ޝަރުއީ ދާއިރާއިން އެންމެ ފުރިހަމައަށް މައުލޫމާތު ދިނީ ހައިކޯޓުން ކަން މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ދައުލަތުގެ އިދާރާތަކުން މައުލޫމާތު ދޭ މިންވަރު ދެނެގަތުމަށްފަހު ނެރުނު އާރްޓީއައި ރިޕޯޓުން ދައްކައިފި އެވެ.
އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން ދަ މޯލްޑިވްސް އަދި ޒިންމާދާރު ޕްރޮޖެކްޓު ގުޅިގެން ހިންގި މި ދިރާސާގައި ދައުލަތުގެ ޖުމްލަ 73 އިދާރާއަކުން މައުލޫމާތު ދޭ މިންވަރު ވަނީ ބަލާފަ އެވެ. އެގޮތުން ތިން ފަހަރެއްގެ މަތިން އެ އިދާރާތަކުން މައުލޫމާތަށް އެދި ދެ ފަހަރެއްގެ މަތިން ވަނީ ރިވިއުކޮށްފަ އެވެ.
އާރްޓީއައި ރިޕޯޓުގައި ވާ ގޮތުން ހައި ކޯޓުން ވަނީ އެ އިދާރާއިން އެދުނު ހުރިހާ މައުލޫމާތެއް ފޯރުކޮށްދީފަ އެވެ. ޝަރުއީ ދާއިރާއިން ދެން އެންމެ ރަނގަޅަށް މައުލޫމާތު ހާމަކޮށްފައިވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިންނެވެ. އެ އިދާރާއިން އެދުނު މައުލޫމާތުގެ 95.8 އިންސައްތަ ވަނީ ހާމަކޮށްފަ އެވެ.
ޖުމްލަ ގޮތެއްގައި ބަލާއިރު، ޝަރުއީ ދާއިރާގެ އިދާރާތަކުން މައުލޫމާތު ހާމަކުރުމުގެ އިންސައްތަ އެންމެ ފަހުން ކުރި ރިވިއުގައި ހުރީ 39.8 ޕަސަނެޓެވެ. މި ރިވިއު ކުރެވުނީ މި އަހަރުގެ ޖޫން މަހު އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ކުރެވުނު ފުރަތަމަ ރިވިއުގައި އެ އިންސައްތަ ހުރީ 26 ގަ އެވެ.

ޝަރުއީ ދާއިރާއިން އެ ދެ ރިވިއުގެ ދެމެދުގައި ޖުމްލަ 13.8 ޕަސަންޓުގެ ކުރިއެރުމެއް ހޯދާފައި ވީނަމަވެސް އެ ދާއިރާގެ އިދާރާތަކުން މައުލޫމާތު ހާމަކުރާ މިންވަރު އަދިވެސް ހުރީ ކަންބޮޑުވާ މިންވަރެއްގަ އެވެ.













