އުޅަނދުތަކެއްގެ ރަޖިސްޓްރީ ޓްރާންސްޕޯޓް މިނިސްޓްރީން ބާތިލް ކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ހުށަހެޅި މައްސަލައެއްގައި، އެ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލް ކުރުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
އެ މައްސަލަ ހުށަހެޅީ ސެޕްޓެމްބަރު 7، އަދި ސެޕްޓެމްބަރު 26 ގައި ޓްރާންސްޕޯޓުން ބާތިލް ކުރި އުޅަނދުތަކެއްގެ ވެރި ފަރާތުންނެވެ. އެ މައްސަލައިގައި ސިވިލް ކޯޓުން މިއަދު އަމުރު ކުރީ އެ މައްސަލަ ބަލައި ނިމެންދެން ރަޖިސްޓްރީ ބާތިލް ކުރުމުގެ މަސައްކަތް ނުކުރުމަށެވެ.
ދައުވާ ކުރާ ފަރާތްތަކުން އެ މައްސަލައިގައި ބުނީ އެ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލް ކުރީ ގަވާއިދާ ހިލާފަށް، ގަވާއިދާ ހިލާފުވި ކަމަށް ބުނާ ގޮތް އެންގުމެއް ނެތި އަދި ދުރާލައި ރަޖިސްޓްރީ ބާތިލް ކުރާކަން ވެސް އެންގުމެއް ނެތި ކަމަށެވެ.
އެ މައްސަލައިގައި ދައުލަތުން ބުނީ އެ އުޅަނދުތައް ބާތިލް ކުރީ އެއީ އުމުރު ހަމަނުވި ނަމަވެސް ގަވާއިދާ ހިލާފަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަކަށްވުމުން ކަމަށެވެ. އަދި އެ އުޅަނދުތަކުގެ ރަޖިސްޓްރީ މާލޭ ޒޯނަށް ބަދަލު ކުރީ ވެސް ގަވާއިދާ ހިލާފަށް ކަމަށް ދައުލަތުން ބުންޏެވެ.
އެ މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓްރީއާ ދެކޮޅަށް ދައުވާ ކުރަނީ ސ. ހިތަދޫ، ކެލާމާގެ، މުހައްމަދު ހާފިޒާއި ހަމަ އެ ރަށު މާހިޔާ، އަޒްހާ މުހައްމަދާއި ސ. ހުޅުދޫ، ނަސީމީވިލާ، މުހައްމަދު ސާއިމް އަބްދުﷲ އާއި ގއ. ވިލިނގިލީ، ސުވާސާގޭ، މުހައްމަދު ޝަހުމާއި ޅ މަރޮށި، ދިލްބަހާރުގޭ، ހަސަން ވަހީދާއި ނ. މަނަދޫ ގްރީންގޭ، މޫސާ ޝިފާޒާއި . ފޮނަދޫ، ސްކައިލައިން، މުހައްމަދު އަފްޒަލާއި މ. ލިލަކު، އަލީ ނާޖިހާއި ހުޅުމާލޭ، 1047، އަބްދުއްރަޝީދެވެ.

މި ސެޕްޓެމްބަރު މަހުން ފެށިގެން ވަރަށް ގިނަ އަދަދެއްގެ އުޅަނދުފަހަރުގެ ރަޖިސްޓްރީ ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބާތިލްކޮށްފަ އެވެ. އެކަމާ ގުޅިގެން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ބާތިލް ކުރަނީ ގަވާއިދާ ހިލާފަށް ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ ކަމަށެވެ.












