިދަށް، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ގެނައި ބަދަލާ ގުޅިގެން، ދިރާގު ޓީވީގެ ހިދުމަތް ހުއްޓަައިލަން ޖެހިދާނެ ކަމަށާއި އެހެން ނަމަވެސް އެ ހިދުމަތް ހުއްޓައިނުލާ ވޭތޯ އަދިވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ދިރާގުން މިއަދު ބުނެފި އެވެ.
ރީބްރޯޑްކާސްޓްކުރުމުގެ ގަވައިދަށް ބްރޯޑްކޮމް އިން ގެނައި ބަދަލުގައިވާ ގޮތުން، ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދެން ލިބޭނީ 100 ޕަސެންޓް ދިވެހި ކުންފުނިތަކަށެވެ. ދިރާގުގެ މެޖޯރިޓީ ހިއްސާދާރަކީ ބަހުރެއިންގެ ބަޓެލްކޯ އެވެ. އެހެންވީމާ، ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދިނުމުގެ ލައިސަންސަށް ދިރާގު މިހާރު ޝަރުތު ހަމައެއް ނުވެ އެވެ.
ދިރާގުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ލައިސަންސް އާކުުރެވޭނެ ގޮތެއް އޮތްތޯ ކަމާ ބެހޭ މުއައްސަސާތަކާއި ބްރޯޑްކޮމްއާ ވެސް މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
"...ނަމަވެސް މިކަމުގައި ހައްލެއް ނުލިބިއްޖެނަމަ، މިހާރު އާބާދީގެ ބޮޑު ބަޔަކަށް ދެމުން ގެންދާ ދިރާގު ޓީވީގެ ޚިދުމަތުގެ ލައިސެންސް ޖަނަވަރީ 2023 ގައި މުއްދަތު ހަމަވުމުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ހިދުމަތް ހުއްޓާލަން ޖެހިދާނެ އެވެ. އަޅުގަނޑުމެން މި ކުރިއަށްގެންދާ މަޝްވަރާތަކުގެ ނަތީޖާއަށް ބިނާކޮށް އިތުރު މައުލޫމާތު ކަސްޓަމަރުންނާ ހިއްސާކުރާނެ ވާހަކަ ދަންނަވަމެވެ،" ދިރާގުން މިއަދު ނެރުނު ބަޔާނުގައި ބުންޏެވެ.

ދިރާގުން ބުނިގޮތުގައި ދިރާގު ޓީވީގެ ހިދުމަތް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެތައް ހާސް ބަޔަކު އަންނަނީ ބޭނުންކުރަމުންނެވެ. އެ ކަސްޓަމަރުންނަށް ދިރާގުން ޝުކުރުއަދާކުރެ އެވެ.
"...އަޅުގަޑުމެން ތިބޭފުޅުންނަށް ދެމުންދާ މި ހިދުމަތް ކުރިޔަށް ގެންދެވޭނޭ ގޮތެއް ވޭތޯ ބެލުމަށް އަދިވެސް މަސައްކަތް ކުރަމުން ގެންދާ ވާހަކަ ދަންނަވަމެވެ،" ދިރާގުގެ ބަޔާނުގައި ބުންޏެވެ.
ރީބްރޯޑްކާސްޓްކުރުމުގެ ގަވައިދަށް ބްރޯޑްކޮމްއިން ގެނައި ބަދަލުގެ ސަބަބުން ދިރާގުގެ ލައިސަންސް ގެއްލޭތީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.












