ލޮލަށް އަޅާ ބޭހެއް ކަމަށްވާ އެލާސިން އައި ޑްރޮޕްސްގެ ޑިފެކްޓެޑް ބެޗެއް ބާޒާރަށް ނެރެވިފައިވާތީ ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.
އެމްއެފްޑީއޭއިން ނެރުނު އެލާޓެއްގައި ބުނީ މެލޭޝިޔާ ކުންފުންޏަކުން އުފައްދާފައިވާ އެލާސިން އައި ޑްރޮޕްސްގެ ހަ ބެޗެއްގައި ޑިފެކްޓެއް ހުރި ކަމަށް މެލޭޝިޔާގެ ނެޝަނަލް ފާމަސޫޓިކަލް ރެގިއުލޭޓަރީ އެޖެންސީން އަންގާފައިވާ ކަމަށެވެ.
އެގޮތުން، ޑިފެކްޓް ހުރިކަމަށް ބުނާ ހަ ބެޗުގެ ތެރެއިން ދެ ބެޗެއް ރާއްޖެއަށް ޑިސްޓްރިބިއުޓް ކޮށްފައިވާ ކަމަށް ވެސް އެމްއެފްޑީއޭން ބުނެ އެވެ.
ޑިފެކްޓު ހުރި ބެޗުތަކުގެ ތެރެއިން ރާއްޖެއަށް ޑިސްޓްރިބިއުޓް ކުރި ބެޗުތަކަކީ 193033L އަދި 200607L އެވެ.
މިއީ އެމްއެފްޑީއޭގައި ރަޖިސްޓްރީކޮށް، ރާއްޖެއަށް އިމްޕޯޓު ކުރުމާއި ވިއްކުމަށް ހުއްދަކުރާ ބޭހުގެ ލިސްޓުގައި ހިމެނޭ ބޭހެކެވެ. އެހެންކަމުން އެ ބޭސް ރަޖިސްޓްރީކޮށްފައިވާ ފަރާތާ ގުޅިގެން، ޑިފެކްޓު ހުރި ކަމަށް ބުނާ ބޭހުގެ ބެޗުތައް ރާއްޖޭގެ ބާޒާރުން ނަގަމުންދާނެ ކަމަށް އެމްއެފްޑީއޭއިން ބުނެ އެވެ.

އެމްއެފްޑީއޭއިން ވަނީ، އެ ބޭސް ބޭނުންކުރާ ފަރާތްތަކުން ބޭހުގެ ޑިފެކްޓެޑް ބެޗުތައް ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.
އެ އޮތޯރިޓީން ބުނީ ރައްކާތެރިކަމުގެ ފިޔަވަޅެއް ގޮތުން ބޭސް އެތެރެކުރާއިރު ހާއްސަ ސަމާލުކަމެއް ދީގެން ޕޯޓުތަކުގައި ބަލައިފާސްކުރަމުން ގެންދާނެ ކަމަށެވެ. އަދި ބޭސްތަކާ ގުޅޭ މައުލޫމާތެއް ލިބިއްޖެނަމަ އެމްއެފްޑީއޭގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅާ، މައުލޫމާތު ހިއްސާ ކޮށްދިނުމަށް ވެސް އެ އޮތޯރިޓީން ވަނީ އެދިފަ އެވެ.













